ޖުވާ މަނާކޮށް ރައްޔިތުން ޖުވާކުޅޭ ފޮތިބަޔަށް ނުހަދާ
ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި މަނާ ކަމެކެވެ. އިސްލާމީ ގައުމުތަކުގައި ޖުވާ ކުޅުމަކީ ކޮންޓްރޯލް ކޮށްފައިވާ ކަމެކެވެ.
ޖުވާ ކުޅުމަކީ ކޮބާ ބާވައޭ ހިތައް އަރައެވެ. ނަސީބު ވަޒަންކޮށް ފައިސާ އިތުރުކުރުމަކީ ޖުވާ ބާވައެވެ. އިސްލާމް ދީން ބާރު އަޅަނީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާށެވެ. ނަސީބު ވަޒަންކޮށްގެން ތަނަވަސްކަން ހޯދާކަށް ނޫނެވެ.
ޖުވާ ނޫނަސް އިސްލާމް ދީނުގައި ހަރާމް އަދި މަނާ އިތުރުކަންކަން ވެއެވެ. ދޮގު ހެދުން، މަކަރު ހެދުން، އޮޅުވާލުން، ވައްކަން ކުރުން، މަސްތުވުން، މީހުން މެރުން، ދިރޭ ތަކެއްޗަށް އަނިޔާ ކުރުން ފަދަ ކަންކަން އިސްލާމް ދީނުގައި މަނާ ކުރެއެވެ.
ގައުމަކަށް ވެރިއަކު ހޮވަނީ ވަކި ހަމައަކުން އިންސާފާއި ހަމަހަމަކަންމަތީ ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ވީވަރަކުން ކުރާކަށް ނޫނެވެ. އަދި ކުރުން ލާޒިމުކުރާ ކަމެއް ނުކޮށް ދޫކޮށްލާކަށްވެސް ނޫނެވެ.
ދިވެހިރާއްޖެ އިސްތިސްނާއެއް ނޫނެވެ. ވެރިކަން ކުރަން ރާއްޖޭގައި ބަލާ މައި އެއް މިންގަނޑަކީ ގާނޫނޫ އަސާސީ ގައިވާގޮތަށް ވެރިކަން ކުރުމެވެ. އިސްލާމް ދީނުގައިވެސް ބާރުއަޅާ ކަންކަން ދިވެހި ގާނޫނު އަސާސީގައި ކުރުން ލާޒިމުކަންކަމުގެ ގޮތުގައި ވެއެވެ.
ވެރިކަން ލިބުމަކީ ވައުދުތަކަކާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. އެއީ ވެރިއަކަށް އަންނަން އުޅުނު އިރު ވީ ވައުދުތަކެވެ. ރައްޔިތުންގެ އުންމީދު ތަކެވެ. އެ ވައުދުތަކަކީ ފުއްދަންޖެހޭ ދަރަނި ތަކެކެވެ. ފަހަރެއްގައި ވެސް ވެރިކަން ލިބުމަކީ އެމީހަކު ބޭނުން ގޮތަކަށް ކަންކުރުމެއް ނޫނެވެ. އެއީ އަނިޔާވެރިކަމެވެ.
ގާނޫނު އަސާސީގައިވާ ގޮތަށް ވެރިކަން ކުރަން ހޮވާ ވެރިން އެ ގާނޫނު އަސާސީ އެ މީހަކަށް ބާރާއި ނުފޫޒު ބޭނުން ކުރުން ޖުވާއަށް ނުވޭތޯއެވެ. ސަރުކާރުތަކުގެ ވެރިންގެ ތަނަވަސްކަން އިތުރުކުރުމަށް ހިންގާ އަމަލުތައް ޖުވާއަށް ނުވާނަމަ ޖުވާވެސް ހަލާލުވާން ވާނެތާއެވެ.
ވަޒީރުން ގޯސްއަމަލުތަށް ކުރުމުން ގާނޫނުން ޖަވާބުދާރީ ނުކުރެވޭނަމަ އެ ދެވެނީ ހަމަ ޖުވާކުޅުމުގެ ލައިސަންސް އެކެވެ. މަޖިލިސް މެމްބަރުން ބޭނުންވާ ހުރިހާ ކަމެއް އިންސާފުން ބޭރުން ކުރެވޭނަމަ ޖުވާއާއި ތަފާތެއް ނެތެވެ. ހަމަ އެއީވެސް ޖުވާކުޅުމުގެ ލައިސަންސް އެކެވެ. މިނިވަން މުއައްސަސާ ތަކުން އަދާ ކުރަން ޖެހޭ ޒިންމާ އަދާ ނުކޮށް ސަލާމަތްވާނަމަ ބުނާނީ ކީކޭ ތޯއެވެ. އެއީ ވެސް ހަމަ ޖުވާކުޅުމުގެ ލައިސަންސް އެކެވެ.
ވެރިމީހާ ވައުދާއި ހިލާފުވެ، ގާނޫނު އަސާސީ އެމީހަކަށް ހެޔޮވަރު ހެދުމަކަށް ބާރާއި ނުފޫޒުން ބަދަލު ކުރުމަކީ ކޮބާތޯއެވެ؟ ސަބަބުވެރި އިންސާނާގެ ވިސްނުމުން އެއިވެސް ހަމަ ޖުވާއެވެ. ރައްޔިތުން މެދުވެރިވެ، އެވެރި މީހާ ޖަވާބުދާރީ ކުރުމަށް ކަނޑައަޅާފައިވާ ނިޒާމުތައް ހުލިވީމާ އެވަނީ ކީއްހެއްޔެވެ. ހަމަ ޖުވާކުޅުމަކަށްވެ.
ރައްޔިތުންނާއި، ސަރުކާރާއި، މަޖިލިހާއި މިނިވަން މުއައްސަސާތައް ވެރިމީހާއަށް އެދެވެނީ ޖުވާ ކުޅުމުގެ ލައިސަސް އެކެވެ. އެ ވެރިމީހާ ޖުވާ ކުޅެން މޮޅީ ބާވައެވެ. ނުވަތަ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ ބާއެވެ.
ކޮންމެ ނުބައި ކަމެއްގައިވެސް ނިމުމެއް ވާނެއެވެ. އެ ނިމުން ވަރަށް ހިތިވާނެއެވެ. ޖުވާކުޅެން އަބަދަކު ނުހުރެވޭނެއެވެ. އިސްލާހު ވާށެވެ. ހެއްދެވި ފަރާތަށް ބިރުވެތިވާށެވެ. ރައްޔިތުންނަކީ ޖުވާ ކުޅެން ގެންގުޅޭ ފޮތިބަޔަށް ނުހައްދަވާށެވެ.




