ހުސެން ރިޒާއަށް: އިސްތިއުފާދިނަސް ހުދުކާފޫރަކަށް ނުވެވޭނެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ކަމުގައި ހުސައިން ރިޒާ 16 މަހާއި 14 ދުވަހު ހުރުމަށް ފަހު އިސްތިއުފާ ދިނަސް ހުދު ކާފޫރަކަށް ނުވާނެއެވެ. މަގާމުގައި ދޮޅު އަހަރުނުވެ މުއިއްޒަށްޓަކާ ރާއްޖޭގެ ދުސްތޫރީ ނިޒާމް ފުނޑާލަދިން މީހާގެ މަތީން ދިވެހިން ހަނދާނެއް ނުނެތޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިން އިސްލާހު ގާނޫނު އަސާސީއާއި ހިލާފުކަން ކަނޑައެޅުމަށް ސްޕްރީމްކޯޓަށް ވެއްދުމުން ސްޕްރީމް ކޯޓުގެ ބެންޗްގައި ތިބި ފަނޑިޔާރުން ތަކެއް ބޭރުކޮށްލުމުގެ ހީލަތްތެރި ރޭވުން ތަންފީޒު ކުރުމުގައި ރިޒާ ވަނީ ރައްޔިތުންނަށް ގައްދާރުވެފައެވެ. ތާވަލުކުރެވި ފެށިފެށި އޮތް ޝަރީއަތުގެ މަޖިލީހެއް ފަނޑިޔާރުން ސަސްޕެންޑް ކޮށްގެން ހުއްޓުވާލި މީހަކީ ރިޒާ ނޫން ދެވަނަ މީހެއް ނޫނެވެ.
ފަނޑިޔާރު ހުސްނުއްސުއޫދާއި އަޒްމިރަލްދާއާއި މަހާޒު ސްޕްރީމް ކޯޓުން ވަކިކޮށްލުމުގެ ކަންކަން ރާވާ ހިންގާ ތަންފީޒުކުރި ހާއިނަކީ ހުސައިން ރިޒާ ކަމަށް ނުވާނެ ގޮތަކީ ނެތްގޮތެކެވެ. އިޖްރާއަތުތައް ކުރު ގަޅުވާލާ ރައީސް މުއިއްޒު އެދުނުހާ ގޮތަކަށް އިންސާފުން ބޭރުން ގާބިލު ފަނޑިޔާރުންތަކެއް އުކާލުމުގައި އިސްވެ ދަނޑިމަތި އެބުރީ ރިޒާ ނޫން ކަމަކަށްވެސް ނުހެދޭނެއެވެ.
އޭސީސީ ލައްވާ މައްސަލަތަކެއް އުފަން ކުރުވައިގެން ކުއްލިޔަކަށް 3 ފަނޑިޔާރުން ބޭރުކޮށްލީ ގާނޫނު އަސާސީއާއި ހިލާފަށް ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ހަދަންކަން އެނގިހުރެއެވެ. ރައްޔިތުން އިންތިހާބުކުރި މެންބަރެއްގެ ގޮތުގައި ހުރެގެން ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރަން ޖޭއެސްސީގައި ހުރެ ރައްޔިތުންގެފަޅި ދޫކޮށް ރައީސް މުއިއްޒުގެ އުނގަށް މަޖިލީހާއި ފަނޑިޔާރުގެ ވައްޓާލުމުގެ ކަންކަން ހިންގާ ބެލެހެއްޓީ ސިދާ ހުސައިން ރިޒާކަން ވިސްނާލި ކޮންމެ މީހަކަށް އެނގޭނެއެވެ.
ކޮންމެ ސަބަބަކާލައިގެން ވެސް ޖޭއެސްސީން ހުސައިން ރިޒާ ވަކިވި ވަކިވުމަކީ ހެޔޮވަރުގެ ފިލާވަޅެކެވެ. ލިބިއޮތް އާރާބާރެއް ދޫކޮށްލުމުގައި އަމިއްލަ ސަބަބަކަށްވުރެ ގާތީ ޕްރެޝަރަށް ކެތްނުވުމެވެ. ސަރުކާރާއި ޖުޑިޝަރީއާއި ދޭތެރޭގައި ގޭނި ކަންފަތިވުމެވެ. އެހެނީ ރާއްޖޭގައި ތިބިހާ ފަނޑިޔާރުންނަކީ އަބަދަކު މުއިއްޒު ބުނެގެން ހުސެން ރިޒާ އަޅާހާ ބަތަކަށް ރިހަވާނެ ބައެއް ނޫނެވެ.