ބަޖެޓްގައި ނެތް ޑްރޯން އޮޕަރޭޝަނަކީ ޖަރީމާއެއް!
ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ގައުމެއް
އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ފާރަވެރިވުމަށާއި ރެސްކިއު އޮޕަރޭޝަންތަކަށް އިންޑިއާ އަސްކަރިއްޔާގެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެއް ރާއްޖޭގައި ބާއްވައިގެން އުޅުނީ އިންޑިއާ ސަރުކަރާއި ރާއްޖޭގައި އޮތް ކުރީގެ ސަރުކަރުތަކަކާއި ވެވިފައިވާ އެއްބަސް ވުންތަކެއް ދަށުންނެވެ. އަސްކަރީ އެ އުޅަނދުތައް ދުއްވާ ބެލެހެއްޓުމަށް ތިބި އިންޑިއާ ސިފައިން ތިބީވެސް އެއްބަސް ވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރަކަށް އެކަމެއް ކަމަކު ނުދިޔައެވެ. އެކަމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެގެން އިންޑިއާ ސިފައިން ފޮނުވާލަނީއެވެ.
ގައުމެއްގެ ނިސްބަތުގައި މި ސަރުކާރުން ކުރާން މިއުޅެނީ ކިހާ ހުތުރު މުޑުދާރު ކަމެއް ހެއްޔެވެ. ދެ ގައުމުގެ ދެމެދު ވެވޭ އެއްބަސްވުމަށް އިހުތިރާމް ނުކުރާ ގައުމެއް ކަމުގެ ލޭބަލް ރާއްޖޭގައި ޖެހުނީއެވެ. ޖީއެމްއާރު މައްސަލައާއި ހައިޑްރޯގްރަފީ އެއްބަސްވުމާއި ސަރަހައްދު ބެލެހެއްޓުމުގެ އެއްބަސްވުމަށް ރާއްޖޭން އިހުތިރާމެއް ނުކުރިއެވެ. އެހެންކަމުން ރާއްޖެ ވެގެން ގޮސް ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ގައުމަކަށެވެ. ނަތީޖާއަކީ އިންވެސްޓަރުންގެ ވެސް އިތުބާރު ރާއްޖެއަށް ގެއްލުމެވެ.
ރާއްޖޭގެ ކަންކަން މިހާލަތަށް ދަނީ އެއިރަކު އޮންނަ ސަރުކާރަކުން ވިސްނާނުލާ ކުރާ ކަންކަމުގެ ސަބަބުންނެވެ. ބަޔަކާ އެކު ކަމަކަށް އެއްބަސްވާއިރު ފަހުން ނިކުމެދާނެ މައްސަލައަކަށް ރިއާޔަތް ކުރުމެއް ނެތީމައެވެ. ޒަމާން ތަކަށް ދައުލަތް ޒިންމާވާންޖެހޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދާތީއެވެ.
އަނެއް ކޮޅުން ރާއްޖޭގެ ސަލާމަތާ ގުޅުން ހުރި ބޮޑު ނިންމުމެއް މުއިއްޒު ސަރުކާރުން އެނިންމާލީ ރައްޔިތުންގެ މަޖިލީހަށް ދޮންކަޅު އަންގާ ނުލައެވެ. ދައުލަތުގެ ބަޖެޓް ތަސައްވަރުކޮށްފައި ނުވާ ބޮޑު ކަމެއް ކޮށްނީންމާލަނީއެވެ. ސަރަހައްދު ބަލަހައްޓަން 6 ޑްރޯން ރާއްޖެއަށް ގެނައުމަކީ ކުޑަކަމެއް ނޫނެވެ. ކޮންމެ ޑްރޯނެއްގެ އަގަކީ 5 މިލިޔަން ޔޫއެސް ޑޮލަރެވެ. 6 ޑްރޯނަކީ 30 މިލިޔަން ޑޮލަރެވެ. މިވަރުގެ ކަމެއް ދައުލަތުން ފައިސާ ހަރަދު ކުރުމަށް ބަޖެޓް ކޮށްފައެއް ނެތެވެ. ހިލޭ އެހީއެއްގެ ގޮތުގައިވިޔަސް ލޯނެއްގެ ގޮތުގައިވިޔަސް ކުރާކަށް ބަޖެޓްގައި ކަނޑައެޅިފައެއް ނެތެވެ.
ރާއްޖޭގައި ދައުލަތް ޒިންމާވާ ގޮތަށް ޑްރޯން އޮޕަރޭޝަން ހިންގަނީ ކިހިނެތް ކޮންބައެއް ކަމެއް ނޭނގެއެވެ. އެކަމާގުޅޭ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަކަށް ނުދެއެވެ. މަޖިލީހުގެ ރުހުމެއް ނުހޯދައެވެ. އެކަމުގައި ދައުލަތުން އުފުލަން ޖެހޭނީ ކޮން ޒިމާއެއް ކިހާ ވަރަކަށް، ކިހާ ދުވަހަކަށް ކަމެއް ރައްޔިތުން މަޖިލީހަކަށް ނާންގައެވެ. ދުވަސް ކޮޅަކުން ޑްރޯން އުދުއްސުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށްވެގެން މިނިވަންކަން ގެއްލޭތީ ބަޔަކު ނޫޅެނެ ކަމެއް ނޭނގެއެވެ. ދައުލަތުން އުފުލަންޖެހޭ ހައްދެއްނެތް މަލީ ބުރައަކަށް ޑްރޯން އުދުއްސުން ނުވާނެ ކަމެއްވެސް ނޭގެއެވެ.
މަޖިލީހުން ރުހުން ނުހޯދާ ކަންކަން ކުއްލި ކުއްލިއަށް ސަރުކާރު ތަކުން ކުރުމުން އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް ދައުލަތަށް ދަނީ ލިބެމުންނެވެ. އަސްކަރީ 6 ޑްރޯނަކީ ސަމާސާ އެއްޗެއް ނޫނެވެ. ރެއާއި ދުވާލު ޑްރޯން އޮޕަރޭޝަން ހިންގުމުގެ މާލީ ގާބިލުކަން ދައުލަތަށް ލިބިފައި ވޭބާއެވެ. ގައުމުގައި ނެތް ފުދުންތެރި ކަމުގައި ޑްރޯން ގަނެގެން އެތަކެތި އޮޕަރޭތް ކުރުމަށްވުރެ ލުއި ފަސޭހަ އެހެން ގޮތެއް ނެތީހެއްޔެވެ. ރައްޔިތުން މަޖިލީހުގެ ރުހުންނެތި އެވަރުގެ ކަމެއް މި ސަރުކާރުން ކުރުމެކޭ އިންޑިއާ އަސްކަރީ ހެލްކޮޕްޓަރތައް އޮޕަރޭޓް ކުރުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ.
ޒަމާން ތަކަށް ދެމިގެންދާ ގޮތަށް ދައުލަތް ޒިންމާވާން ޖެހޭ އެއްވެސް ކަމެއް ކުރެވެން ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ހާއްސަކޮށް މާލީ ޒިންމާ ދައުލަތުން ވާންޖެހޭ ކަންކަމާއި ގައުމީ ސަލާމަތާއި ސިޔާދަތާ ގުޅުން ހުރި ކޮންމެ ކަމެއް ކުރެވެން ވާނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ.