ކަރަންޓްކަނޑާލަން ޖެހުނަސް ސްޓެލްކޯ ކޮރަޕްޝަނާ ސީއެސްއާރު މެކުހުގަ!

ކަރަންޓްކަނޑާލަން ޖެހުނަސް ސްޓެލްކޯ ކޮރަޕްޝަނާ ސީއެސްއާރު މެކުހުގަ!

ކަރަންޓް ދިނުމަށް ބޭނުންވާ ތެޔޮގަތުމަށް ބޭނުންވާ ފައިސާނެތިގެން ސްޓެލްކޯ އޮތީ އެތަން މިލިޔަނަކުން ދަރާ ވިކިފައެވެ. ތެޔޮ ނުގަނެވިގެން އިންޖީނުތައް ނިވާލާ ކަރަންޓް ކަޑާލަން ޖެހުމުގެ ބިރު ސްޓެލްކޯއަށް އޮތީ ކުރިމަތިވެފައެވެ. ކަރަންޓް ހިދުމަތް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ ގިނަކަންކަން ފައިސާ ނެތިގެން ސްޓެލްކޯއަކަށް ނުކުރެވެއެވެ. 

ސްޓެލްކޯ ކޮންޒިއުމަރުން ބްލެކްމޭލް ކޮށްގެން މަހަކަށްވުރެ މަހެއް ބޮޑުކޮށް ކަރަންޓް ބިލަށް ފައިސާ ނަގައެވެ. ކިތަންމެ ފައިސާއެއް ކަރަންޓްގެ ހިދުމަތަށް ނެގިޔަސް އެކި ހަމަ އަޅައިގެން އެކި ހިސާބުން ކަރަންޓް ކަޑާލަން ނުޖެހޭ ދުވަހެއް އުޑުން ބިމުން ނުދެއެވެ. މަތި މައްޗަށް އުފުލެމުންދާ އުސް އިމާރާތްތަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭ ވަރުގެ ފެންވަރެއް ކުރިއަށް އޮތްތާ ސްޓެލްކޯގައި ހުންނާނެކަމަކަށް ނުބެލެވެއެވެ. 

ކަރަންޓް ބޭނުންވާ ވަރާއި ގާތަށް ވެސް ސްޓެލްކޯގެ ކެޕެސިޓީ އިތުރު ކުރުމުގެ ފެންވަރެއް ސްޓެލްކޯގައި ނެތެވެ. ހިދުމަތް ދިނުމަށް ބޭނުންވާ ފެންވަރަށް ގާބިލުކަން އިތުރުކުރުމަށްވުރެ މެނޭޖިންގ ޑިރެކްޓަރ އިސްކަންދެނީ ސިޔާސީގޮތުން ސަރުކާރަށް ކްރެޑިޓް ހޯދާދީ ޕަބްލިސިޓީ ހޯދުމަށެވެ. 

ސްޓެލްކޯގެ އިސްވެރިންނާއި ޕީއެންސީގެ ސިޔާސީ ވެރިންނާއި އެމްޕީންނާއި ގުޅިގެން ހަމަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި ސްޓެލްކޯއަށް މުދާގަނެ ބޮޑެތި ކޮރަޕްޝަން ހިންގުމުގައި ސްޓެލްކޯ އޮތީ ތަތްތެޅިފައެވެ. ސްޓެލްކޯގެ ވަށާފާރުތަކުގެ އެތެރެއާއި ބޭރުގައި ގަސްމުށިޖެހުމާއި ބެޓެރީ ސައިކަލް ބެހުން ފަދަ ކަރަންޓްގެ ހިދުމަތާ އެއްވެސް ގުޅުމެއް ނެތް އެތައް މިލިޔަން ރުފިޔާގެ އިސްރާފް ކޮރަޕްޝަނުގެ ގޮތުގައި އެބަހިންގާލައެވެ.

ކަރަންޓް ދިނުމުގެ ހިދުމަތުގައި އަވަދިނެތި ރެޔާދުވާލު ބުރަކޮށްއުޅޭ މުއައްޒަފުންނަށް އިތުރުގަޑިއާއި އިނާޔަތް ނުދެވުނަސް ސިޔާސީ ވެރިންގެ އައުވާނުންނަށް އެކި ނަންނަމުގައި ވަޒީފާދެނީ އަމަށަކު ވަރަކަށް ނޫނެވެ. ކަރަންޓްގެ ހިދުމަތް ކޮންމެ ހާލެއްގައި އޮތަސް ތެޔޮ ބިލްތައް ނުދެއްކި ބިލިޔަނުން ދަރަނިވެރިވެފައި އޮތަސް އެކިއެކި ޖަމްއިއްޔާތަކާއި ކައުންސިލްތަކުން ކުރާ ކަންކަމަށް ސީއެސްއާރުގެ ނަމުގައި ރައީސް މުއިއްޒަށް ތާއީދު ހޯދުމަށް ސްޓެކޯއިން ހޭދަ އެބަކުރެއެވެ. އަނެއްކޮޅުން ރައީސް މުއިއްޒުގެ ޕްރަމޯޝަނަށް ކުލީ ގަލަންތަކަށް ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާއެއް ހަރަދު އެބަކުރެއެވެ. އެހެނެއް ކަމަކު އޭސީސީ އޮތީ ހަމަ ގަދަ ނިދީގައެވެ. 

ބޮޑެރި ކޮރަޕްޝަނާއި އިސްރާފާއި ދަރަނި ބޮޑުވެގެން ގޮސް ކަރަންޓް ފޯރުކޮށް ދިނުމުގެ ހާލަތު ކޮންމެ ފެންވަރެއްގައި އޮތަސް އެމްޑީ ފަހުމީއަށް ވަރިހަމައެވެ. ތެޔޮބިލްތަކަށް ފައިސާ ނުދެއްކި އެތައް މިލިޔަނެއް އޮތަސް ވަރިހަމައެވެ. ކުރަންޖެހޭ ލާޒިމު ހޭދަތައް ނުކޮށްވެސް އަހަރީ ރިޕޯޓްގައި އެތައް މިލިޔަނަކުން ފައިދާ ލިބޭ ކުންފުންޏެއް ކަމަށް ދައްކާ ހިންޏަށް ހަކުރު އޮޅުވާ ލެވެނިކޮށް ފަހުމީއަށް ނިމުނީއެވެ.