ކައުންސިލުން ސްކޫލް އޭސީކުރުމުން ވަޒީރު މެޑެލްޖަހައިފި
މާފުށީ ސްކޫލް އޭސީ ކުރަނީ ރަށުކައުންސިލުން-ފޮނިބޯލީ ބްލީ ވަޒީރު
ކަންކަން އަނބުރާލަން ހާދަ ފައްކާ ސަރުކާރެކެވެ. އަމާޒެއް ސިޔާސަތެއް ނެތެވެ. ކުރަންވާ ކަމެއް ނުކުރަންވާ ކަމެއް ނޭގެއެވެ. ކުއްލި ކުއްލިއަށް ކަންކަން ކުރަން ފެށުމާއި ހުއްޓުމުގައި މިވަރު ބަޔަކު ނުދެކެމެވެ.
ބަޖެޓް ކުރެވިފައި ނެތަސް ކޮންމެ ފަދަ ބިޔަ މަޝްރޫއެއްވެސް ފަށާފާނެއެވެ. ފައިސާ ލިބޭނެ ގޮތެއް ނެތަސް ޓްރިލިއަން ޑޮލަރުގެ މަޝްރޫއެއްވެސް އިއުލާނު ކޮށްފާނެއެވެ. ރަސްމާލެ ބިނާކުރުމާއި ރަސްމާލޭ އަންޑަރވޯޓަރ ޓަނަލަކީ އޭގެ ކުޑަ މިސާލެކެވެ. ދައްކަން މިއުޅެނީ އެ ވާހަކައެއް ނޫނެވެ. ކޫލް ސްކޫލްގެ ވާހަކައެވެ.
2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ފާސްކުރީ އައު ސަރުކާރުން މި އަހަރު ހިންގަން ބޭނުންވާ ކަމަށް ބުނި ރަސްމާލެ ހިއްކުން ނޫން ހުރިހާ ކަމެއް ބުނި ގޮތަށް ހިމަނައިގެންނެވެ. ލަފާކޮށްފާ ދިން ބަޖެޓަށް ވުރެ ބޮޑު މާ ބަޖެޓެކެވެ. 2024 ގެ ބަޖެޓްގެ އެއްވެސް ހިސާބެއްގައި "ކޫލް ސްކޫލް" ގެ ވާހަކައެއް ނެތެވެ. ސަރުކާރުގެ ވިސްނުމުގައިވެސް އެކަމެއް ނެތެވެ.
މިއަހަރު ކުއްލިއަކަށް ފެންމަތިވީ ބެލެނިވެރިން އަތުން ޗަންދާ ނަގައިގެން ސްކޫލެއްގެ ކްލާސް ރޫމުތަކުގައި ފަންކާ އަޅުވަން އުޅޭ ކަމުގެ ވާހަކައެވެ. އެ ހިސާބުން ސަރުކާރަށް ފާޑުކިޔުންތައް ރައްދުވާންފެށީ ކެޔޮޅަކު ދަހި އައިނަކުން ރާގޮނޑި ބާނާހެންނެވެ. ކަމުން ރެކެން ރާގު ރާގަށް ސަރުކާރުން ވާހަކަ ދެއްކިއެވެ.
އެންމެ ފަހުން ހުރިހާ ސްކޫލެއްގެ ކަރަންޓްގެ ހާލަތު ބެލުމަށްފަހު ކްލާސް ރޫމްތައް އޭސީކޮށްދޭން ބުނެއްޕެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކުގެ ކްލާސްރޫމްތައް ހުރީ ބޮޑު ހޭދައެއް ކޮށްގެންނޫނީ އޭސީ ކުރެވޭ ގޮތަކަށް ނޫނެވެ. އޭސީ ކުރުމަށް ކްލާސްރޫމްތައް ތައްޔާރު ކުރުމަށް ކުރަންޖެހޭ ހަރަދު އޭސީ ކުރުމަށް ކުރަންޖެހޭ ހަރަދަށްވުރެ އެންމެ ތަންފުކެއްވެސް ކުޑައެއް ނުވާނެއެވެ. ހުރިހާ ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ ހަރަދު އެތައް ބިލިޔަން ރުފިޔާއަށް ނޭރީވިއްޔާ ލޮނުލީ އެއްޗެއް ނުކާނަމެވެ.
ބަޖެޓްނެތި އެވަރުގެ ބޮޑު ހޭދައެއް މުއިއްޒު ކުރަނީ ރަސްމާލެ ހިއްކާހެން ހެއްޔެވެ. ރީތި ނަމެއް ކިޔާފާ މާފުށީ ސްކޫލް ކަހަލަ ރަށު ކައުންސިލުން އޭސީކޮށް ނިންމަމުންދާ ސްކޫލެއްގައި ރެބަން ކަނޑާ ފޮނިވާހަކަ ދައްކާ ޗަރުކޭސް ކުޅެފިއެވެ. ދެރައީ ހަވާ ނޭރުވީމައެވެ.
ކާޅު ހާލިހެދީމާ ކޮވެލި ބިސް އަޅާހެން ކޫލް ސްކޫލް އޭ ކިޔައިގެން ޑރ. ޝަފީއުމެނަށް ފޮނު އެރުވަން ދިމާކުރީ މާފުށި ކަހަލަ ސަރުކާރަށް ބަރޯސާނުވާ ރަށެއްގައެވެ. ދުރުގައި ބަލަން ތިބި މީހުނަށް ލައްކައެކޭ ހީވާނެތާއެވެ. ސަރުކާރު ކިހާ މޮޅުހެއްޔެވެ. މިހާ އަވަހަށް މާފުށީ ސްކޫލް އެހަދާ ނިންމާލީ ކޫލް ސްކޫލް އަކަށެވެ. ދެނަކާ ދެނެއްނެތެވެ. ބޮޓުންތައް މުޅި މީޑިއާ ކޫލް ސްކޫލް ގެ ވާހަކައިން ތަގައްޔަރު ކޮށްނިންމާލީއެވެ. ހިންޏަށް ހަކުރު އޮޅުވާލީއެވެ.
މުއިއްޒު ސްޕީޑްގައި ކޫލް ސްކޫލް ހަދާ ދީގެން ކުދިން ބްލީ ކުރުން ހުއްޓާލާތަން ދެކެން ބެލެނިވެރިން އެތިބީ ކެތްމަދުވެފައެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ފަހުން ޖެހިފޮޑި ވަނތްތާކަށް ވަނތްހެން ކޫލް ސްކޫލުގެ ކަންތައް ގޮސްނިމޭނީ ހުދުކާފޫރަށް ވެގެންނެވެ. ބްލީ ނުކުރާ ކޫލް ސްކޫލް ނުލިބެގެން ކުދިންނާއި ބެލެނިވެރިން ނިކުމެ ވަޒީރަށް ބްލީކުރާ ދުވަސް އޮތީ ފެންނަ ހިސާބުގައެވެ.