ކޮންމެ ހިނިތުންވުމަކީ ތާއީދެއް ވޯޓެއް ނޫން.
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެންމެ ތަޖުރިބާކާރު ސިޔާސީ ޕާޓީއެވެ. ދެބަސްވުމުގެ ތެރެއިން އެއްބަސްވެ އަމާޒު ހިފާ ޕާޓީއެވެ. ކޮންމެ މީހަކަށްވެސް ޕާޓީގެ ކުރިބޯއްޓަށް އައުމަށް ފުރުސަތު އޮތް ޕާޓީއެވެ.
އެމްޑީޕީގެ މެންބަރަކަށްވެ ޕާޓީގެ ހަރަކާތުގައި އުޅުމަށް މީހަކު ކުރިން އުޅުނު ތަނެއް އެމްޑީޕީއަކަށް މުހިންމެއް ނޫނެވެ. ޑީއާރުޕީން އަޔަސް ޖުމްހޫރީން އަޔަސް އަދާލަތުން އަޔަސް އެމްޑީޕީ މެންބަރަކަށްވެ ހިދުމަތްތެރި މެންބަރަކަށްވުމުން އެއީ އަސްލު އެމްޑީޕީ މީހެކެވެ. އެމްޑީޕީއަށް މުހިންމީ މެންބަރެއްގެ ގޮތުގައި ހުރެގެން ޕާޓީއަށް މީހާކޮށްދޭ މަސައްކަތެވެ. ދޭ ހިދުމަތެވެ. އައިތަނެއް ނޫނެވެ.
އެމްޑީޕީ ދުށްހާ ސިޔާސީ ލީޑަރުންކުރެ ކޮންމެ މީހަކުވެސް ބުރަދަނެއް ހުރި ސިޔާސީ މީހަކަށްވެފައި އޮތީ އެމްޑީޕީގައި ހުންނަ އިރުއެވެ. އެމްޑީޕީ ދޫކޮށް އެއްފަރާތް ވާހިސާބުން ސިޔާސީ މާބޮޑު ބުރަދަނެއް ނުހުރެއެވެ. އެެހެން ކަމުން އެ މީހުން މީހުނަށް ހެދީ އެމްޑީޕީ ކަން ވަރަށް ސާފެވެ. އެމްޑީޕީއަކީ ވަކި މީހެއް ނޫންކަން އެމްޑީޕީގެ މާޒީން ހާމަކޮށް ފެންނަން އެ އޮތީއެވެ.
އެމްޑީޕީގެ ކުރީގެ ލީޑަރުންގެ ގޮތުގައި ނަން ހިނގި އެންމެންހެން އެމްޑީޕީއާ ދުރަށް ދިޔުމުން އެ ތިބީ ސިޔާސީ މާބޮޑު ބުރަދަނެއް ނެތި މިސްކިތު ވަކަރަށް ވެފައެވެ. އިބުރާއާއި ޑރ. މުނައްވަރާއި ޑރ. ވަހީދާއި މަވޯޓާ ޝަރީފާއި އިބްރާހީމް ހުސައިން ޒަކީއާއި މުހައްމަދު ޝިހާބު ފަދަ އެތައް ބަޔަކު މިހާރު ކޮބައި ހެއްޔެވެ. ޑރ. ދީދީއާއި އަލްހާނު ފަހުމީއާއި އަލީ ވަހީދު ފަދަ މީހުން އަނބުރާ ހޭރިއާކޮށް އެނބުރިއައިސް ކުރިން ހޯދި މަގުބޫލުކަން ހޯދަން ކުރިހާ ނުވަތަ ކުރާހާ މަސައްކަތުގެ ނަތީޖާ އެހާ ފޮންޏެއް ނޫނެވެ.
އީވާއާއި ސިއްޕެއާއި ވައްޑެ ފަދަ މީހުނަށްވެސް ކުރިން އޮތް އިތުބާރާއި ކުރި އިހުތިރާމް ހޯދުން ދެން އެހާ ފަސޭހަ ވެދާނެއެކޭ ހީއެއް ނުވެއެވެ. އެންމެ ގިނަ ދުވަހު އެމްޑީޕީ ލީޑް ކުރެއްވި ރައީސް ނަޝީދު ވެސް އެމްޑީޕީ ދޫކުރައްވާ ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތުމުން ވެސް ބޮޑެތި ގޮންޖެހުންތައް އެމަނިކުފާނަށް ވެސް އެބަހުއްޓެވެ.
ކިތަންމެ ރީތި ޝިއާރުތަކާއި މެސެޖުތައް ދެއްވިޔަސް ޒަހަމްތައް ފަސޭހަކުރަން ބޮޑެތި ގުރުބާނީތަކެއް ރައީސް ނަޝީދު ވެސް އަލުން ވާންޖެހެއެވެ. މާޒީގައި ކޮށްދެއްވި ކަންކަމުގެ ވާހަކަ ދައްކައިގެން ޒަހަމުތަކަށް ލުޔެއް ނެތެވެ. ދެއްވި ހިދުމަތާއި ކުރެއްވި މަސައްކަތަށްވުރެ ފަހުން ކުރުވި ޒަހަމްތައް ފުންވެފާ ދިލަ ގަދަކަމުންނެވެ. ހަމަ ތެދެކެވެ. ފެންނަ ކޮންމެ ހިނިތުންވުމަކީ ރުހުމާ ތާއީދެއް ނޫނެވެ.


