ބަޅުރުއް ޕާޓީގެ ގޮނޑިކޮއްކޮ އަކަށް ނަޝީދު!
އެމްޑީޕީ ބައިބައިކުރައްވައިގެން ޔާމީނަށް ވެރިކަން ހޯއްދަވާ ދެއްވައިގެން އަމިއްލަފުޅަށް އަރުވާލެއްވެން ބޭނުންފުޅީތޯ
އަންތަރީސް ވާހާވެއެވެ. މި ހުރިހާ ދުވަހު އުޅުއްވީ ޕީޕީއެމް މީހުންނާ މަސްހުނިވެ ވަޑައިގެންނެވެ. ބޭއްވެވި ހުރިހާ އެއްވުމަކަށް ގިނަ އަދަދެއްގެ ޕިޕީއެމް މީހުން އެއްކުރައްވާ ކޮނޑާ ކޮނޑު ޖައްސަވާ އުޅުއްވީ ކުޑަވެސް ހާސް ކަމެއް ކަންބޮޑުވެ ވަޑައިގަތުމެއް ނެތިއެވެ.
ހަމަ ކުއްލިއަކަށް ރަޢީސް ނަޝީދަށް ވެވަޑައި މިގަތީ ކިހިނެއް ހެއްޔެވެ. ރިޔާސީ ޕްރައިމަރީ ކެންޕޭން ނިންމެވުމަށް މާލޭގައި ބޭއްވެވި އެއްވުމަށް މާ ގިނައެއްކޮށް ޕީޕީއެމް މީހުން ގޮސް ތިބެގެން ދެފައިންޕުޅު ތުރުތުރު އަޅުއްވާ ބައްދަލުވުން ދޫކުރައްވާ ވަޑައިގަންނަވައިފިއެވެ.
ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް އެ މަނިކުފާނަށް ނެތް ކަމަށް އެމްއެންޑީއެފުން ކަށަވަރު ކޮށްދީދީ އޮއްވާ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވުމަކީ ކެންޕޭނުގެ ކޮންވައްތަރެއްގެ ސްޓަންޓެއް ހެއްޔެވެ. މިއަދު ހަވީރު އުޅުއްވީ އެއްވުން ކެންސަލް ކުރެއްވި ކަމަށް ބުނާ މެސެޖްތަކެއް އީވާގެ ނަމުގައި މީމީހުނަށް ދިޔަކަމަށް ހައްދަވައިގެންނެވެ. ކުށްވެރި ކުރެއްވީ އުރީދޫއާއި ޓެލްކޮން އޮތޯރިޓީއެވެ. އެފާޑުގެ ނުއުފަންނަ ކަންކަން އުފަން ކުރުވައިގެން ތިޔައުޅުއްވަނީ ކޮންބައެއްގެ ހަމްދަރުދީއެއް ހޯއްދަވަން ހެއްޔެވެ.
ތިޔަހެން ތިޔަ ކުޅުއްވާ ޗަރުކޭސް ދިވެހިން ނިކަން ރަނގަޅަށް ދަސްކޮށްފިއެވެ. ބޮޑުތަނުން ފޭލިވެ ވަޑައިގަންނަވާނެ ކަން އެނގިވަޑައިގަންނަވާ އިރު ރައީސް ނަޝީދު ތިޔަ ޖައްސަވަނީ ކޮން ސަކަރާތެއް ހެއްޔެވެ. ޕާޓީ މަގުމަތިވެ ޕާޓީއަށް އޮތް ވެރިކަން ގެއްލުމުގެ ކުރިން ހަމަ ބިމަށް ތިރިވެ ވަޑައިގެން ޕާޓީގެ މެޖޯރިޓީ ރޫހަށް ބޯލަންބަވައިގެން ގުޖަޑު ނުހައްދަވާ ހުންނަވަން ވެއްޖެ ނޫންތޯއެވެ. ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވާޑައިގެން 2023 އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވަން ނިކުނަނަވާން ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އެމްޑީޕީ ބައިބައިކުރައްވައިގެން ޔާމީނަށް ވެރިކަން ހޯއްދަވާ ދެއްވައިގެން އަމިއްލަފުޅަށް އަރުވާލެއްވެން ބޭނުންފުޅީތޯއެވެ. މަޖިލިސްގެ ރައީސްކަމާއި ޖޭއެއްސީގައި މިހާރުވެސް ތިޔައިންނެވެނީ އެމްޑީޕީން ބައިންދަވާތީ ނޫންތޯއެވެ. އީވާއާއި ހަސަން ލަތީފާއި ވައްޑެފަދަ ބޭބެފުޅުންގެ އަވާގައި ޖެހިވަޑައިގެން ޕާޓީ ބައިބައި ކުރައްވަން ނޫޅުއްވާން ވެއްޖެ ނޫންތޯއެވެ.
އެއްލަކިން އެމްޑީޕީގެ ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރު ހޯއްދަވާ ދެއްވާން ނިކުންނަވަން ކެރިވަޑައި ނުގަންނަވަހާ އަމިއްލަފުޅު ބޮޑި ބޮޑުކުރައްވަން މިހާރަކު ތިޔަ އުޅުއްވަނީ ކޮންފަދަ ކަމެއް ލައިގަތީތޯއެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވަން ރައީސް ސާލިހު އެކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ނުދެއްވޭހާ މަވެތިވެ ވަޑައިގަތީ ކޮން އިރަކުތޯއެވެ.
އެމްޑީޕީގެ އަދާވާތްތެރިޔާ ޔާމީނު ދުވަހަކު އެމްޑީޕީއަކަށް ރައީސް ނަޝީދަކަށް ހެވެއް ނޭދޭނެއެވެ. ބަޅުރުއް ޕާޓީގެ ގޮނޑިކޮއްކޮ އަކަށް ވެވަޑައިނުގެން އެމްޑީޕީގެ މެޖޯރިޓީ މެންބަރުންގެ އިހުސާސަށް އިހުތިރާމް ކުރައްވާ ފަހަތަށް ޖެހިވަޑައިގަތުމަށްވުރެ މޮޅުއެއްވެސް ގޮތެއް ނެތެއް ނޫންތޯއެވެ.