މުއިއްޒުގެ ޕަޕެޓް ފަހުމީއާއި ސްޓެލްކޯ ބޯޑް އިސްތިއުފާ!

ސްޓެލްކޯ ފަހުމީއަކީ މުއިއްޒުގެ ބޮޓެއްކަން ކިތަންމެހާވެސް ރަނގަޅަކަށް އޭނާގެ ބަހުން އެގިއްޖެއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި ހުރެގެން ފަހުމީ ސްޓެލްކޯ ހިންގަމުންދަނީ ރައްޔިތުންގެ އިހުސާސާއެއްގޮތަށް ނޫންކަމަށް ފަހުމީއަށް އެއްބަސް ވެވިއްޖެއެވެ.
ސްޓެލްކޯއަކީ ޑިރެކްޓަރުންގެ ބޯޑަކުން ހިންގަމުންދާ ސަރުކާރު ކުންފުންޏެކެވެ. ކުންފުނިން ދެވޭ ހިދުމަތުގެ އަގު ހެޔޮކުރުމާއި ބޮޑުކުރުމަކީ ސްޓެލްކޯ ބޯޑުގެ ޒިންމާއެކެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ސްޓެލްކޯގެ ހިދުމަތުގެ އަގު ކުޑަކޮށް ބޮޑުކުރަން ހުންނަ މީހެއް ނޫނެވެ. ރައީސް ކުރިޔަސް އެއީ ކުރާ ގައިރު ގާނޫނީ ކަމެކެވެ. ރަައީސުލްޖުމްހޫރިއްޔާ ބުނާއިރަށް ކަރަންޓްގެ އަގު ކުޑަކޮށް ބޮޑުކުރުމަކީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަކީ އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމާ ތަންފީޒު ކުރުމުގެ އިހުތިޔާރެއްނެތް ރައީސްގެ ގޮނޑިކޮއްކޮ ތަކެއްކަމަށް ކިތަންމެހާވެސް ރަނގަޅަށް ފަހުމީ އެކްސްގައި ކުރި ޕޯސްޓްއަކުން ހަމަކޮށްދީފިއެވެ.
ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުންނޭ ފަހުމީ ބުނުމުން ކަރަންޓްގެ ޓެރިފް ކުޑަނުކޮށް މި ހުރިހާ ދުވަހު އޮތީ ގަސްދުގައި ރައްޔިތުން ފެލަންކަން ކަށަވަރުވީއެވެ. ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކުރައްވާފައޭ ސްޓެލްކޯ އެމްޑީގެ މަގާމުގައި ހުރެގެން ފަހުމީ ބުނީމާ ނިކަން ހުތުރެވެ.
ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުން ކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްނުކޮށް އޮތީ ގަސްދުގައި ކަމަށް ސްޓެލްކޯ އެމްޑީ އިއުތިރާފުން މިހާރު އެ ސާބިތުވީއެވެ. އެކަމަށް ފަހުމީ އިއުތިރާފުވުމުން ފަހުމީ އާއި ސްޓެލްކޯ ބޯޑް ރައްޔިތުންނަށް ގަސްދުގައި ހަރާންކޯރުވެއްޖެ ކަމާމެދަކު ޝައްކެއްނެތެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ދިނުމަކީ ރައީސް މުއިއްޒުގެ އިހުލާސްތެރިކަމުން ހެޔޮފުޅުކަމުން ކުރާކަމެއް ނޫނެވެ. ސްޓެލްކޯގެ ކަންކަން ހިންގަންޖެހޭނީ ރާއްޖޭގެ ގާނޫނާއި ގަވައިދާެި އެއްގޮތަށް ޑިރެކްޓަރުންގެ ބޯޑަކުންނެވެ. ކުންފުނީގެ ޑިރެކްޓަރުންނަކީ ރައީސް ވިދާޅުވީމާ ވިދާޅުވި ގޮތަކަށް ކަންކުރަން ތިބޭ ބައެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮއްކޮ ޑިރެކްޓަރުންގެ ބޯޑަކާއި މެނޭޖިންގ ޑިރެކަޓަރެއް ސްޓެލްކޯ ހިންގަން ތިބުމުގެ ހައްގެއް ނެތެވެ. އަވަހަށް މުއިއްޒުގެ ޕަޕެޓް ފަހުމީއާއި ސްޓެލްކޯ ބޯޑް އިސްތިއުފާދޭށެވެ.