ނޭޕާލަށް ވީހެންވާން އެދޭނީ ރައީސް މުއިއްޒާއި އޭނާގެ އައުވާނުން

އިސްތިއުފާ ދިނުން ނޫންކަމެއް ގައުމަށްޓަކާ ކޮށްދޭކަށް މުއިއްޒަކަށް މިހާރަކު ނެތް

ނޭޕާލަށް ވީހެންވާން އެދޭނީ ރައީސް މުއިއްޒާއި އޭނާގެ އައުވާނުން

ސްރީލަންކާ އާއި ބަނގްލާދޭޝް އާއި ނޭޕާލަށް ވީހެން ރާއްޖެއަށް ވާން އެދޭ ބަޔަކު ތިބިއްޔާ އެ ބަޔަކީ ވެރިކަމުގެ އާރާބާރުގައިހުރި މުއިއްޒާއި މުއިއްޒުގެ އައުވާނުންނެވެ. އެހާލަތަށް ގައުމު ވެއްޓުނިއްޔާ ވެއްޓޭނީ މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ ނުބައި ނުލަފާކަމުންނެވެ. ގައުމީ ސަލާމަތޭ ޓޫރިޒަމޭ އާއްމު މަސްލަހަތޭ ކިޔައިގެން ގައުމު ލޫޓުވާލަމުން އާއްމު ރައްޔިތުންގެ ބޮލުގައި އިލްޒާމް އަޅުވައިގެން ވެރިކަމުގައި ލޮބާޑިލާން ތިބެން ނޫޅޭށެވެ. 

ބާރު އޮތީތީ ގަދަކަން ދައްކަން ހުރެވިދާނެ ކަމަށް މުއިއްޒެއް ކަމަކު ހީކުރާނެ ކަމެއްނެތެވެ. ކިތަންމެ ބޮޑު މެޖޯރިޓީއަކާއެކު ރައްޔިތުންގެ މަޖިލިސް ލިބިފައި އޮތަސް އެ މީހުންގެ ކޮންމެ ނިންމުމަކީ ރައްޔިތުންގެ ނިންމުން ކަމަށް ހީކުރާނެކަމެއް ނެތެވެ. ފަނޑިޔާރުގެއަށް ރުހޭހާ ބަޔަކު ލައިގެން ކުރާހާ ހުކުމަކީ އަދުލު އިންސާފު ކަމަށް ދެކޭނެ ކަމެއް ނެތެވެ. ދައުލަތް ވީދާ ނޮޅާ ކާން ފުރުސަތު ލިބިފައި ތިބިހާ އައުވާނުން ކިޔާހާ ސަނާއަކީ ރައްޔިތުންގެ ލޯތްބާއި ރުހުންކަމަށް ވެސް ދެކޭނެ ކަމެއްނެތެވެ. 

ނޭޕާލުން އިއްޔެ ފެނިގެން އެދިޔައީ އެ މަންޒަރެވެ. އިންޑޮނޭޝީއިން ވެސް އެހުރީ އެހަގީގަތް ހާމަވާށެވެ. ބަނގްލާދޭޝްގައި މިދާކަށް ދުވަހު ކަންކަން ހިނގާ ނިމިދިޔަ ގޮތް ފިލާވަޅަކަށް ނުވޭހެއްޔެވެ. އޭގެ ކުރިން ސްރީލަންކާ ކުޅަ ތަޖުރިބާ ވެސް ފެނިއްޖެ ނޫން ހެއްޔެވެ. މިހާވަރުން ދަންޏާ ރާއްޖެއަށްވެސް އެދަތުރު ނުޖެހޭނެކަމެއް ނޭނގެއެވެ. ގައުމު އެ ހިސާބަށް ވެއްޓުނިއްޔާ ވެއްޓޭނީ މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ ނުބައި ނުލަފާކަމާއި ޖައްބާރު ކަމުންނެވެ. 

ވަށައިގެން އޮތް ހުރިހާ ގައުމަކުން ވެސް ފެނިގެން ދިޔައީ އެއް ހަގީގަތެކެވެ. އިންސާފުގެ ނަމުގައި ހިންގިހާ ބޭއިންސާފުގެ ނަތީޖާއެވެ. ގާނޫނާއި ޝަރީއަތުގެ ނިވަލުގައި ތިބެ ހިންގިހާ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތާއި ރިޝްވަތުގެ ނަތީޖާއެވެ. ޖަރީމާ ހިންގުމަށްޓަކާ ޖަރީމާ ހިންގާ މީހުން ގާނޫނާއި ބާރުގެ ތެރެއިން ހިމާޔަތް ކުރުމުގެ ނަތީޖާއެވެ. ފާރަވެރިވުމުގެ ނަމުގައި ބަޔަކު ބައިތިއްބައިގެން މުޖުރިމުންގެ ޖަރީމާތަކަށް ފަސްއަޅާ ފޮރުވުމުގެ ނަތީޖާއެވެ. އަބުރުގެ ނަމުގައި ދުލާއި ގަލަމުގެ މިނިވަންކަން ހިފެހެއްޓުމުގެ ނަތީޖާއެވެ. ސަރުކާރުން އާއްމު ރައްޔިތުންގެ ކަރުބުޑަށް އަތް ބާނާ ދިރިއުޅެން ދަތިކުރަމުން ދިޔުމުގެ ނަތީޖާއެވެ.  

ރައީސް މުއިއްޒެވެ. ހަމަ އަޅުވައިގެން ހަމަ ދައްކައިގެން އެންމެންނަކީ ކަނުބީރު މަންމަނުނަށް ހެދިދާނެ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ. ބަދަލަކީ ވޯޓަކުން ނޫނީ  ނުކުރެވޭނެ ކަމެއްކަމަށް ގަބޫލުކުރާ ގަބޫލުކުރުން ސިނކުޑިން ނެރެލާށެވެ. ހަތިޔާރާއި މުގުރާ ކަރުނަ ގޭހުން ކުރެޥޭނީވެސް ވަކިވަރެކެވެ. މުޅި ގައުމުގައި ފުޅާ ހަމަނުޖެހުމަކަށް ގޮސް ގައުމު ފާލުން ނެއްޓިގެން ދިޔަ ނުދިނުން އޮތީ ރައީސް މުއިއްޒުގެ އަތްމަތީގައެވެ. ހަމަތެދެކެވެ. ރައީސް މުއިއްޒާއި މުއިއްޒުގެ މުޅި ސަރުކާރު އިސްތިއުފާ ދިނުން ނޫން ކަމެއް ގައުމަށްޓަކާ ކޮށްދޭކަށް މުއިއްޒަކަށް މިހާރަކު ނެތެވެ.