ޝަރީއަތުން ނޫނީ އެކެއްގެ އެއް ފްލެޓް ވެސް ގެއްލިގެން ނުވާނެ

އެންޓި ކޮރަޕްޝަން ކަމިޝަނުން ކޮރަޕްޝަން ނުހިންގާނެ ކަމަށްކަށް ނުބެލެވޭ

ޝަރީއަތުން ނޫނީ އެކެއްގެ އެއް ފްލެޓް ވެސް ގެއްލިގެން ނުވާނެ

ކާކު އިތުބާރު ކުރަންވީ ކާކަށް ހެއްޔެވެ. ދައުލަތުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދޭ ރަސްމީ ލިޔުމަކީ އިތުބާރު ނުކުރެވޭ އެއްޗެއް ކަމަށް އޭސީސީން ކަނޑައަޅައިފިއެވެ. ރަށު ކައުންސިލަކުން ރަށުގެ ރައްވެއްސަކާ ގުޅޭގޮތުންދޭ ރަސްމީ ލިޔުމަށް އިތުބާރު ނުކުރެވޭ ހިސާބަށް ދިޔުމުން އޭސީސީގެ ބަހަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ. 

ރަށްރަށުން މާލެއައިސް މާލޭގައި ދިރިއުޅޭހާ މީހުންނަކީ ތަންތާ ވަޒީފާގައި އަބަދު އުޅޭ ބައެއްއް ނޫނެވެ. ބައެއް މީހުން ވަޒީފާ އަދާކުރި ކުންފުނިތަކާއި އޮފީސްތަކާއި ކިޔެވި ސުކޫލްތައް ވުޖޫދުގައި މިހާރަކު ނެތެވެ. އެތަން ތަނުން ލިޔުން ހޯދައިގެން ކުރަންވާ ކަމެއް އެފަދަ މީހުން ތިބެން ޖެހެނީ ނުކޮށެވެ. 

މަލޭގައި އެންމެނަކު އުޅުނީކީ ފެށުނީއްސުރެ އެއްގެއަކު ނޫނެވެ. އެއް ވަޒީފާއެއްގައި އެއް ތަނެއްގައެއް ނޫނެވެ. ދިހަބާރަ ގޭގައި ދިރިއުޅުނު އާއިލާތައް މަދެއް ނުވާނެއެވެ. އެހުރިހާ ތަންތަނުން ލިޔުން ހޯދުމަކީ ފަސޭހަ ރަހުމަތެއްގައި ވެވޭކަށް އޮންނަ ކަމެއް ނޫނެވެ. އެހެން ނޫނަސް ދިރިއުޅުނު ގެއެއްގެ ވެރިފަރާތުންދޭ ލިޔުމަކީވެސް ބަލައިގެން ވާން އޮތް އެއްޗަކަށް ނުވެއެވެ.

މާލޭގައި ދިރިއުޅުނުކަން ދަންނަ ހެކިންދޭ ހެކިބަހަކީވެސް ބަލައިގަނެވޭ އެއްޗަކަށް ވަނީއެއް ނޫނެވެ. އިސްލާމީ ޝަރީއަތުގައި ކުށް ސާބިތު ކުރަން ހެކިބަސް ބަލައި ގަނެވުނަސް ފްލެޓް ހައްގުވުމަށް ޕޮއިންޓް ލިބުމުގައި ހެކި ބަހަކީވެސް ބުރަދަނެއް އޮތް އެއްޗެއް ކަމަކަށް ނުވެއެވެ. 

މިކަހަލަ އެތައް ސަބަބުތަކަށްޓަކައި އެމީހަކު ނިސްބަތްވާ ރަށެއްގެ ރަށު ކައުންސިލު ނުވަތަ ސިޓީ ކައުންސިލުން ދޭލިޔުން ބަލައިނުގަނެވޭ ވަރަށް ގޮތް ބޮޑުވީމާ ފްލެޓް ހައްގުވާ ކަމަށް ކަނޑައެޅިފައިވަ 400 މީހުންގެ %60 ޕަސެންޓް ކިއްކުރަން ހެއްޔެވެ. ސަތޭކަ ޕަސެންޓް މީހުންނަށް ވެސް ފްލެޓް ހައްގެއް ނުވާނެއެވެ. 

ކައުންސިލު ތަކާއި ގޭގޭވެރިން ދޮގު މައުލޫމާތު ދީގެން ޝަރުތު ހަމަކުރުވިއްޔޭ ކިޔައިގެން އޮޅުވާލަން ނުހަދާށެވެ. ފްލެޓަށް ޝަރުތު ހަމަވީ އެންމެ 4000 މީހުނެއް ނޫނެވެ. 15000 މީހުންނަށްވުރެ ގިނަ ބަޔަކަށް ޝަރުތު ހަމަވެއެވެ. ކުރީ ސަރުކާރުން އިއުލާނުކުރީ ފުރަތަމަ ނިމޭ 4000 ފްލެޓަށް ހޮވޭ މީހުންނެވެ. ފުރަތަމަ 4000 މީހުން ހޮވީ މާރކްސް ލިބިފަހުރި ތަރުތީބުން މަތިން ތިރިއަށެވެ. އޭގެ މާނައަކީ ދެންތިބި މީހުން ޝަރުތު ހަމަ ނުވުމެއް ނޫނެވެ.

މުޅި މަފްހޫމް އޮޅުވާލައިގެން ފްލެޓް ހައްގުވާ ކަމަށް ކަނޑައެޅިފައިވާ ބައެއްގެ ތެރޭން އެތައް ބަޔަކަށް ޝަރުތު ހަމަނުވާ ކަމަށްބުނެ އެމީހުން އެ ހައްގުން މަހުރޫމުކޮށް އެހެން ބަޔަކަށް ފްލެޓް ދީގެން ފަރަކު ނުޖެއްސޭނެއެވެ. %60 މީހުން ފްލެޓް ޝަރުތު ފުރިހަމަ ކޮށްފައިވަނީ  ދޮގު މައުލޫމާތު ދީގެންކަން ޝަރީއަތަށް ސާބިތުނުކޮށް މުއައްސަސާއަކުން ނިންމާފައި އޮތް ނިންމުމެއް ބަދަލުކޮށް ބައެއްގެ ހައްގެއް ނިގުޅައެއް ނުގަނެވޭނެ. 

ރަށު ކައުންސިލްތަކާއި ހެކިންނަށް އިތުބާރު ނުކުރާނަމަ އެންޓި ކޮރަޕްޝަން ކަމިޝަނުން ކޮރަޕްޝަނެއް ނުހިންގާނެ ކަމަށް ބަލަން އެތާ ތިބެނިއްޔަކީ މަލާއިކަތުންނެއް ނޫނެވެ. ފާޑުފާޑުގެ ހަމަ އަޅުވައިގެން ޑރ. މުއިއްޒު ބޭނުންވާ ބަޔަކަށް ފްލެޓްތައް ބަހާލަން އޭސީސީން ޖާގަ ހަދާދިން ދިނުން ބަލައެއް ނުގަނެވެއެވެ. މަޖިލިސް އިންތިހާބަށް ޑރ. މުއިއްޒަށް އޭސީސީން ދޮންކޮށްދޭ ދޮންކެޔޮ ގަނޑަކަށް 4000 ފްލެޓް ހަދަނީ ހެއްޔެވެ.

ހަމަތެދެކެވެ. މޮޅެތީ ވާހަކަ ދައްކައިގެން ދރ. މުއިއްޒު ޖަހާ ޗައްކަރުގައި ބަޔަކު ބައްދަން އޭސީސީން ހިންގި ޖަރީމާ މާގޯހެވެ. ހައުސިންގ މިނިސްޓްރީއާއި އޭސީސީން ކޮންމެ ވާހަކަ އެއްދައްކާ ކޮންމެ ހަމައެއް އެޅުވިޔަސް ވަރިހަމައެވެ. ފްލެޓް ލިބުމުގައި ދޮގު މައުލޫމާތުގެ މައްޗަށް ޕޮއިންޓް ލިބިފައިވާކަން ސާބިތުވާ މައްސަލަތައް ވަކިވަކީން ޝަރީއަތަށް ސާބިތު ނުކޮށް އެކެއްގެ އެއްފްލެޓް ވެސް ގެއްލިގެން ނުވާނެއެވެ.