އެޖެންޑާ19 ފޭލިކޮށްލި ޕީޖީ ލީޑަރަށް އިތުބާރެއް ނެތް

އެޖެންޑާ19 ފޭލިކޮށްލި ޕީޖީ ލީޑަރަށް އިތުބާރެއް ނެތް

އެމްޑީޕީގެ ދެ ވެރިކަން ވައްޓާލަން އެއްރޮއްޖަކަށް ފޫގަޅައިގެން ނިކުމެ މަސައްކަތްކުރި މީހަކު ނިކުމެ އެމްޑީޕީގެ އަސާސްތައް ދަމަހައްޓަން އުޅޭ ވާހަކަ ދެއްކީމާ އަންނަނީ ހިންޏެވެ. ޑީއާރުޕީގެ ޒަމާނުގައި ކުރިއަށް ނިކުމެ އެމްޑީޕީގެ ވެރިކަން ބަގާވާތަކުން ވައްޓާލީ މެންބަރުން ރޮއިރޮއި ތިއްބައެވެ. އޭރު އެމްޑީޕީއަށް ވެލިކާންދޭން އުޅުނު ގޮތަށް ރޫޅާލަން އުޅެފައި އެނބުރި އައިސް އަސާސްތައް ދަމަހައްޓާ ވާހަކަ ދެއްކީމާ ގަބޫލުކުރާނީ ކާކުހެއްޔެވެ. 

ތަސްމީނު ވެރިކަމަށް ކުރި ދަތުރުގައި ޑީއާރުޕީ ރޫޅި ބުރަ ބުރައިގެން ގޮސް ޔާމީނުގެ އަތްމައްޗަށް މައުމޫނިޒަމްގެ ބާރުތައް ދިޔުމުން ޑީއާރުޕީގެ ލީޑަރޝިޕްގައި ތިބި ބަޔަކު ތަސްމީނާއި އެކު އެމްޑީޕީއާ ގުޅުނެވެ. އޭގެ ތެރެއިން ގިނަ މީހުންވީ އެމްޑީޕީއަށްޓަކާ ބުރަ މަސައްކަތް ކޮށްދޭ އިހުލާސްތެރި ބަޔަކަށެވެ. އެމްޑީޕީއާއި ގުޅުނީއްސުރެ ދެގޮތެއްނުވެ އެމްޑީޕީގެ އަސާސްތައް ދެމެހެއްޓުމުގައި އޮނަރަބަލް ޝާހިދާއި ރޮޒޭނާ ފަދަ ބޭފުޅުން ކެނޑިނޭޅި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީ އެ ބޭފުޅުންނަށްޓަކައި ފަހުރުވެރިވާ ވަރަށެވެ. އެކަމަކު އަލީ އާޒިމް އުޅުނީ ރޫޅާލާ ނޫން ގޮތެއް ހޯދޭތޯއެވެ.

އަލީ އާޒިމްގެ ފުށުން އެމްޑީޕީގެ އަސާސްތައް ނަގަހައްޓާ ދެމެހެއްޓިތަނެއް ނުފެނެއެވެ. ޕީޖީ ލީޑަރކަމުގައި ހުރެ މަޖިލީހުގެ އޭރުގެ ރިޔާސަތާއި ގުޅިގެން އެޖެންޑާ 19 ފޭލިކޮށްލީއެވެ.  އިދިކޮޅަށްވުރެ އިދިކޮޅުވެގެން އެމްޑީޕީގެ ދެވަނަ ވެރިކަން ފޭލިކޮށްލަން ވެސް އަލީ އާޒިމް ނުކުރާ އެއްކަމެއް ނެތެވެ. ފިކުރެއް ދިރުވަން އުޅެ ފޭލިވެގެން އެމްޑީޕީ ދޫކޮށް ނިކުމެ އެމްޑީޕީ ނޫންގޮތެއް ހޯދަން މަސައްކަތް ކުރިއެވެ. އެމްޑީޕީއާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކުތައް އުފައްދާ ނަފްރަތު އުފައްދާ ޕީޕީއެމްއާއި ގުޅިގެން އެމްޑީޕީ ރޫޅާލަން މަސައްކަތް ކުރިއެވެ.

އެންމެ ފަހުން ވަގުންގެ ނެޓްވޯކެއް ކަމުގެ ސިއްކަ އެމްޑީޕީގައި ޖަހައިގެން އެމްޑީޕީއާއި ދެކޮޅަށް މަސައްކަތްކޮށް ޑރ. މުއިއްޒު ވެރިކަމަށް ވެސް ގެނައީއެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދަން ކުރި މަސައްކަތުން ރާކަނިމަސް ކެވި ހީކުރި ގޮތަށް އެމްޑީޕީގެ ކޮންޓްރޯލް ނުނެގި ސިޔާސީ ގޮތުން ބާކީވެ ނެގިގާގަޑަށް ބޮލިއެރިޔަސް އެމްޑީޕީގެ ވަފާތެރިންނަށް ކާކަކީ ކާކުކަން އޮޅުވައެއް ނުލެވޭނެއެވެ. އެމްޑީޕީގެ މެންބަރުންނަކީ ގަރަހިތަ ތަކެއް ނޫނެވެ.

ރަނގަޅަށް ހިނގަ ހިނގާ ހުންނަ ކަންކަން ނޫން ގޮތެއް ހޯދައިގެން ބަދަލު ކުރުމަކަށް އެއްވެސް އިރަކު އެމްޑީޕީގެ މެންބަރުން ތަރުހީބެއް ނުދޭނެއެވެ. ނޫން ގޮތް ހޯދަން އުޅެގެން ނިކުތް ނަތީޖާތައް ހިތިވެފައި ގޯސްކަން އެމްޑީޕީ ގިނަ މެންބަރުންނަށް އެނގެއެވެ. އަދިވެސް ގަދަކޮށް އުޅެވެނީ އެމްޑީޕީ ރޫޅާލުމަށެވެ. ކިތަންމެ ގަދަކޮށް އުޅުނަސް އެޖެންޑާ19 ފޭލިކޮށްލި ޕީޖީ ލީޑަރަށް އިތުބާރެއް ނެތެވެ.