ފުލުހުންގެ ވެރިން ކޮށާކާޅަށް ދިނަސް ވަޒީރު އިހުސާނަށް ވަރިހަމަ!
މިހާރަކު ޖެހިގެން މިއުޅެނީ ކޮންފަދަ ބަލިމަޑުކަމެއް ހެއްޔެވެ. ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ އިސްވެރިން ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ފޫގަޅައިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ.
ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރަކާއި އޭސީޕީ ޝިފާން ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމިތާ މާގިނަ ދުވަހެއް އަދި ނުވެއެވެ. އޭގެ ކުރިން ކަސްޓަމްސްގެ ޑެޕިއުޓީ ކަމިޝަނަރ އަކުވެސް ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމިއެވެ. އެންމެ ފަހުން ޕޮލިސް ކޮމިޝަނަރ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔިތު ކޮމެޓީން ހުސްވި މަސް ނިމިނިމި އޮއްވާ ވަނީ ފާސްކޮށްފައެވެ. މިފަހަރު ސަސްޕެންޑް ކުރަން ނިންމީ ފުލުހުންގެ ލަޝްކަރުގެ އެންމެ އިސް މީހުންނެވެ.
ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެކެވެ. ކުރަންވެސްޖެހޭ ކަމެކެވެ. އެހެނެއް ކަމަކު ބަޔަކަށް ފިޔަވަޅުއަޅަން ފާސްކުރުމުގެ ކުރިން ފާސްކުރަން ތިބި މެންބަރުން ތިބީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެގެންތޯ އަމިއްލައަށްވެސް ވިސްނާލުން ރަނގަޅެވެ. ކޮރަޕްޝަނާއި ފަސާދަ ނައްތާލުމުގެ ނަމުގައި ކުރާ އެފަދަ ކަންކަމަކީ ބަޔަކު މީހުންގެ ކިބައިން ބަދަލެއް ހިފާލުމަށް ނުވަތަ ވަކިބައެއްގެ ބާރުގެ ދަށަށް ތަންފީޒީ މުއައްސަސާތައް ގެންދިޔުމުގެ ނުބައި ނިޔަތުގައި ކުރާކަމަކަށް ނުވުމަށްވުރެ ވުންގާތެވެ.
ކަންކަން ހިނގާ ގޮތާމެދު ވިސްނާލުމުން ދައުލަތުގެ ޔުނީފޯމް ބޮޑީތަކުގެ އިސްވެރިން ސަސްޕެންޑް ކުރުމަށް ނިންމަމުން ދަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް (ނަމިރާ ނާޒިމް) ކޮންޓްރޯލްކުރާ ކޮމެޓީ ތަކަކަށްވުމަކީ ކުޑަ އިއްތިފާގެއް ނޫނެވެ. ހަމައެކަނި މާލިއްޔަތު ކޮމެޓީއަށް ވިސްނާލިޔަސް ރައްޔިތުންގެ ތެރޭގައި ކޮރަޕްޝަނުގެ އިނގިލި ދިއްކުރެވޭ މީހުން އެބަ ތިއްބެވެ. އަމިއްލަ ވިޔަފާރީގެ މަސްލަހަތު ހިމާޔަތްކުރަން މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވާދަވެރި ވިޔަފާރިތައް ފުޑާލަން މަސައްކަތް ކުރާ ބަޔަކު މާލިއްޔަތު ކޮމެޓީގައި ތިބިކަމަށް ބުނާ މީހުން މަދެއްނޫނެވެ.
ހުދު އަހުމަދު ނާޒިމުގެ ނަޒާހަތްތެރިކަމާމެދު މީހުން ސުވާލު އުފައްދައެވެ. 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މައްސަލަ އަލުން ބަލަށް އަމުރުކޮށް ސްޕްރީމް ކޯޓުން ދޫކޮށްލުމުން އެމައްސަލަ އަލުންނުބަލާ އޮތްއޮތުމަކީ އޭނާއަށް ނަޒާހަތްތެރިކަމުގެ ލައިންސަންސް ދިނުމެއް ނޫނެވެ. ނާޒިމަށް ނިސްބަތްވާ ނަމިރާ ކުންފުނި މެދުވެރިކޮށް ހިންގިކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައި ހުރިހާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާއި މީހުން ބްލެކްމެއިލް ކުރުވުމަށް ތުހުމަތުކޮށް ހުށަހެނުހާ ޖަރީމާތަކުގެ މައްސަލަތައް ފުލުހުންގެ ރެކޯޑްތަކުން ފޮހެލީތޯވެސް އެތައް ބަޔަކު ސުވާލު ކުރެއެވެ. ނޫނީ އެމައްސަޔަތައް ބެލުމުގެ ހިތްވަރު ފުލުހުންގެ ނެތީތޯ މީހުން ސުވާލު އުފައްދައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ބޭނުންކޮށްގެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ބަދުނާމުކޮށް އެ މީހުންގެ އަގުވައްޓާލާއިރު ހޯމް މިނިސްޓަރަކީ އަޅެކީއް ކުރާ މީހެއް ހެއްޔެވެ. ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ކޮމެޓީއަކުން ނިންމާ ކަމަކަށް ފިޔަވަޅު އެޅުމަކީ މުޅި މުއައްސަސާއާއި ފިޔަވަޅުއެޅޭ ބައެއްގެ ކަރާމާތާއި ނަޒާހަތްތެރިކަމަށް ދެވޭ އިޔާދަ ނުކުރެވޭ ވަރުގެ އަނިޔާއެކެވެ. އެބައެއްގެ އަނބިދަރިންނާއި އާއިލާއަށްވެސް ދެވޭ ދާއިމީ އަނިޔާއެކެވެ. އެ ގޮތުން ޕޮލިސް ކަމިޝަނަރ އާއި ޑެޕިއުޓީ ކަމިޝަނަރާއި ސީނިއަރ އެތައް އޮފިސަރުން ކޮށާ ކާޅަށް ކާންދޭއިރު ހޯމް މިނިސްޓަރު އަދާ ކުރާނެ ޒިންމާއެއް ހަމަ ނެތީ ހެއްޔެވެ.

