ކުރީސަރުކާރެއް ނޫން މިސަރުކާރު - މިސަރުކާރެއް ނޫން ކުރީސަރުކާރު
މުއިއްޒު ކްރެޑިޓް ނަގާނެ ކަންކަން ކޮޅުންނުލާ ވަރަށް ކުރީސަރުކާރުން ކޮށްފާ ހުންނާނެ
މިއީވާ މަޖާ ގައުމެކެވެ. ގޯހުން ކަމެއްކޮށްފައި އޮތިއްޔާ ކުރީ ސަރުކާރެވެ. ކްރެޑިޓެއް ލިބޭ ކޮންމެ ކަމަކީ މިސަރުކާރެވެ. ކަމަކީ އައުކަމެއް ނޫނެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިތާ ފުރަތަމަ 15 ދުވަހުގެ ތެރޭގައި މާލޭގައި އިސްރަށްވެހިންގެ ނާދީއެއް ހުޅުވާ ރެބަން ކެނޑިއެވެ. ކަމަކީ ކުރީ ސަރުކާރުން މަސަކަތްތައް ނިންމާ ހުޅުވަން ތައްޔާރުވެފައި ހުރި ތަނެކެވެ. އެހެނެއް ކަމަކު އެކަމުގެ ހުރިހާ ކްރެޑިޓެއް ނެގީ މުއިއްޒުގެ މިސަރުކާރުންނެވެ. އެކަމުގައި ކުރި ސަރުކާރެކޭ ނުކިޔައެވެ.
ތިލަ މާލެ ބްރިޖުގެ މަސައްކަތަކީ ކުރީ ސަރުކާރުން ހިންގަން ފަށަފައިވާ މެގަ ޕްރޮޖެކްޓެކެވެ. ތިލަމާލެ ބްރިޖްގެ މަސައްކަތް ރައީސް ސޯލިހުގެ ވެރިކަމުގައި ފަށައިގެން ކުރިއަށް ދިޔައިރު ރައީސް ސޯލިހު ސަރުކާރަށް ތިލަމާލެ ބުރިޖުގެ ވާހަކައިން މިހާރުގެ ވެރިން ފާޑުކިޔެވެ. މަސައްކަތުގެ ކުރީކޮޅު ގުޅީފަޅުގައާއި ތިލަފުއްޓާއި ކަނޑު އަޑީގައި ކުރެވެމުން އައި އުނދަގޫ މަސައްކަތްތަކަށް ބެލުމެއްނެތި ކުރީ ސަރުކާރަށާއި މަސައްކަތް ކުރާ އިންޑިއާ ކުންފުންޏަށް މެދުނުކެނޑި ދިޔައީ ފުރައްސާރަ ކުރަމުންނެވެ.
އެހެނެއް ކަމަކު ބްރިޖުން ފެނުން މައްޗަށް ހިކުނު ފުރަތަމަ ތަނބު ފެނުމުންވެސް ބުރިޖުގެ މަސައްކަތަށް އޭރު ވާދަވެރިން ގޮތުގައި ތިބެ މިހާރުގެ ވެރިން ނުކުރަނީ ކޮން ފުރައްސާރައެއް ހެއްޔެވެ. ވެރިކަން ލިބުމާއެކުވެސް މާމޮޅުވެގެން އުޅެންފެށީ ހަމަ އެބުރިޖެވެ. މުއިއްޒު ސްޕީޑް ލިބިގެން މަސައްކަތް ކުރަނީ ބުރިޖުއަޅަން ނޭނގޭ ކަމަށް އޭރުގެ އިދިކޮޅުން ބުނި އިންޑިއާގެ ހަމަ އެ ކުންފުންޏެވެ.
ވަގުތުން ބްރިޖަށް މުއިއްޒު ސްޕީޑް ލިބި ކުރީ ސަރުކާރުން ކުރިކަމެއް އެކަމުގައި ނެތިއްޖެއެވެ. މިހާރަކު އެ މަސައްކަތް ކުރާ ކުންފުންޏެއް މަސައްކަތް ކުރާ ގޮތެއް އެމީހުންނަކަށް ގޯހެއް ނޫނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ފަށައިގެން ކުރިއަށް ގެންދިޔަ އައްޑޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ހަންކެނޑެ ބުރިޖުގެ މަސައްކަތް ނިންމާ ހުސްވި އޮގަސްޓް މަހު ވަނީ ހުޅުވާފައެވެ. ކުރީ ސަރުކާރުން ހިންގާ ނިންމި އެ މަސައްކަތްތަކުގެ ނިމުން ފާހަގަކޮށް ރިބަންކެނޑީ މިސަރުކާރުންނެވެ.
ކުރީ ސަރުކާރުން ހިންގާފައިވާ އެބޮޑު މަސައްކަތުގެ މޮޅުކާލީ މިހާރުގެ ސަރުކާރުން ރައީސް މުއިއްޒެވެ. ކުރީ ސަރުކާރަށް ތައުރީފްގެ ކުޑަވެސް ބަހެއް ނުބުނާތާ ކުރީ ސަރުކާރުން ކުރިކަމެކޭވެސް ނުބުނެއެވެ.
ސަރުކާރުގެ މޭޖަރ ހިއްސާ އޮތަސް އެސްޓީއޯއަކީ އަމާޒުތަކެއް ހިފައިގެން މަސައްކަތްކުރާ ރާއްޖޭގެ އެންމެ ވަރުގަދަ ކުންފުންޏެވެ. ބަންކަރިންގެ ހިދުމަތް ދިނުމަކީ ވެސް އެސްޓީއޯ އިން ކުރަމަށް ތައްޔާރުވަމުން އައިސްފައިވާ ކަމެކެވެ. ހިފާފައިވާ އަމާޒެކެވެ. ގަތަރުގެ ކުންފުންޏަކާއެކު ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާ ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ ނިންމާފައި އޮތް ކަމެކެވެ.
އެސްޓީއޯގެ އަމާޒުތަކަށް ވާސިލުވުމުގައި އެންމެ ބޮޑު ހުރަހަކަށް ވަނީ ސަރުކާރު ބަދަލުވުމުން އެސްީއޯގެ ބޯޑަށް އަންނަ ލޮޅުމެވެ. ބޯޑުގެ މެޖޯރިޓީއަށް އަންނަބަދަލާއި ގުޅިގެން އަމާޒަށް ވާސިލުވުމަށް އެޅޭހުރަހެވެ. ބަންކަރިންގެ ހިދުމަތަށްވެސް މިވީ އެހެނެވެ. ސަރުކާރު ބަދަލުވުމާއެކު ކަންކުރުވާ ޕާޓީ ބަދަލުކޮށްލީއެވެ. ޕާޓީ ބަދަލުކުރިޔަސް ބަންކަރިން ހިދުމަތް ދިނުމުގެ އަމަލީ މަސައްކަތްފެށީ ކުރީ ސަރުކާރުން ނޫން ކަމަކަށް ނުވާނެއެވެ.
މިހެން ކިޔާފާ ނުކިޔާނެ އެއްކަމެއް ނެތެވެ. ކުރީ ސަރުކާރުން ބޮޑުކުރި ޓެކްހާއި ކޮތަޅު ޓެކްސްވެސް ކަމުނުދިޔައީ ވެރިކަމުން ބޭރުގައި ތިބި އިރުއެވެ. މިހާރު އެވަރެއް ނެތެވެ. ކިޔާ ކޮޅުންނުލާ ވަރަށް މުއިއްޒު ކްރެޑިޓް ނަގާނެ ކަންކަން ކުރީ ސަރުކާރުން ކޮށްފައި ހުންނާނެއެވެ. ފަށާފައިވާހާ ކަންކަން ނިންމާ ރެބަން ކަނޑާ ކުރެޑިޓް ނަގަން އޮންނާނީ ކެރުނު ވަރެކެވެ. އެ ވަރަށް ކްރެޑިޓް ނެގޭވަރުގެ ރަނގަޅު ކަންކަން ކޮށްފައި ކުރީސަރުކާރުން ހުންނާނެއެވެ. ރިނބަން ކަނޑަމުން ކުރެޑިޓް ނަގަމުން ގެންދާންވީއެވެ.