ގުނޫތު ނާޒިލާ ނުކިޔާން ސީނުން އަމުރުކުރީތަ!
އެހީގެ ނަމުގައި ގުނޫތުގައި ބައިވެރި ވުމަށް ކޮންމެ މީހަކު ޗަންދާ ދައްކަން ޖެހެނީބާ!
ފަލަސްތީނަށްޓަކައި ރާއްޖޭގައި ދުއާ ކުރުން މުއިއްޒު ސަރުކާރުން ހުއްޓުވައިފިއެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ގަތުލު އާއްމާ ދެކޮޅަށް ރާއްޖޭގައި ފަށައިގެން ކުރިއަށް ގެންދިޔަ ގުނޫތު ކިޔުން ހުއްޓުވީ ގައިރު ގާނޫނީ ވަޒީރު ޑރ. ޝަހީމުގެ އަމުރަށެވެ. ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކުރެވޭ ކޮންމެ ފަރުލު ނަމާދެއްގެ ފުރަތަމަ ޖަމާއަތުގައި ކިޔަމުން އައި ގުނޫތު ކިޔުން ހުއްޓުވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.
ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް އިޒްރޭލުން ކުރާ އަނިއާއަށް ކުޑަވެސް ލުޔެއް ނުދެނީސް ކުއްލި ގޮތަކަށް ގުނޫތު ކިޔުން ހުއްޓުވާލި ސަބަބެއް ގައިރު ގާނޫނީ ވަޒީރު ހާމަކޮށެއް ނުދެއެވެ. މިހެން ބުނުމުން ހާސަރު ތަކެއް ދަމާ ނެތް ސަބަބެއް އުފަން ކުރުވާނެއެވެ.
މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާކުރުން ކަމަށް ވާއިރު ގަވައިދުން ކުރެވެމުން އައިކަމެއް ހުއްޓުވާލީ އެކަމަކީ ދީން ވިއްކާ ޝަހީމަށް އަނބުރަށް ފައިސާ ގަނޑެއް ނުލިބޭ ބާއެވެ. ގުނޫތު ނާޒިލާ ކިޔުމަކީވެސް ފައިސާ ލިބޭ ކަމަކަށް ބަދަލުކޮށްގެން ކިޔާ ގުނޫތަކަށް ހަދަނީ ހެއްޔެވެ.
ފައިސާއަށް ދީން ވިއްކާ ވަޒީރު ފައިސާ ނުލިބޭ ގޮތަކަށް ދީނުގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އިންތިޒާމް ކުރަނީ ނޫންބާވައެވެ. ފަލަސްތީނަށް އެހީތެރިވުމުގެ ނަމުގައި ގުނޫތުގައި ބައިވެރި ވުމަށް ކޮންމެ މީހަކު ވަކި ޗަންދާއެއް ދައްކާ ގޮތަށް ހަމަ ޖެއްސުމަކީ ވެސް ދުރުކަމެއް ނޫންތާއެވެ.
ފަލަސްތީނަށް ނަސްރު ދެއްވުން އެދި ރާއްޖޭގައި ގުނޫތު ކިޔާކަން އެނގިގެން އެކަން ހުއްޓުވުމަށް ސީނުން އަމުރުކުރީ ނޫން ކަމެއްވެސް ނޭގެއެވެ. ޔޫގޫރު މުސްލިމް މުޖުތަމައަށް ރޯދައަށް ތިބުން މަނާކުރާ ބަޔެއްގެ އުނގަށް ވެއްޓިގަތީމާ އެ ވަރުކަމެއް ހުއްޓުވުމަކީ ވެސް ވެދާނެ ކަމެކެވެ.
ރޮހިންޔާ މައްސަލަައިގައި ދުނިޔޭގެ ކޯޓުގައި ހިންގި މައްސަލައަށް ކުރީ ސަރުކާރުން ތަދައްހުލު ވެފައި އޮތަތީ އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން ދުނިޔޭގެ ކޯޓުގައި ހިންގާ މައްސަލައިގެ ތެރެއަށް ރާއްޖޭން ތަދައްހުލު ނުވެ އޮތީ ކީއްވެތޯ މި ނޫހުައި ލިޔުނީމާ އޭގެ ދެ ދުވަސްފަހުން އެ މައްސަލައަށް ރާއްޖޭން ތަދައްހުލު ވެއްޖެއެވެ.
އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން ނުކެރި ފަހައްތު ފަޔަށް ބަރުވެ އެކި ބަހަނާ ދައްކަނިކޮށް އިޒްރޭލުން ރާއްޖެ ބޮއިކޮޓް ކުރީއެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ހުރިހާ ވިޔަފާރި ބާރަށް ރާއްޖޭގައި ހިންގުވާ އިޒްރޭލަށް ފައިސާ ޖަހާދޭ މެޝިނަކަށް ރާއްޖެ ހަދައިގެން ހިރުވާތަން ކަހާވެސް ނުލާ އެބަތިބެއެވެ.
އެހެން ކަމުން ކިޔަމުން އައި ގުނޫތު ނާޒިލާ ހުއްޓާލުމުން ވެސް އެނގެނީ ފަލަސްތީނު މައްސަލައިގައި ކޯޓުގައިވީ ތަދައްހުލަކީ އައސީޖޭގައި ވަކަލާތުކުރުމުގެ ނަމުގައި ބައި އަޅާގެން ދައުލަތުން ލާރި ގަނޑެއް ދަވާލަން ކުރިކަމެއް ކަމެވެ. މި ދާވަރުން ދަންޏާ ނަމާދަށް މިސްކިތަށް އަރާ މީހުން އަތުންވެސް ޝަހީމު ޗަންދާ ނަގާނެއެވެ.