ކަތީބުނިޒާމަށްދަނީ މުއިއްޒު ތުނބުންވެއްޓޭ ބަތްފުށްކާން ޖައްސަން!
ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކަށް ސިޔާސީ މީހުން ވައްދާ ފުރައިގެން ކޮންމެ މީހަކަށް އަތްގުޅިނުކާވަރުގެ ބޮޑު މުސާރައެއް ދިނުމަކީ ބޮޑު ހަރަދަކަށް އިސްރާފަކަށް މުއިއްޒަކަށް ނުވެއެވެ. ސަރުކާރުގެ ކުންފުނިތަކަށް ބޭނުންނުވާ ވަރަށް މުއިއްޒުގެ އައުވާނުން ވައްދައިގެން މަހު މުސާރަ ދިނުމަކީ މުއިއްޒަކަށް ބޭކާރު ކަމަކަށް ނުވެއެވެ. ކުރާނެ މަސައްކަތެއް އިށީންނާނެ ގޮނޑިމޭޒުނެތަސް ސޯޝަލް މީޑިއާގައި މުއިއްޒަށް ސަނާކިޔާ ދޮގުފަތުރަން ޓްވީޓްކޮށް ރިޓްވީޓްކުރަން ސިޔާސީ މުއައްޒިފުން ލައިގެން ދައުލަތް ލޫޓުވާލުމަކީ މުއިއްޒަށް ބޮޑު ހަރަދަކަށް ނުވެއެވެ. ހަރަދު ބޮޑުވާ ކަމަކަށްނުވެވެ.
ދިހަވަރަކަށް ވުޒާރާއިން ހިންގޭވަރު ސަރުކާރެއް ހިންގަން ވިހިބާވީސް މިނިސްޓްރީއާއި އެ ތަންތާގެ ދަށުން އެކި ނަންނަމުގައި އިދާރާތައް ހަދައިގެން އެ ތަންތަން ހިންގަން އަމިއްލަ މީސްމީހުންގެ އިމާރާތްތައް ބޮޑުއަގުގައި ކުއްޔަށް ހިފައިގެން އުޅޭކަށް މުއިއްޒަށް ބޮޑު ހަރަދަކަށް ނުވެއެވެ. ދުނިޔޭގެ އެތަންމިތާ އެންބަސީ ބަހައްޓައިގެން އެ ތަންތަން ފުރެއްދެން މުއިއްޒުގެ އައުވާނުންނަށް ވަޒީފާ ދީގެން އެ މީހުންގެ އާއިލާތައް ރާއްޖޭން ބޭރުގައި ބައިތިއްބައިގެން ސަރުކާރުން ހަރަދުކުރާކަށް މުއިއްޒަށް ހަރަދު ބޮޑެއް ނޫނެވެ. ޕީއެންސީ މަޖިލިސް މެންބަރުންގެ އަނބިދަރިން ސަރުކާރު ކުންފުނިތަކަށް ވައްދައިގެން މަޖިލީހުގެ އެތައް މެންބަރުންގެ އާއިލާތަަކާއި ރައްޓެހިންނަށް މަހު މުސާރަ ދީގެން ދައުލަތުގެ މާލިއްޔާ ބަހާލާކަށް މުއިއްޒަށް ހަރަދު ބޮޑެއް ނުވެއެވެ.
މުއިއްޒަށް ހަރަދު ބޮޑުވަނީ ރާއްޖޭގެ ރަށްތަކާއި ސިޓީތައް ހިންގަން ކައުންސިލަރުންނަށް މުސާރަދޭން ޖެހޭތީއެވެ. ކައުންސިލަރުންގެ ތެރޭގައި ސިޔާސީ ގޮތުން މުއިއްޒާ ހިޔާލުތަފާތު މީހުން ރައްޔިތުން ހޮވާފައި ތިބޭތީ ހިޔާލު ތަފާތު މީހުނަށް މުސާރައެއް ލިބިގެން ހަމަޖެހިލައިގެން އެ މީހުނަށް އުޅެވިގެން ނުވާނެތާއެވެ. ތަފާތު ފިކުރެއްގެ މީހަކު ރަށެއްގެ އިންޖީނުގެއެއް ފަދަ ތަނެއްގައި މަސައްކަތު މީހަކަށް ހުއްޓަސް ހަރަދު ކުޑަކުރުމުގެ ނަމުގައި ކަނޑާ އެއްލާލަނީއެވެ.
ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ މީހަކަށް ސަރުކާރުން މުސާރައެއް ލިބޭނީ މުއިއްޒަށް އަަޅުދާސް ވެގެންއުޅޭ މަދު މީހަކަށެވެ. މުއިއްޒާ އެއްފިކުރެއްގެ މީހެއްނަމަވެސް އުޅެންޖެހޭނީ މުއިއްޒު އެރަށަކަށް ކަނޑައަޅާފައި ހުންނަ މީހެއްގެ ތުބުންވެއްޓޭ ބަތްފުށް ކައިގެންނެވެ. ހަލާލު މަސައްކަތެއްކޮށްގެން ހަމަޖެހިލައިގެން ރަށެއްގައި މީހަކު ދިރިއުޅުނަ ދިނުމަކީ މުއިއްޒު ނުކުރާނެކަމެކެވެ. މުއިއްޒު ހަރަދު ކުޑަކުރަން ދިމާކޮށްފައި ހުރީ ފިކުރު ތަފާތު ކޮންމެ މީހަކު އިނދަޖައްސާލާ ގޮތަށެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ސަރުކާރުގެ ގޮނޑިކޮއްކޮއެއް ރަށްހިންގަން ލުމަށް މުއިއްޒު އެ ހުރީ ފުގަޅާފައެވެ. އެޓޮލްސް މިނިސްޓްރީ ހަދާ ހަރަދު ކުޑަ ކުރުމުގެ ހީލަތްތެރި ބޯޑު އަޅުވައިގެން ކަތީބު ނިޒާމަށް ރަށްހިންގުން ފުރޮޅާލަން އުޅެނީ ރައްޔިތުންގެ ޑިމާންޑާއި އަޑު ކަނޑުވާލުމަށެވެ. މުއިއްޒު ދިން އެއްޗެއް ދިންވަރަކަށް ބޭނުން ކޮށްގެން ގޮނޑުދޮށުގައި ކަކުނިކޮންނަން ތިބޭ ބަޔަކަށް ރަށްރަށު ރައްޔިތުން ހަދާލުމަށެވެ. މުއިއްޒުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަކީ ކައުންސިލަރުންނަށް މުސާރަނުދީ ރަށްރަށުގެ ބޮޑެތި އާއިލާތަކެއް މަގުމަތިކޮށްލުމެވެ.