ފިކުރުދިރޭ ކަލްޓްގައިހުރީ ޕައިރޭޓުންގެހަމަ

ބެހިގެން ނޫން ގޮތަކަށް ދިވެހިން ފޯޅަވައްސަކަށް ނުދޭ

ފިކުރުދިރޭ ކަލްޓްގައިހުރީ ޕައިރޭޓުންގެހަމަ
ޗާގޯސްއަކީ ކުރިން "ބަސަކް ޑި ޗަގަސް" އެވެ. ފަހުން "އޮއިލް އައިލެންޑްސް" އޭވެސް ކިޔާއުޅުނެވެ. ގުދުރަތީ ހަތް އަތޮޅު ހިމެނޭ ޗާގޯސްގައި 60 އަށްވުރެ ގިނަރަށް ހިމެނެއެވެ. ރާއްޖޭގެ ދެކުނުން 1208 ކިލޯމީޓަރ ދުރުގައި އޮތް ޗާގޯސްގެ ދިގުމިނަކީ 500 ކިލޯމީޓަރއެވެ. ލެކެޑިވްސްއާއި ދިވެހިރާއްޖެއާއި ޗާގޯސްގެ ރަށްފަތި ހިއްސާ ކުރަނީ ގުދުރަތީ ގޮތުން އެއް އައްޓެވެ.
ގުދުރަތީ ގޮތުން އެއްއައްޓެއް ހިއްސާ ކުރާ ހުރިހާ ތަނަކީ އެއްގައުމެއް ކަމުގައި ބެލޭ ކަމެއް ނޫނެވެ. އެހެން ބަލާކަމަށް ވަންޏާ ދިވެހި ރާއްޖެއާއި ލަކުޑިދީބަކީ ޗާގޯސްއެވެ. ނޫނީ ދިވެހިރާއްޖެއާއި ޗާގޯސްއަކީ ލެކެޑިވްސް އެވެ. ނުވަތަ ލެކެޑިވްސްއާއި ޗާގޯސް އަކީ ދިވެހި ރާއްޖެއެވެ.

ރަންކޮޅާ ބޯންޑޭއެވެ. އެއްޔަކީ އެހެން އޮންނަ ކަމެއް ނޫނެވެ. ދިވެހި ރާއްޖެއަކީ ދިވެހި ރާއްޖެއެވެ. ލެކެޑިވްސްއަކީ ލެކެޑިވްސްއެވެ. ޗާގޯސްއަކީ ޗާގޯހެވެ. 
ތަންކޮޅެއް ކުރިއަށް ޖެހިލަ ބަލާށެވެ. ޕޯޗުގީޒުން އިންޑިއާ ކަނޑަށް ގަދަވެ ގަނެގެން އުޅުނު އިރުވެސް ޗާގޯސް އެމީހުން ދުއްޓެވެ. " ބަސަކް ޑި ޗަގަސް"ގެ ނަމުން ޗާގޯހަށް ނަން ދިނީ ޕޯޒުގީޒުންނެވެ. ފަހުން ޗާގޯސްއާއި މޮރިޝަސްއަކީ ފަރަންސޭސީންގެ އިސްތިއުމާރުގައި އޮތް ދެ ތަނެވެ. މި އުޅެނީ ޗާގޯހުގެ ތާރީހުގެ ތެރެއަށް ދާކަށް ނޫނެވެ. ޕޯޗުގީޒުންނާއި ފަރަންސޭސީންނާއި އިގިރޭސީން އިންޑިއާ ކަނޑަށް ގަދަވެ ގަނެގެން އުޅުނު އިރު އެއިން އެއްވެސް ބަޔަކު ރާއްޖެއާއި ޗާގޯހަކީ އެއްބައެއް ގެގޮތުގައި ބަލާފައިނެތްކަން ވަރަށް ރަނގަޅަށް ސާބިތުވާ ވާހަކަ ބުނާށެވެ. ޗާގޯހުގެ ނަމާއި އެތާނގެ ރަށްރަށުގެ ނަންތައް ވެސް ކްރިސްޓިއަން ދީނާ މާބޮޑަށް ގުޅިފައި އޮތުމުން އިސްލާމީ ދިވެހިރާއްޖެއާއި ޗާގޯހާ އެއްވެސް ޒަމާނެއްގައި ގުޅުމެއް ނެތްކަން ސާބިތު ވޭ ނޫން ހެއްޔެވެ.
ޒަމާނުއްސުރެ ދިވެހިން ދަންނަނީ ފޯޅަވަހި ކިޔާ ތަނެއް އައްޑޫ އަތޮޅުގެ ބޭރުން ދެކުނުގައި އޮންނަ ކަމެވެ. ފޯޅަވައްސަކީ އެއްވެސް އިރަކު ދިވެހިން ގޮސްއުޅުނު ތަނެއް ނޫނެވެ. ބޭރު ދަތުރުކުރި ދިވެހި އޮޑިފަހަރު ވައި ނުބައިވެ މޫސުން ގޯސް ވެގެން ބެހިގެން ފޯޅަވައްސަށް ދިވެހިންނަށް ދެވިފައި އެބަހުއްޓެވެ. ބެހިގެން ނޫން ގޮތަކަށް ދިވެހިން ފޯޅަވައްސަށް ދާން ޖެހުނު އެއްވެސް ސަބަބެއް އެނގެކަށް ނެތެވެ. އަނެއް ކޮޅުން ދަރުމަވަންތަ ރަސްގެފާނުގެ ޒަމާނަށް ފަހު ރާއްޖޭގެ އެއްވެސް އަތޮޅެއް އަދި ކިއެއްތަ ރަށެއްގައި ވެސް އިސްލާމް ދީން ނޫން ދީނެއް ނެތެވެ.
ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރީ އިންޑިއާ ކަނޑުގައި ޕޯޗުގީޒުންގެ ބާރު އޮތް އެ މީހުންގެ ރަންޒަމާނު ގައެވެ. އޭރު ރާއްޖެއަކީ މުސްލިމު ދައުލަތެކެވެ. އޭރު ރާއްޖޭގެ ހުރިހާ އަތޮޅަކީ އިސްލާމް ތަންތަނެވެ. އޭރު ޗާގޯސްއަކީ ރާއްޖޭގެ އަތޮޅެއް ނަމަ ޗާގޯހުގައި ވެސް އުޅޭނީ މުސްލިމުންނެވެ. އޭރުވެސް ޗާގޯހަކީ މުސްލިމުން އުޅޭތަނެއް ނޫންކަން ވަރަށް ސާފެވެ. އެހެން ކަމުން ޕޯޗުގީޒުންގެ ޒަމާނުގައިވެސް ރާއްޖެއާއި ޗާގޯހާ އެއްވެސް ގުޅުމެއް ނެތްކަން އެނގި ކަށަވަރު ވެއެވެ. 
އިސްވެ ދިޔަ ހަގީގަތް ތަކަށް ވިސްނާލުމުން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާއި އޭނާގެ ކަލްޓްގެ ބައިވެރިން ކަމުގައިވާ ބޮންޑެމެން އެ ބުނާހެން ދިވެހިންގެ ހައްގަކަށް ފޯޅަވަހި ވާނެ އެއްވެސް ގޮތެއް ނެތެވެ. ފޯޅަވަހީގައި އޮތީ ގުދުރަތީ ކިތައް އަތޮޅު ކަން ޗާނދަނީ މަގާއި އޯކިޑް މަގުގައި ދަމާކަނޑަން އުޅުނު މީހަކަށް ނޭނގި އޮވެދާނެއެވެ. އެހެނެއް ކަމަކު ހައްގު ނޫން އެއްޗެއް އަމިއްލަ ހައްގަކަށް ހަދަން އުޅޭ ބަޔަކަށްވުރެ ވަކީން ބޮޑު ގައްދާރުންނެއް ނޫޅޭނެއެވެ. ސިޔާސީ ގައްދާރުންނަކީ އެއީއެވެ.
ފޯޅަވައްސަކީ އަތޮޅެއް ކަމެއް ރަށެއް ކަމެއް ބޮނޑާއަށް ވަކިނުވިޔަސް ފޯޅަވައްސަކީ ޗާގޯސްގައި އޮންނަ އެންމެ ބޮޑުރަށްކަން ގިނަ މީހުނަށް އެނގެއެވެ. އާނއެކެވެ. ފޯޅަވައްސަކީ އެއްޒަމާނެއްގައި ވެސް ދިިވެހިން ދިރިއުޅުނު ރަށެއް ނޫނެވެ. އިހުޒަމާނުގައި ދިވެހި އޮޑިފަހަރު ބެހިގެން ދިޔައީ ހަމައެކަނި ފޯޅަވައްސަކަށް ނޫނެވެ. އަންޒަމާނުކަރައަށާއި ޖާވާކަރައަށް ވެސް ދިވެހިން ބެހިގެން ގޮސްފައި އެބަހުއްޓެވެ. ދިވެހި އޮޑިފަހަރު ބެހިގެން ދެވުނުހާ ތަނަކީ ދިވެހި ރާއްޖޭގެ ބަޔަކަށް ބެލުމަކީ ހާދަހާ ބާބޭރިއަން ގޮތެކެވެ. ފިކުރު ދިރޭ ކަލްޓްގައި ތިޔަ ހުރީ ޕައިރޭޓުންގެ ހަމަތާއެވެ.