ވެއްޓުނު ފުލުވަކަށް އެމްޑީޕީގައި ޖާގައެއްނެތް!
އެމްޑީޕީގެ ތާރީހުގައި އެމްޑީޕީއަށް އެންމެ ބޮޑު ގެއްލުމެއް ދިނީ ރައީސް ނަޝީދު
ރައީސް ނަޝީދަށް އެމްޑީޕީ ހިތަކަށް އޮތެވެ. ރައީސް ނަޝީދު ބޭނުން ނުވާގޮތަކަށް އެމްޑީޕީގައި އެއްކަމެއްވެސް ވަރަށްފަހާ ޖެހެންދެން ނުހިނގައެވެ. 2018ގައި އެމްޑީޕީން ހެދި ބަޔަކާ ކޯލިޝަން ހެދީވެސް ރައީސް ނަޝީދެވެ. ކޯލިޝަން އެއްބަސްވުމުގައި އެމްޑީޕީން ސޮއިކުރީވެސް ރައީސް ނަޝީދެވެ. ރައީސް މައުމޫނާއި ގާސިމާއި އިމްރާނަށް ސަރުކާރުން ހިއްސާ ދިނީވެސް ރައީސް ނަޝީދު ބޭނުންވި ގޮތަށެވެ.
ރައީސް ސޯލިހު ކުރެއްވި ކަމަކީ ހަވާލުކުރި ކޯލިޝަނުން ވެރިކަން ހިންގުމެވެ. ސަރުކާރުގެ ހުރިހާ ސިޔާސީ މަގާމެއްހެން ބަހާލެވުނީ ކޯލިޝަން އެއްބަސްވުމާއެއް ގޮތަށެވެ. އެމްޑީޕީގެ ސްލޮޓްތަކަށް ވަޒީފާ ދޭނެ މީހުން ކަނޑައެޅީ އެމްޑީޕީގެ ރައީސް ނަޝީދެވެ. އެހެން ޕާޓީތަކުން އެހެން ޕާޓީތަކުގެ ލީޑަރުންނެވެ. ރައީސް ސޯލިހު ހަމައެކަނި ކުރެއްވި ކަމަކީ ގާނޫނީ ގޮތުން މަގާމު ދެއްވުމެވެ. އެހެންކަމުން ރައީސް ސޯލިހު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ %40 އަކީ ރައީސް ނަޝީދުގެ އެންޑޯޒްމަންޓެވެ. ރައީސުލްޖުމްހޫރިއްޔާއޭ ނުކިޔަސް ރައީސް ސޯލިހު އެކުލަވާލި އެމްޑީޕީ ސަރުކާރަކީ ރައީސް ނަޝީދުގެ ފުރިހަމަ ކޮންޓްރޯލް އޮތް ސަރުކާރެކެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި އިންތިހާބުވި ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ 67 މެންބަރުން ހިމެނޭ އެމްޑީޕީގެ ސްޕަރމެޖޯރިޓީ އޮތް މަޖިލީހެކެވެ. މަޖިލީހުގެ ރައީސް ކަމުގައި އިންނެވީ ރައީސް ނަޝީދެވެ. މަޖިލީހުގެ ނައިބު ރައީސަކީ ރައީސް ނަޝީދުގެ އީވާއެވެ. މެޖޯރިޓީ ލީޑަރަކީ ރައީސް ނަޝީދުގެ މިތުރު އަލީ އާޒިމެވެ. ކޮމެޓީ ތަކުގެ މުގައްރިރުންނަށް ތިބީވެސް ރައީސް ނަޝީދުގެ އައުވާނުންނެވެ.
ޖުޑިޝަލް ސާރިވިސް ކޮމިޝަނުގެ މެޖޯރިޓީވެސް އޮތީ ރައީސް ނަޝީދުގެ އަތުގައެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށްވުރެ ދިވެހި ދައުލަތުގެ މައްޗަށް އޭރު ރައީސް ނަޝީދުގެ ބާރު ގަދައެވެ. އެހެން ނަމަވެސް ތިމާނޫން އެހެން މީހަކު ދައުލަތް ހިންގަން ހުރި ހުރުން ރައީސް ނަޝިދަށް ހަޖަމެއް ނުކުރެވުނެވެ.
ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކޮށްގެން ވިޔަސް ސީދާ ސަރުކާރު ހިންގާ މީހަކީ ރައީސް ނަޝީދު ކަމަށް ވުމުގެ ދަހިވެތިކަން ބޮޑުވެ ކޯލިޝަން މެނިފެސްޓޯ ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށް ފަސްޖެހުނެވެ. ނިޒާމު ބަދަލު ކުރުމަށް ރައީސް ސޯލިހު އެއްބާރުލުން ނުދިނުންވީ ސަރުކާރަށް ކުރިމަތިވި ބޮޑު ބިންހެލުމެއް ކަމަށެވެ. އެއްވެސް ކަމެއް ސަރުކާރުން ކުރިޔަނުދީ ބަނދެލެވެން އޮތް ގޮތަކަށް ރައީސް ސޯލިހު ބަނދެލެވޭތޯ އެހިސާބުން ރައީސް ނަޝީދު ބެއްޔެވެ. ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީ ދެބައިކޮށްލިއެވެ.
ކޯލިޝަން މެނިފެސްޓޯ ކިޔަސް މުޅި މެނިފެސްޓޯގައިހެން އޮތީ އެމްޑީޕީގެ ވައުދުތަކެވެ. ރަށްރަށުގައި އަސާސީ ހިދުމަތް ދިނުމަކީ ކޮންކްރިޓް ތަރައްގީކަމަށް ސިފަކޮށް ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމާ ރައީސް ނަޝީދު ދެކޮޅު ހެދިއެވެ. ގާނޫނީ އޮނިގަޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހެޅުމުގެ ބާރު ސަރުކާރުން ނަގާ ގާނޫނީ ބިލް އެކުލަވާލުމަކީ މަޖިލީހުން ކުރާ ކަމަކަށް ހަމަޖެއްސިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ރައީސް ނަޝީދު ފާޅުގައި ރައީސް ސޯލިހާ ދެކޮޅަށް ޗަރުކޭސް ކުޅޭ ތަނަކަށް ހެދިއެވެ. ސަރުކާރުން ކޮވިޑް މެނޭޖުކުރުންވެސް ރައީސް ނަޝީދު ސިފަކުރީ ބޮޑު ކޮރަޕްޝަނެއް ގޮތަށެވެ. ދިގުކުރަން ވަކިވަކިން ކަންކަން ކިޔުމުގެ ބޭނުމެއް ނެތެވެ.
ރައީސް ނަޝީދަށް ނެތްވެރިކަމެއް އެހެން މީހަކު ކުރާތަން ބަލަން ކެތްނުވާ ރައީސް ނަޝީދު ރައްޔިތުން އެމްޑީޕީއަށްކުރި އިތުބާރު ގެއްލުވާލީއެވެ. އެމްޑީޕީ ވެރިކަމުގެ ކޯލީޝަންގައި ރެނދު އެޅުވިއެވެ. ސަރުކާރުތެރޭގައި ތިބި އެޖެންޓުން ލައްވާ ކަންކަން ގޯހުން ގޯހަށް ދުއްވާލިއެވެ. ވައްކަމާ ހިޔާނާތާއި ރައީސް ނަޝީދު އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތު ސަރުކާރުގައި އެޅުވިއެވެ. ވަރަށް ކެތްތެރިކަން ދެއްކެވުމަށް ފަހު އެންމެ ފަހުން ރައީސް ސޯލިހަށްވެސް ޖެހިވަޑައިގަތީ ހަށިފޮޅާ ލައްވާށެވެ.
ނަތީޖާއެއްގެ ގޮތުން ފާޅުގައި އެމްޑީޕީ ރޫޅާލަން ރައީސް ނަޝީދު ނިކުމެ އެމްޑީޕީ ކުރަމުން އައި ހެޔޮވެރިކަމާ އިދިކޮޅަށް ވުރެ އިދިކޮޅުވެ އިދިކޮޅާ ބައިވެރިވެގެން އެމްޑީޕީން ކުރަމުން އައި ހެޔޮވެރިކަން ވައްޓާލިއެވެ. ހަމަ ތެދެކެވެ. އެމްޑީޕީގެ ތާރީހުގައި އެމްޑީޕީއަށް އެންމެ ބޮޑު ގެއްލުމެއް ދިނީ ރައީސް ނަޝީދެވެ. އެކަން ހަދާންނެތި ބަޔަކު ނިކުމެ ރައީސް ނަޝީދު ނެތިގެން ކިތަންމެ ފޫގަޅައިގެން އުޅުނަސް ވެއްޓުނު ފުލުވަކެއް ދެން އެކަށިކެޔޮ ގަނޑަކު ހަރެއް ނުކުރެވޭނެއެވެ. ހަމަ ރަނގަޅަށް ވެސް ފުލުވައް ވެއްޓި އެވައް އޮތީ ފީވެފައެވެ.