އަނެއްކާވެސް ޔާމީނު އިދިކޮޅަށް އެދިނީ ވަރުގަދަ ކެއްސެއް!
އިދިކޮޅަށް ގޮތް ހުސްވެގެން ހަމަލަދިނީ އިލެކްޝަނަށް
އަނހާ ސަހަރޯއެވެ. ބަލި ގަބޫލު ތިޔަ ކުރީ ހާދަ އަވަހަކަށެވެ. އިންތިހާބު އަދި ބޭއްވީއެއް ނޫނެވެ. އިދިކޮޅު އެންމެން އެކުވެގެން އަނެއްކާވެސް ފުއްގަޑެއް ހިލާލީތާއެވެ. އެކަމަކު ބަލި ތިޔަ ގަބޫލު ކުރަނީ މާ އަވަހަށެވެ.
މިހާރަކީ ވަރަށް ޑިމޮކްރެޓިކް އިރެކެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބަސްބުނެ އަޑު އުފުލާ ދެކޮޅު ހެދުމުގެ ހައްގު އޮވެއެވެ. އިލެކްޝަންގައި އެތިބީވެސް ވަރަށް މުސްތަގިއްލު ބައެކެވެ. ރިޔާސަތުން ކިޔާހާ ލަވަޔަކަށް އެމީހުން ނުނަށާނެއެވެ. އިލެކްޝަން ކޮމިޝަންގެ ޖަލްސާއެއްގައި ކަން ހިނގިގޮތާ ހިލާފަށް ކޮމިޝަނުގެ ރައީސް ބޭނުން ބައްޓަމަކަށް ވާހަކަ ހަދަހަދައިގެން ދެއްކީމާ އެ މީހުނަށް ކޮމިޝަންގެ ރައީސާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ހައްގު އެބައޮތެވެ. ރިޔާސަތުން ޖެހޭނީ އަގުލަބިއްޔަތަށް ބޯލަނބާށެވެ. ނޫނީ އިސްތިއުފާ ދޭށެވެ. ޑިމޮކްރެޓިކް ހަމަޔަކީ އެއީއެވެ.
އެހެނެކޭ ކިޔާ އެ ކޮމިޝަނުން ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ނިންމަން އަދި މާއަވަހެވެ. ކުރިޔާލާ އިދިކޮޅު ޕާޓީތަކުން ތިޔަހެން ކިޔާލަ ކިޔާލާ ތިބޭށެވެ. ހުތުރު ބައްޔަކުން ތިޔަ އެންމެން ވަނީ ބައްޔެވެ. ރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތަކީ އެއީއެވެ. އިދިކޮޅޭ ތިޔަ ކިޔައިގެން އުޅޭ މީހުންގެ ތެރޭގައި މީހަކަށް ދޫކުރާނެ މީހަކު ނެތެވެ. އެންމެން ވެސް ވެރިކަން ލައްކަ ބޭނުމެވެ. ގައުމޭ ރައްޔިތުންނޭ ކިޔަނީ ރައްޔިތުންނަށް އޮޅުވާލާށެވެ.
ހަމަ ހުވައެވެ. މިއަދު ޔާމީނު އެދެއްވި މެސެޖުން އެހެން އެންމެން ތިބޭނީ ބަނޑު ނުބައިވެފައެވެ. ފަހަތަށް ޖެހި ޔާމީނު ފަހަތަށް އަރައިގެން ޔާމީނަށް ވެރިކަން ހޯދާދޭކަށް ގާސިމެއް ނާޒިމެއް ނުނިކުންނާނެއެވެ. އަމްދުން ނަޝީދެއް އެކަމެއް ނުކުރާނެއެވެ. ނަޝީދު ޕީޕީއެމް - ޕީއެންސީއަށް ވެސް ހުށަހަޅާނީ ގާސިމަށް ވެސް ހުށަހެޅި ހުށަހެޅުމެވެ. އެއަށް ރުހި ނަޝީދަށް ދައުލަތް ހިންގަން ދޫކޮށްލަން ޔާމީނު ބޭނުން ނުވާކަން މިއަދު ޔާމީނު ދިން މެސެޖުން ސާފެވެ.
މިނިވަންވެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ ޔަގީންކަން ނެތް އިރުވެސް ޔާމީނު ވެސް އެ ހުރީކީ އިދިކޮޅުގައި އުޅޭ އެހެން މީހެއްގެ ފަހަތަށް ޕީޕީއެމް- ޕީއެންސީ އަރުވާ މޫޑެއްގައެއް ނޫނެވެ. އަދި ޕީޕީއެމުގެ އެހެން މީހަކަށް ޓިކެޓް ދޭ މޫޑެއްގައެއް ވެސް ނޫނެވެ. އިދިކޮޅުގައި އޮތީ އެ މީހަކާ އެމީހެކެވެ. އެހެން ތިބެގެން ބަލިވާނެކަން އެނގޭ އިރުވެސް ބޫތުކައިފަ ތިބި ވަރުން އެ ތިބިއްޔަކީ ދޫ ދޭ ގޮތަކަށް ނޫނެވެ.
އިދިކޮޅުން ވިއްކާން އުޅުނު އިންޑިއާ އައުޓެއް ނުވިކުނެވެ. ހަރާން ހުކުމެއް ނުހިނގިއެވެ. ކަނޑު ވިއްކުމެއް ޗާގޯހެއް ވަޔަކު ނުހިފިއެވެ. ރައްޔިތުންނަށް ވިއްކަން އިދިކޮޅުން ބޮލަށް ލައިގެން ނިކުންނަ އެއްވެސް އެއްޗެއް ނުވިކި އިންތިހާބު އައިސް ބޯމަތިވުމުން އެންމެ ފަހުން ނުބައި ކުރަން އެ ނިކުތީ އިލެކްޝަންސް ކޮމިޝަނެވެ. އިލެކްޝަން ގޯސްވެ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ހީވަންޏާ އިންތިހާބަށް ނުނިކުމެ ތިބޭށެވެ. އިލެކްޝަންސް ކަމިޝަން ގަބޫލުކުރާ ބަޔަކު އިންތިހާބުގައި ވާދަކޮށްފާނެ ނޫން ހެއްޔެވެ.
ރާއްޖޭގެ ގާނޫނުތައް ހުރިގޮތުން އިލެކްޝަން ކޮމިޝަނަކީ ވެސް ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަނު ކުރާ ބައެކެވެ. މިހާރު އޮތް އިލެކްޝަން ކޮމިޝަން އެއްކޮށް ބަދަލު ކުރިޔަސް ދެންވެސް އަންނާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީން ފާސްކުރާ ބައެކެވެ. ޕީޕީއެމާއި ޑިމޮކްރޭޓުން ބޭނުންހާ ގޮތަކަށް ކަންކަން ކުރެވޭ ވަރުގެ ހަކަތައެއް އެ މީހުންގައި ނެތެވެ. ފެންނަން ހުރި ހުރިހާ ހަގީގަތަކުން ރާއްޖޭގެ މެޖޯރިޓީ އޮތް ގޮތް އެބަ ސާފުވޭ ނޫން ހެއްޔެވެ.
ވަކި ބަޔަކު ބޭނުން ވާހާ ގޮތަކަށް ކަމެއްވުން ލަސްވެލާ އިރަށް ތިބިއްޔާ ތިބި ބަޔަކަށް ކުނި ހުތުރު އެއްޗެހި ކިޔާ މީހުންގެ އިއްޒަތުން ނަފްސް ކަތިލުމަކީ އިދިކޮޅުގެ އާދައެވެ. އިލެކްޝަނާ އެންޓި-ކޮރަޕްޝަނާ ހިއުމަންރައިޓްސް ފަދަ ހުރިހާ ކަމިޝަނެއްގައި ވެސް އެ ތިބީ ދިވެހި ރައްޔިތުންނެވެ. އެ މީހުންގެ ކަރާމާތާ އިއްޒަތް ނަގާލަމުން އެ ހުންނަނީ ސިޔާސީ ކަންކަމޭ ބުނެ އެ މީހުންގެ ގާތަށް ގޮސް ވޯޓު ދޭން އެދުނީމާ ކަނޑާފައި ދޭނީ ކިތައްފުޅި ކަމެއް ނޭނގެއެވެ.
އިދިކޮޅުން ބޮޑެތި ޕްރެސް ކޮންފަރެންސް ބައްވައިގެން ދެ އިރު ދެ ދަޅައަށް އަވައްޓެރި ގައުމުތަކަށާއި ރައްޔިތުންގެ އެތައް ބަޔަކަށް އާޑަ ފުރައްސާރަ ކުރުމުގެ ހިތި އިދިކޮޅަށް ފެނިގެން ދާނީ ފިސާރި ހުތުރު ކޮށެވެ. އެންމެ ފަހުން މަސް ނުބޭވުނީމާ ނުބައި ވާނީ ކަނޑެވެ.
އިދިކޮޅު އެއް ބަޔަކު އަނެއް ބަޔަކަށް ދޫ ނުދޭވަރު އެބަ ފެނެއެވެ. ޗާގޯހާއި ކަނޑުގެ ވާހަކަ ފެށުމުން މުނައްވަރު އިދިކޮޅުގެ ލީޑް ނަގާތަން ފެނުމުން ލަވަ ބަދަލުކޮށްލީއެވެ. އެކި ފަހަރު މަތިން އެކިގޮތަށް ކުޅުނުހާ ކުޅި އަތަށް ގޮވާ އިދިކޮޅުން ކުޅޭނެ ކުޅި ހުސްވެ ގޮތް ހުސްވެގެން އެންމެފަހުން ހަމަލަ އެދެނީ އިލެކްޝަނަށެވެ. އެ ދަނޑިވަޅު ޔާމީނު އެދިން މެސެޖުން ގާސިމާ ނަޝީދާ ނާޒިމު ބޮލަށް ފިތާލާފައިވާ ތާވަޅައެއްހެން އެނބުރިގަންނަނީ ކިހނެއް ކަމެއްވެސް ނޭނގެއެވެ.