އުތުރުތިލަފަޅުން ދަފްތަރުގެ ރައްޔިތުންނަށް ގޯތިދޭންޖެހޭ: ސަފާތު

އުތުުރު ތިލަފަޅުން 215 ހެކްޓަރުންގެ ބިން ހިއްކަން ކަނޑައެޅީ ގޯތިދޭން

އުތުރުތިލަފަޅުން ދަފްތަރުގެ ރައްޔިތުންނަށް ގޯތިދޭންޖެހޭ: ސަފާތު

ދަފްތަރު މީހުންނަކީ ބައެއް މީހުން ސިފަކުރާ ފަދަ ދެވަނަ ދަރަޖައިގެ މާލޭ ރައްވެހިންނެއް ނޫނެވެ. ދަފްތަރުގައި ޖެހިގެން ތިބީ އަތޮޅުތަކުން މާލެއައިސް މާލޭ ރަށްވެހިނަށް ވެގެން އުޅޭ މީހުން އެކަންޏެއް ނޫނެވެ. މުޅި އާއިލާ މާލެއަށް ނިސްބަތްވާ ކިތަންމެ ބަޔަކު މާލޭ ދަފްތަރުގައި އެބަ ތިއްބެވެ. މާލެ ދަފްތަރުގެ ރައްޔިތުންނަކީ މާލޭ ރަށްވެހިންނެވެ.

1987 ވަނަ އަހަރުން ފެށިގެން މާލެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މާލޭގެ ދަފްތަރުގެ ރައްޔިތުންނަކީ މާލޭ މީހުންނެވެ. އެހެން ބައެއް ނޫނެވެ. ޒަމާނުއްސުރެ އެ މީހުން ދިރިއުޅެމުންއައީ މާލޭގައެވެ. މާލެ ދަފްތަރުގެ ގިނަ ރައްޔިތުންނަކީ މާލެއަށް އުފަން މާލޭ ރަށްވެހިންނެވެ. މާލޭ ދަފްތަރުގައި ދެންތިބީ ވަޒީފާ އަދާކުރުމުގެ ގޮތުންނާއި އެނޫން ބޭނުންތަކުގައި މާލެއަށް ހިޖުރަކޮށް ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ދިރިއުޅޭ ރައްޔިތުންނެވެ. އެހެން ކަމުން މާލޭ ރައްވެއްސެންނޫން މީހަކު މާލޭ ދަފުތަރަކު ނެތެވެ.

ހަމަތެދެކެވެ. ސީދާ މާލެއަށް ނިސްބަތްވާ 7000އަށް ވުރެ ގިނަ މީހުން ދަފްތަރުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި އެބަތިއްބެވެ. ބޯހިޔާވަހިކަން ނުލިބޭތާ ނިސްބަތްވާ މައިފުނަގޭގައި ރަޖިސްޓްރީ ވެލައިގެން ތިބުމުގެ ފުރުސަތު ނެތިގެންނެވެ. ހަގީގަތުގައި އެންމެ ބޮޑަށް ނިކަމެތިކަން ލިބިފައިވާ މާލޭގެ ރައްޔިތުންނަކީ އެއީއެވެ. ގޯތި ގެދޮރުން މަހުރޫމްވެފައިވާ ހަގީގީ މާލޭ މީހުންނަކީ އެއީއެވެ.

ރައިސް ސޯލިހުގެ ވެރިކަމުގައި އުތުރުތިލަފަޅުން 215 ހެކްޓަރު ބިން ހިއްކަން ނިންމެވިއެވެ. އެ ނިންމުން ނިންމެވީ ދަފްތަރުގައިވާ މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ އަތޮޅުތަކުގެ ރައްޔިތުނަށް ބޯހިޔާވަހިކަން ދިނުމަށެވެ. އުތުުރު ތިލަފަޅުން 215 ހެކްޓަރުންގެ ބިން ހިއްކަން ކަނޑައެޅުއްވީ އުތުރުތިލަފަޅުގައި ހަދަމުންދާ އެމްއެންޑީއެފްގެ އަސްކަރީ ބަނދަރާ މުޅިން ވަކިންނެވެ.

މާލޭ ދަފްތަރުގައި ހިމެނޭ މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅެތާ ގިނަ ދުވަސްވީ އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން އުތުރު ތިލަފަޅުން 4،500 އަށް ވުރެ ގިނަ ގޯއްޗާއި، މާލެ ސަރަހައްދުން 8،000 ފްލެޓް ދޫކުރުމަށް ބޯހިޔާވަހިކަމުގެ ސްކީމެއް ރައިސް ސޯލިހު ހުޅުވާ ލެއްވީ ސަމާސާއަކަށް ނޫނެވެ. ބޯހިޔާވަކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވުމަށެވެ.

ދަފްރަތަރު ރައްޔިތުންނަށާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ ރައްޔިތުންނަށް ގޯތި ދިނުމަށް އުތުރު ތިލަފަޅުން 5,525,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ހަމަޖެއްސާ އެފުރުސަތު ހުޅުވާލުން ވެގެން ދިޔައީ އެތައް ބައެއްގެ އުންމީދުގެ ނިމުމުގެ ފެށުންކަމަށެވެ. އުތުރުތިލަފަޅުން ބޯހިޔާ ވަހިކަމަށް އެދެން ހުޅުވާލުމުން އެކަމަށް އެދި އެތައް ހާސް ބަޔަކު ކުރިމަތިލިއެވެ.

އުތުރު ތިލަފަޅުން ގޯތި ހޯދަން އެދުނު މީހުންގެ ތެރޭގައި މާލޭ ހާއްސަ ދަފްތަރުގައި ތިބި އަސްލު މާލޭ ރަށްވެހިންގެ  3000އަށް ވުރެ ގިނަ މީހުން އުތުރު ތިލަފަޅުން ހިޔާވަހިކަން ހޯދަން އެދިފައިވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ނިކަމެތި ރައްޔިތުމީހާ އަނެއްކާވެސް މާޔޫސްވީއެވެ. ގޮތް ހުސްވީއެވެ.

ރައީސް މުއިއްޒު ސަރުކާރުން އުތުރު ތިލަފަޅުން ހިޔާވަހިކަން ދިނުމަކީ ނެތް ކަމަކަށް ހަދައިފިއެވެ. ކުރީ ސަރުކާރުގެ އެނިންމުމަށް އިހުތިރާމް ކުރެއެއް ނުކުރެއެއް ނޭގެއެވެ. އުތުރުތިލަފަޅުން ހިޔާވަހިކަން ދިނުމުގެ ސްކީމް އޮތެއް ނެތެއް ނޭގެއެވެ. މާލޭގެ ހަގީގީ ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތި ރައްޔިތުންނަށް ދިއްލުނު އުންމީދުގެ ހުޅުކޮޅުވެސް މުއިއްޒު ސަރުކާރުން ނިވާލީއެވެ. 

ސަފާތު އަހުމަދު ޒާހިރު ރައްޔިތުންގެ މަޖީލީހަށް އެ ނިކުންނެވީ ދަފްތަރު ރައްޔިތުންގެ ހައްގުގައެވެ. އުތުރުތިލަފަޅުން ދަފްތަރު ރައްޔިތުންނަށް ހިޔާވަހިކަން ހޯދާދިނުމަށް ހިތާރޫހުން ގުރުބާންވުމަށެވެ. އުތުރުތިލަފަޅު ހިޔާވަކަމަށް ހާއްސަކުރެވި ދަފްތަރު ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރު ކުރެވެންދެން ފަހަތައް ޖެހުނެތި ސަފާތު ދާނީ ކުރިއަށެވެ.