ރައީސް ރިޝްވަތުދޭ މައްސަލަ ބަލާކަށް އައްބާހަކަށް ނުކެރޭނެ!
އައްބާހަކީ ބިރުކުޑަ ނުފޫޒެއްނެތް ޕީޖީއަކަށް ވެދާނެތަ!
ވަޒީފާއާ ގުޅޭ މަސައްކަތްތައް ވަކި ގޮތަކަށް ގެންދަން ޕީޖީ އައްބާސް ޝަރީފު މައްޗަށް އެއްވެސް މީހަކަށް ނުފޫޒު ނުފޯރުވޭނެންޏާ ކޮޅެއް ނެތްހާ ރަގަޅެވެ. އަމްދުން އެއްވެސް މީހަކަށް ބިރު ދެއްކޭ ވަރަށްވުރެ އައްބާސް ބިރު ކުޑަވުމަކީ ކިތަންމެ ހާވެސް އުފާވެރިކަމެކެވެ. ބިރެއް ނުފޫޒެއްނެތި ޖިނާއީ އަދުލުގެ ނިޒާމްގެ މައިކަށި ސީދަލަށް ހުރެއްޖެނަމަ އިންސާފް ލިބޭނެ ކަމާމެދަކު ޝައްކެއް ނުއޮންނާނެއެވެ. ތިންބާރު ކޮރަޕްޝަނާއި ފަސާދައިން ކަޅިވެފައިވާ ދައުލަތެއްގައި ނުފޫޒެއްނެތި ބިރެއްނެތި ޕީޖީކަން އައްބާސް ޝަރީފަށް ކުރެވިދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ދިވެހި މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމުގައި ޕްރޮސިކިއުޓަރ ޖެނެރަލުގެ ދައުރުބޮޑެވެ. ޒިންމާ ބޮޑެވެ. އެހެން ބައެއްގެ ބޮލަށް ކަންކަން ކަނޑާލައިގެން ޒިންމާއިން ރެކެވެން އޮތް މީހަކަށް ޕީޖީ ނުވެއެވެ. ދައުލަތުގެ ތަހުގީގީ މުއައްސަސާއަކުން ތަހުގީގުކޮށްފައި ފޮނުވަންދެން މައްސަލައެއް ނެތްކަމަށް ބަލައިގެން ހުންނަން ވެއްޖެނަމަ ބިރުގަތަސް ނުގަތަސް ނުފޫޒެއް އޮތަސް ނެތަސް ޕީޖީވާނީ އަގުޅި ނެތް ކަންނޭލަކަށެވެ.
ޕީޖީ އައްބާސުގެ ފުރަތަމަ ޕްރެސް ކޮންފަރެންސުން ވެސް އެނގުނު އެއްޗަކީ އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ބަލަން އުޅުމުގެ ނިޔަތް ނެތްކަމެވެ. ކޮންމެ މައްސަލައެއް އައްބާސާއި ހަމައަށް އަންނަން ޖެހޭނީ ކޮންމެވެސް ބަޔަކު ފޮނުވައިގެން ކަމެވެ. ކޮންމެވެސް ތާކުން މައްސަލައެއް ފޮނުވުމުން ފުރާނާލާފައި އޭގެތެރެއިން ޝަރީއަތަށް ފޮނުވަންޖެހޭ ބައިވަކިކޮށް ޝަރީއަތަށް ފޮނުވައިގެން ވަކާލާތު ކުރުން ނޫންކަމެއް ކުރުމުގެ ވިސްނުމެއް އައްބާސްގެ ކިބައިގައި ހުރި ކަމަކަށް ނުބެލެވެއެވެ.
ނުފޫޒެއް ނެތި ބިރެއްނެތި މަގާމުގެ ވާޖިބު އަދާކުރަން އައްބާސްއަށް ކެރޭނަމަ ރައްޔިތުންގެ ތެރޭގައި އެންމެ ބާރަށް އަޑުގަދަކޮށް ދެކެވޭ ބޮޑެތި މައްސަލަތައް ތަނަކުން ފޮނުވަންދެން ބަލަން ނުހުރެ އަމިއްލައަށް އިސްނަގައިގެން ބެލުމުގެ ހިއްވަރު ހުންނަންޖެހެއެވެ.
- ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ރައީސް މުއިއްޒު ރިޝްވަތުގެ ގޮތުގައި ފައިސާ ބަހާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ނުފޫޒެއްނެތި ބިރެއްނެތި ބަލަން އައްބާސަށް ކެރޭނެ ހެއްޔެވެ.
- ރިޝްވަތު ދީގެން 13 މެންބަރަކު ޕީއެންސީއަށް ބަދަލު ކުރުވިކަމަށް ތުހުމަތު ކުރެވުނު މައްސަލަ ރަނގަޅަށް ތަހުގީގު ކޮށްލުވަން ކެރޭނެ ހެއްޔެވެ.
- ރަސްމާލެ ހިއްކުމާ ގުޅޭގޮތުން ތުހުމަތު ކުރެވިފައިވާ ބޮޑު ކޮރަޕްޝަންގެ މައްސަލަތައް ޝައްކެއްނެތް މިންވަރަށް ބަލައިދެވޭނެ ހެއްޔެވެ.
- ވިޓޯލާއެކު ސަރުކާރުން ފަށާފައިވާ ބަންކަރިން ހިދުމަތާގުޅިގެން އުފެދިގެން އުޅޭ ކޮރަޕްޝަނުގެ ތުހުމަތުތައް ތަހުގީގުކޮށްލަން ކެރޭނެ ހެއްޔެވެ.
- މަޖިލީހުގެ ރައީސް އަދުރޭ ގަތް ދެފުލެޓްގެ މައްސަލަ ކޮޅެއްގައި ޖައްސާލަން އޭސީސީގައި މައްސަލަ ތަންހަރު ވިޔަނުދީ ޕީޖީއަށް ގެނުވައިގެން ދައުވާ ކޮށްލަން ކެރޭނެ ހެއްޔެވެ.
ވަކަރަށް ޖަހާލަންވެސް ބުނެވިދިޔަ މައްސަލަތައް ކޮޅެއްގައި ރަގަޅަށް ޖެހެންދެން ހިންގާލަ ދީބަލާށެވެ. އައްބާސް ޝަރީފަކީ ބިރު ކުޑަ ނުފޫޒެއް ނެތް ޕީޖީއެެއްކަން ރައްޔިތުންނަށް ސާބިތުކޮށްލަ ދީބަލާށެވެ. ނުފޫޒެއްގައި ނުޖެހި މަގާމު ދޫކޮށްލަންވެސް ކެރޭވަރުގެ ގަޓްހުރި ޕީޖީއެއްކަން އަމަލުން ރައްޔިތުންނަށް އަންގާލަ ބަލާށެވެ. ގޮންޖަހާފައި ބުނަމެވެ. ބުނެވި ދިޔަ އެންމެ މައްސަލައެއްގައި ވެސް އިންސާފުވެރި ތަހުގީގެއްކޮށް ޝަރީއަތުގައި ވަކާލާތެއް ކުރުވުމުގެ ކެރުމެއް ހިތްވަރެއް އައްބާސް ޝަރީފުގެ ނުހުންނާނެއެވެ.