ނަކަސްތެޅުން ނޫންކަމެއްނެތް: ފައްޔާޒު

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރާ ކުރުމަކީ ފައްޔާޒު ވިދާޅުވާހެން ސާޖިދާއަށް މުއިއްޒު ތަޅާދޭ ނަކަހެކެވެ. ވަކަހަން ގަޑެއްހެން ދީވަލުޕާ ހެދި އައްޓަމަހެއް ގޮތަށް ތަތްކޮށްގެން ނެގިނެގިފާ ޖެހުނަސް ކުރަނީ ކީއްކަން މިހުންނަކަށް ނޯޅެއެވެ.
ތިމަންނައަށް ވާނެޔޭ ކިޔައިގެން އުޅުނެއް ކަމަކު އެއްވެސް ކަންފުޅެއް ކޮށްނުދެވެންޏާ ޖެހޭނީ ނަކަސް ތަޅަންތާއެވެ. ކިތަންމެ ވަރަކަށް އެހެން ތަޅާނަކަހަކުން ލިބޭ ހިތްހަމަޖެހުމެއް އުފަލެއް ނެތްކަން ނޭނގޭ ކަމީ ގަމާރުކަމެވެ.
ފިސާރި ހަކަތައާއި ވައްޓަފާޅި ހުރި މީހެއް ކަމަށް ދެއްކިގެން އޮޅުވާލިޔަސް ކަމާޖެހުނީމާ އަގުޅިނެތް ކަންނޭލެއްކަން އެނގޭކަށް ލަސްތަކެއް ނުވިއެވެ. ގޮތްދައްކާ ފޮނުއަރުވާ ހެދިޔަސް ކަމަކަށް ވާގޮތަށް ކަމެއް ކޮށްދެވޭ ވަރުގެ ގާބިލް ކަމެއް ހަކަތައެއް ހުރިއްޔެއް ނޫނެވެ.
ވަރު ދައްކާފާ ފަށާ ކޮންމެ ފެށުމެއް ނިމިގެންދަނީ ނަކަހަކުންނެވެ. ކަންވާކަން ދައްކަން ކިތަންމެ ވަރަކަށް ގޮތްދެއްކިޔަސް ތަޅަނީ ނަކަސްކަން ނެނގޭ އެކަކު ނެތެވެ.
މުއިއްޒު އެހެން ތަޅާ ނަކަހަކުން ވާކަމެއް ހަރާމުން ހަރާމެވެ. ތަޅާ ނަކަހުން އެއްފަހަރުން އަނެއް ފަހަރަށް ފޫހިވުން ނޫންކަމެއް ވަނީއެއް ނޫނެވެ. ތަޅާނަކަހުން ވާފޫއްސާ އަރާރުޅިން ހަށި ފޮޅާލާ ބޭރު ކޮށްލީމާ މަންޒަރު މާރީއްޗެއް ނުވާނެއެވެ.