ނުވާނެ އެއްކަމެއް ނޯންނަ ނާޒިމް ޕެޑްކާޑް
ކެއިން ބުއިމާ އެއްދާން ކުރުމާއި ބޭސްފަރުވާއަށް ދަންދެން ޕެޑްކާޑުން ލިބޭނެ
ކާނަލް ނާޒިމްގެ ވެރިކަމެއްގައި އެކަކު އެކައްޗެއްވެސް ގަންނާކަށް ނުޖެހޭނެއެވެ. ކާކަށް ބޯކަށް ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން އިރަކު ބޭނުން ކަމެއް ބޭނުން ތާކުން ކުރެވޭނެއެވެ. ކަރަންޓާ ފެނާ ދަތުރުފަތުރާ ބޭސް ފަރުވާއަށް ލޯލާރިއެއް ވެސް ހަރަދު ކުރާކަށް އޭރަކުން ނުޖެހޭނެއެވެ. ހިޔާވަކި ކަމަށް އެއްވެސް ހަރަދެއް ކުރާކަށް އަމްދުން ނުޖެހޭނެއެވެ.
ކޮންމެ މީހަކަށްމެ ދައުލަތުން ހުރިހާ ކަމެއް އޮންނަނީ ހަމަޖައްސާ ދީފައެވެ. އެއްވެސް މީހެއްގެ އަމިއްލަ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. ހުންނަނީ އެންމެންގެ އެއްޗިއްސެވެ.
ވެލްފެއަރ ސްޓޭޓަކަށް ވުރެ ވެލްފެއަރ ބޮޑު ވާނެއެވެ. މުސްކުޅިންނާއި މައިންބަފައިން ބެލުމާ ދަރިން ބެލުމުގެ ޒިންމާ އެކަކުވެސް އަދާކުރާކަށް ނުޖެހޭނެއެވެ. ވަކިމީހެއްގެ ދަރިއަކަށް ވެގެން ދަރިން ބަލާކަށް މައިން ބަފައިން ބަލާކަށް ނުޖެހޭނެތާއެވެ. ބަލިވެ އިންނަ އަންހެނާއަށް ޖެހޭނީ ދަރި ވިހާލާށެވެ. ވިހެއުމަށްފަހު ދަރީގެ ޒިންމާ އެއްވެސް މަޔަކަށް އުފުލާކަށް ނުޖެހޭނެއެވެ. ވިހެއީއްސުރެ ބޮޑެތި ވަންދެން ކުދިން ބަލާނީވެސް ދައުލަތުންނެވެ. އެއްވެސް މަޔަކަށް އޭނާގެ ދަރިޔައިގެން ދުވަހަކުވެސް ކަރުނައެއް އަޅާ ވޭނެއް އުފުލަން ނުޖެހޭ ގޮތަށް އަލަށް ވިހާ ހުރިހާކުދިން ތިބެނީ މަސްހުނިކޮށް ދައުލަތުގެ ކުދީންގެ ގޮތުގައެވެ. ގައުކޮޅު ނުކިޔެއްކަމަކު އިރުތައެއް ވާރުތައެއް އެކެއްގެވެސް ނުއޮންނާނެއެވެ. އަންބެއް ފިރިއެއް ދަރިއެއް ތިންބެއް ދާޅިއެއް ނާޒިމް ޕެޑް ކާޑު ލިބުމަށް ފަހަކު ނުއޮންނާނެއެވެ.
އެންސްޕާއެއް އާސަންދައެއް ސަބްސިޑީއެއް ކިޔާނެ ކަމެއް ނެތެވެ. އެފާޑުގެ އެއްވެސް އެހެން ސްކީމެއް ޕެޑްކާޑް ފިޔަވާ ނާޒިމުގެ ވެރިކަމެއްގައި ނުއޮންނާނެއެވެ. ދިވެހިރައްޔިތު ކަމުގެ ކާޑު ހަދާހެން ކޮންމެ މީހަކު އޭރުން ޖެހޭނީ "ނާޒިމް ޕެޑް ކާޑް" ހަދާށެވެ. ކަނބަލުންގެ ޕެޑުހޯދުމުން ފެށިގެން ކޮންމެ ކަމެއް ކުރަންވިޔަސް ދައްކާލަން ޖެހެނީ ނާޒިމް ޕެޑްކާޑެވެ. ހުރިހާ ހިދުމަތެއް އޮންނާނީ ޕެޑް ކާޑްގައެވެ. ބޯހިޔާވަހިކަމާއި އުނު އަންނައުނާއި ކެއިން ބުއިމާ އެއްދާން ކުރުމާއި ބޭސް ފަރުވާއަށް ދަންދެން ޕެޑް ކާޑުން ލިބޭނެއެވެ. ޕެޑްކާޑުން ނުލިބޭނެ އެއްވެސް ހިދުމަތެއް އޭރަކުން ނޯންނާނެއެވެ.