ތަފާތުނުކޮށް މުއިއްޒަށް ހިންގޭނެ ރޫލް އޮފް ލޯއެއް ނޯންނާނެ!

ގާނޫނު ހިންގުމުގައި އެއްވެސް މީހަކަށް ތަފާތު ނުކުރާނެކަމަށް މުއިއްޒު ބުންޏަސް އެވާހަކަ ގަބޫލުކުރާނެ މީހަކު މަދުވާނެއެވެ. ކިތަންމެ އަޑަށް ބާރުލާފައި ގާނޫނު ހިންގުމުގައި އެއްވެސް މީހަކަށް ތަފާތުކޮށްފައި ނުއޮންނާނެކަމަށް މުއިއްޒު ބުނުމުން އެވާހަކަ ގަބޫލުކުރެވޭނީ ކިހިނެތް ހެއްޔެވެ. މުއިއްޒަކީ އަމަލާ ބަހާ ދިމާވާ މީހެއް ނޫނެވެ. މުއިއްޒު ކުރިން ރޫލު އޮފް ލޯ ހިންގިހޮތަށް ކުރިއަށް އޮތްތާވެސް ރޫލު އޮފް ލޯ ހިންގައި ފިއްޔާ ތަފާތުކުރުމާއި އަނިޔާވެރިކަން ނޫން ކަމެއް ނުއޮންނާނެއެވެ.
މިއަދު މުއިއްޒު ބުނެފައި އެވަނީ "ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން [ރޫލް އޮފް ލޯ] މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން، ނުވަސް ކުރާނަން. އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫން ވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ،" ކަމަށެވެ.
އެންމެ ރަނގަޅެވެ. މުއިއްޒު ވެރިކަމަށް އަރާ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުމުންވެސް އެމީހުން ވަޒީރުންގެ ގޮތުގައި ބައިތއްބައިގެން އެ 3 މީހުން ލައްވާ ވަޒީރުކަމުގެ މަސްއުލިއްޔަތު އަދާކުރުވީ ރޫލް އޮފް ލޯގެ ކޮން ހަމައަކުން ހެއްޔެވެ. އިތުބާރު ނެތްކަމުގެ ވޯޓަކުން ސަލާމަތްވާން ރައްޔިތުންގެމަޖިލީހުގެ 13 މެންބަރަކަށް ރިޝްވަތު ދީގެން އެއްފަހަރާ އެ އެންމެން ޕާޓީ ބަދަލުކުރުވީ ރޫލު އޮފް ލޯގެ ކޮން އިންސާފަކުން ހެއްޔެވެ.
ގާނޫނާ ހިލާފަށް މެދަމް ސާޖިދާއަށް ސިވިލް ސާވިސްގެ ނޯޕޭ ލީވް ހޯދާދީގެން ނެތް ޕްރޮޖެކްޓެއްގެ ނަމުގައި ކޮންޓްރެކްޓް އުސޫލުން ފައިސާ ނަގަނީ ރޫލް އޮފް ލޯގެ ދަށުންހެއްޔެވެ. 18 އަހަރުނުވާ އަމިއްލަ ދަރިފުޅުގެ ކަރާމާތް ނަގާލި މެޑަމް ސާޖިދާގެ މައްސަލަ ނުބަލާ ދަރިއަކު ވޭޕް ބޮޔޭ ބުނިމީހުންގެ ބުރިން ހަންނަގަން ދިމާކޮށްފާ ހުރީ ރޫލު އޮފް ލޯގެ ކިހާ ހިސާބަކުން ހެއްޔެވެ.
އަމިއްލައަށް ނޫސްވެރިއަކަށް ގުޅާ އިންޒާރުދީ އެމައްސަލަ ބެލިޔަނުދީ ހުއްޓުވީ ރޫލު އޮފް ލޯގެ ކޮން ނައްސަކުން ހެއްޔެވެ. ބައިއަޅައިގެން އެޗްޑީސީ ފެލާލުމުން ފަޒުލު ބޯކިރު ފޮދަކަށް ހަދާ، ފެނަކަ ނޮޅާލީ މުއާޒަށް ސޭފް އެގްޒިޓެއްދީ، ދައުލަތް ކިހިލި ޖަހާލައިގެން ރަމީޒު ބެޗީމާ އަމާންދީ ގާތްވާން ސހުރު ހެދިކަމަށް ހަދާ ޝަމްނާޒް ޖަލަށްލީ ރޫލު އޮފް ލޯގެ ކިހާ ހިސާބަކުން ހެއްޔެވެ.
ސަރުކާރުން ބަޔަކަށް ދީފައިވާ ގޯތިތަކަކާއި ފުލެޓްތަކެއް ނުދީ ހިފަހައްޓާ އޮޅުންބޮޅުން ކޮށްލާ އެތައް ބަޔަކު އެމީހުންގެ ހައްގުން މަހުރޫމް ކުރީ ރޫލް އޮފް ލޯގެ ކޮން އުސޫލަކުން ހެއްޔެވެ. ޝަރުއީ ހުކުމެއްނެތި ގޯތި ގެދޮރު އަތުލުމުގެ ބާރު ދިނީ ކޮންގާނޫނަކުން ހެއްޔެވެ.
ބުނަންހެއްޔެވެ. މުއިއްޒަށް މިގައުމުގައި ރޫލު އޮފް ލޯ ހިންގޭނީ އަނގައިންނެވެ. ދޮގު ހެދުމުގައި އެދު ކެނޑިފައި، ބާރު ހޯދަށް ނުކުރާނެ ކަމެއްނެތް މުއިއްޒަށް ތަފާތު ނުކޮށް ކަމެއް ކުރެވޭނެ ނަމަ ސްޕްރީމް ކޯޓް ބެންޗް އޮޅައެއް ނުލީހެވެ. މަޖިލީހުގައި ޗޭނެއް ނުޖެހީހެވެ. މުއިއްޒަށް ހިންގޭނެ ރޫލް އޮފް ލޯއެއް ނޯންނާނެއެވެ.