ރޮޒޭނާ ތަރި އޮއްސުނީތަ!

އެންމެ ވަރުގަދަ އަންހެން ޕޮލިޓިޝަން

ރޮޒޭނާ ތަރި އޮއްސުނީތަ!

ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެން ޕޮލިޓިޝަނުންނަކީ މަދުބައެކެވެ. ސިޔާސީ ކަންކަމުގައި ގިނަ އަންހެނުންނަކީ ފެނިގެއްލިދާ ބައެކެވެ. ސިޔާސީ ދައިރާއަށް ނިކުތީއްސުރެ މައިދާނުގައި ިފަހައްޓާ ލެވިފައި ތިިބި އަންހެނުންނަކީ މަދުބައެކެވެ. ހާއްސަކޮށް އިންތިހާބީ މަގާމުތަކުގައި ހިފަހައްޓަލެވޭ ކަނބަލުން ވަރަށް މަދެވެ. 

ސިޔާސީ ކަންކަމުގައި ނަން ހިގާ ގިނަ ކަނބަލުން ފެނިފައިވަނީ އައްޔަނު ކުރެވޭ މަގާމު ތަކުންނެވެ. ހާއްސަކޮށް 2007ގައި މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ހުޅުވުނު ފަހުން ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިސް ސަފުން ފާހަގަ ކުރެވޭ ގިނަ ކަނބަލުންނަކީ އިންތިހާބީ ބައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކަނބަލުން އިންތިހާބު ވަނީ ވަރަށް މަދުންނެވެ. ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ތިއްބެވީ އެންމެ 4 އަންހެން ބޭފުޅުންނެވެ. 

އައު ގާނޫނު އަސާސީ ތަންފީޒު ކުރަންފެށި ފަހުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ގިނަ ކަނބަލުންނަށް އެއް ދައުރަށްވުރެ އިތުރަށް މަޖިލިހުން ޖާގައެއް ނުލިބއެވެ. އެއް ދައުރަށްވުރެ ގިނަ ދައުރު މަޖިލީހުގައި ތަމްސީލް ކުރުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ދެ ކަނބަލުންނަށެވެ. ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރ އީވާ އަބްދުއްލާ އާއި އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ރޮޒައިނާ އާދަމްއެވެ. ރާއްޖޭގައި ތިބި އެންމެ ވަރުގަދަ އަންހެން ދެ ޕޮލިޓީޝަނުންނަކީ އެ ދެ މެންބަރުންނޭ ބުނެވިދާނެއެވެ. 

އެންމެ ފަހުން އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ވާދަކޮށް 30 ވޯޓުގެ ތަފާތަކުން ބަލިވެ ވަޑައިގެން ރޮޒައިނާ އާދަމަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ހަންބޯ އެންމެ ޖެހެލުން ކުޑަ އެންމެ ކާމިޔާބު އަންހެން ޕޮލިޓީޝަނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެމްޑީޕީގައި ރޮޒައިނާ ހުންނެވި މަގާމާއި ޕާޓީގެ ލީޑަރޝީޕްގައި އެކަމަނާގެ ބަސްވިކުން އޮތް މިންވަރަށް ބަލާއިރު ޕްރައިމަރީއަކަށް ދާން ކެރިވަޑައިގަތް ގަތުމަކީ އެކަމަނާގެ ސިޔާސީ ދުރު ވިސްނުމާއި ޑިމޮކްރަސީ ހަޖަމް ކުރެއްވުމުގެ ގާބިލުކަން ހުރިވަރެވެ. އަމިއްލަ ނަފްސަށްވުރެ ޕާޓީއަށް ގޮނޑި ކާމިޔާބު ކުރުވުމަށް އިސްކަން ދެއްވި މިންވަރެވެ.

2008ގައި ރައީސުލްޖުމްހުރިއްޔާގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ވެއްނެވީއްސުރެ މިއަދާ ހަމައަށް އެހުންނެވީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ. 16 ވަނަ މަޖިލީހަށް ރައީސް އައްޔަނު ކުރެއްވި މެންބަރެއްގެ ހައިސިއްޔަތުން ރޮޒައިނާ ފެއްޓެވި ބަރުލަމާނީ ހަޔާތުގައި އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު 17،18،19 ވަނަ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރެއްވީ ގޮނޑި ހޫނު ކުރައްވާކަށް ނޫނެވެ. ފިސާރި ކަނބަލެއްގެ ގޮތުގައެވެ. 

ނަތީޖާއެއްގެ ގޮތުން ވާދަވެރިން ޖެހެލުންވާ ކަނބަލަކަށް ރޮޒޭވިއެވެ. އެންމެ ގިނަ ސިޔާސީ ހަމަލާތައް އަމާޒުވާ އެއްޕޮލިޓިޝަނަކަށް ރޮޒޭނާ ވިއެވެ. ރޮޒޭނާގެ ހަކަތަ ހުސްކޮށްލަން އެތެރޭންނާ ބޭރުން ހުއްޓުމެއްނެތި މަސައްކަތް ކުރިއެވެ. ބޯވައަށް ބުޅަލަށް މީދަލަށް ގޮވައިގެންވެސް ރޮޒައިނާ ސިޔާސީ މައިދާނުން އެއްފަރާތް ކުރެވޭތޯ ކުރި ބަޔަކު މަސައްކަތް ކުރީ އެމްޑީޕީ ބަލިކަށިކޮށް ލުމަށެވެ. ސިޔާސީ އާޖުފާޖު ރަނގަޅަށް އެނގޭ ދެވަނަ ރޮޒައިނާއެއް އުފެއްދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ވާދަވެރި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެނގެއެވެ. 16 ވަރަކަށް އަހަރުގެ ބަރުލަމާނީ ހިދުމަތަށް ފަހު ޕްރައިމަރީން މަދު ވޯޓްކޮޅަކުން ރޮޒޭ ބަލިވުމަކީ އެކަމަނާގެ ސިޔާސީ ތަރި އޮއްސުމެއް ނޫނެވެ.