މުއިއްޒަކީ ހުރިބޮލެއް - ވެރިޔަކީ ޔާމީނެއް އަދުރޭއެއްނޫން

ރާއްޖޭގެ ސިޔާސީ މައިދާނުގެ އަމްރިޝްޕޫރީއަކީ ކާކު!

މުއިއްޒަކީ ހުރިބޮލެއް - ވެރިޔަކީ ޔާމީނެއް އަދުރޭއެއްނޫން

މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮމްރިޝްޕޫރީއަކީ ކާކުތޯ އަހައިފިއްޔާ މީހުންގެ ދޫމައްޗަށް އަންނަ ވަކި ނަމެއް އޮވެއެވެ. ރައީސް މައުމޫނުގެ ވެރިކަމުއްސުރެ އެމީހެއްގެ ރުހުން ނެތި އޮންނަ ސަރުކާރަކަށް ދެމިއޮތުން އުދަގޫ އެކަކު ހުންނަ ކަމަށްވެއެވެ. ސިޔާސީ ގޮތުން ވަކީން ދުރުވިސްނޭ ސިޔާސީ މުހައްނިކަކު މަދުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މީހަކު ހުންނަ ކަމަށްވެއެވެ.

އަމްދުން ދައުލަތުގެ ވެރިއަކަށް ހުންނަ މީހަކަށް އޭނާގެ ކިބައިން ސަލާމަތް ވެވޭ ކަމަކަށް ނުވެއެވެ. ވެރިކަމެއް ދެމިއޮންނަނީ އޭނާގެ ރުހުން އޮވެގެންނެވެ. ވެރިކަމެއް ވެއްޓެނީ އޭނާގެ ރުހުން ނެތުމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަން ނިމުނީ އޭނާއެކަން ނިންމީމައެވެ. ރައީސް ނަޝީދުގެ ވެރިކަން ނިންމުމުގެ ފަހަތުގައި ގޭމް ޕްލޭން ރާވާ ހިންގީ އޭނާކަމަށް ދުރު ވިސްނާ މީހުން ގަބޫލުކުރެއެވެ. ރައީސް ޔާމީނު ވެރިކަމަށް ގެނައުމުގެ އާރުކާޓީއަކީވެސް އޭނާއެވެ. ރައީސް ޔާމީނުގެ ވެރިކަން ނިންމާ ރައީސް ސޯލިހު ވެރިކަމަށް ގެނައުމުގެ އެންމެ މުގުލުގައި ހުރީވެސް އޭނާއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމާ ޑރ. މުއިއްޒު ވެރިކަމަށް ގެނައުމުގެ ކުރިއާއި ފަހަތުގައި ހުރީވެސް އޭނާކަން ކަށަވަރެވެ. 

ފަނޑިޔާރުގެއަށް ކުރެވުނު އިތުބާރެއްގެ ތެރެއިން ލިބުނު އަނިޔާއަށް ރައީސް ޔާމީނުގެ ކިބައިން ބަދަލު ހިފުމަށް ކުރިމައްޗަށް ނެރުނު މީހަކީ މުއިއްޒެވެ. އެމްޑީއޭގައި މުއިއްޒު ހުއްޓާ ޕީޕީއެމަށް މުއިއްޒު ބަދަލުވެ ސިޓީކައުންސިލްގެ މޭޔަރުކަމަށް މުއިއްޒު އައީ މުއިއްޒުގެ ސްމާޓް ކަމަކުން ނޫނެވެ. ޕީޕީއެމްގެ ކޮންޓްރޯލު މުއިއްޒު ނެގުމުގެ ހިޔަޅު ބުއްދިލައިދީ ސިޓީ ކައުންސިލްތެރޭގައި މުއިއްޒު ލައްވާ ހިންގުވި ހުރިހާ ކަންކަމުގެ ހަގީގީ މީހަކީ އޭނާއެވެ. ރައީސް ޔާމީނުގެ ކިބައިން ބަދަލު ހިފާ ރައީސް ޔާމީނު އެއްފަރާތް ކުރުމުގެ މުޅި ރޭވުން ރާވާ ހިންގީ އެންމެ ސިނކުޑިއަކުންނެވެ. 

ފަނޑިޔާރުގޭ ތެރެއިން ރައީސް ޔާމީނު ރަނގަޅަށް ތާށިކޮށް ވެރިކަމަށް ނިކުމެވޭނެ ހުރިހާ ދޮރެއް ބަންދުކުރީ އެންމެ ތަޅުދަނޑިއަކުންނެވެ. ފަހު ވަގުތު ޕީއެންސީއަށް މުއިއްޒި ބަދަލުކޮށް ކޯލިޝަން ޓިކެޓް ޔަގީން ކުރުމުގެ ހުރިހާ ކަމެއް ރާވާ ހިންގީވެސް ހަމަ އެމީހެކެވެ. ޔާމީނު އަތުގައި އޮތް ރިޔާސީ ޓިކެޓް މުއިއްޒަށް ފޮރޮޅާލާ މާކެޓިން ޓޫލަކަށް ރައީސް ޔާމީނު ބޭނުންކޮށްގެން މުޅި އިންތިހާބު މުއިއްޒުގެ މައްޗަށް އަނބުރާލީ އޭނާއެވެ. 

މުޅި ގޭމްގެ ހުރިހާ ކަމެއް ހިނގަމުން ދިޔައިރު އޭނާ ހުރީ އެހެން ޕްލެޓްފޯމެއްގައި މާގަދަކޮށް ހުރިކަމަށް ދައްކައިގެންނެވެ. ބޭނުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއެކު ކިންގްމޭކަރ ބައިއަތު ހިފިޔަ ނުދިނުމެވެ. އެކަންވެސް ކާމިޔާބުކޮށް މުއިއްޒަށް ވެރިކަން ފޮރޮޅާލަދިނެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. ވެރިކަމުގެ މޭގަ ފެންނަ ހިސާބަށްވެސް ރައީސް ޔާމީނަށް ނާދެވޭ ވަރަށް ރައީސް ޔާމީނާ ވެރިކަމާ ދުރުކޮށްލީއެވެ. 

ރައީސް ޔާމީނުގެ ޝަރީއަތްތައް ލަސްވެ ބުރަކިޖެހި އެގޮތް މިގޮތް ވަމުން ދަނީކީ ރައީސް ސޯލިހާއި އެމްޑީޕީން ކުރާކަމަކުން ނޫނެވެ. ރައީސް ޔާމީނުގެ ޝަރީއަތަށް ދަނޑި ދިގު އުނދުޅި ބާނައިގެން ހަލުވަނީވެސް ހަމަ އެންމެ މީހެކެވެ. އިހުލާސްތެރިކަމާ ރައްޓެހި ރަހުމަތްތެރި ކަމުގެ އަގު 25 އަހަރުގެ ޖަލުހުކުމަކުން ދެއްކީމާ ރައީސް ޔާމީނެއް ކަމަކު ރީތިޅެމެއް ފޮނުވާލައިގެން ހިތުން ފުހެލެވޭކަށް ނުއޮންނާނެތާއެވެ. 

ދަނޑިމަތި ރަނގަޅަށް އަނބުރާލެވޭ ގޮތަށް އެއް ލޭ ހިނގާ ކޮއްކޮއަށް ވެރިކަން ހޯދާދިގެން ދޮށީއަތްބަށް ވަޒީރުކަމެއް ދީގެން ފުއްދައެއް ނުލެވޭނެތާއެވެ. ދޭ މަގާމު ކޮޅަކުން އަދުރޭމެނަށް ކުރި މަސައްކަތުގެ އަގު ދިނެއްކަމަކު މުޅި ދައުލަތް މުށުތެރެއަށް ލައިގެން އަނބުރާލަން ލިބުނީމާ ހަތަރެއްޗަކަށް ބަލާނެކަމެއް ނެތްތާއެވެ. ރައީސް ޔާމީނަށް ވެރިކަމާ ކުޑަ ބޭރުވެސް އަރާނުލެވޭނެއެވެ.

ސަރުކާރު ކިތަންމެ ދޯހަޅިކޮށް ފެނުނަސް ވަރިހަމަތާއެވެ. ކަމަކީ ސަމާސާ ކަމެއް ކަމެއް ނޫނެވެ. މަޖިލީހުގެ އިންތިހާބަށް ފަހު ސަރުކާރުގެ ރޫފަޖެހިލާ ހަމަ އިސްކޮޅަށް ދެމިލާއިރު އޮއިކުނިތައް ބުރަބުރައިގެން ގޮސް ހަމަޔަކަށް އެޅި ސަރުކާރު އޮންނާނީ ވަކިމީހެއްގެ މުށުތެރޭގައެވެ. ރައީސް މުއިއްޒަކީ ހަމަ ކުރިމައްޗަށް ދައްކަން ނެރެފައި ހުރި ބޮލެކެވެ. މުއިއްޒުގެ ރިމޯޓް އޮތީ ނަމިރާ ނާޒިމް އަތުގައެވެ.