ނުވަމަހުން ބައި-ހަރަމާއި ސިޔާދަތުގެ ރަތްރޮނގު ގެރިގޮރަށް!

ކުލީ ގަލަންތަކުން ކުރާ ޕޯސްޓްތަކަކުން ހާލަތު ބަދަލެއް ނުކުރެވޭ

ނުވަމަހުން ބައި-ހަރަމާއި ސިޔާދަތުގެ ރަތްރޮނގު ގެރިގޮރަށް!

މުއިއްޒު ވެރިކަމުގެ 9 މަސް ކިތަންމެ ވަރަކަށް މުލައްމާ ކުރިޔަސް ކެވުނީ ރާކަނިމަސް ނޫންކަމަކަށް ނުވާނެއެވެ. ލިބުނު ރައްކާތެރިކަމެއް ހަމަޖެހުމެއް ނެތެވެ. ކުރިއެރުމެއް ނުލިބުނުތާ ދިޔައީ އެތައް އަހަރެއް ފަހަތަށެވެ. ހެދީ މަތިމައްޗަށް ދޮގެވެ. ކުރީ ތެޔޮގުޅާ ސާދާއެވެ. ޖެހީ އުނބަށެވެ.

ކުލީ ގަލަންތަކުން މީސްމީޑިއާގެ ޕްލެޓްފޯމުތަކުގައި ކުލަކުލައިން ކުރާ ޕޯސްޓްތަކަކުން ހާލަތު ބަދަލެއް ނުކުރެވެއެވެ. ފިސާރި ކަންވާކަން ދައްކަން ދައްކާ ކޮންމެ ހުއްޖަތަކީ ބުހުތާން ދޮގެވެ. އޮޅުވާލުމެވެ.

ބައި ހަރަމަށް އަތްއަރުވައިގެން ހުރި ފޮޓޯއެއްލާފައި ޖަހާލާ ޕޯސްޓަކުން ކަންކަން އޮޅޭ ވަރަށްވުރެ ދިވެހިންނަށް ކަމުދެކޮޅު އެނގެއެވެ. ވަގުތުގެ ޖަޒްބާތުގައި ޖެހިގެން ފޭހުނު އިލޮށި ލޮލަށް ހެރިއްޖެކަން ނޭނގޭ އެކަކުނެތެވެ. އެކުގައި ތިބި ބަޔަކު އެކުގައި ތިބީ ލިބޭ މަހު އެއްޗެތިކޮޅަށްޓަކައެވެ. ގޯހެއް ހެދުނަތީ ގަންނާކުރެއްވި ލަދުން ހެދުނު ގޯހުގެމަތީގައި ވެސް ތިބި ބަޔަކު އެބަތިއްބެވެ.

ލައްކަ ކަންކަން ކުރެވިއްޖެކަމަށް ބުނެ ޒާތްޒާތަށް ހަމަ އަޅުވައިގެން ދެއްކެނީ ހުސްހޮޅި ވާހަކައެވެ. އެހެން ދައްކާ ބައެއް ހޮޅި ވާހަކަ އިވި ފެނުނީމާ އަންނަނީ ހިންޏެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި އުޅުނީ ހުސްގޮނޑިއަކާ މީހެއްގެ ފޮޓޯ ގަނޑެއްގެ ނިވަލުގައެވެ. އޭރުވީ ވައުދަކީ އެހެން މީހެއްގެ ބާރުން ބާރު ހޯދައިގެން ރުހުން ހޯދަންވީ ހޮޅި ވައުދެވެ. 

އިންޑިއާ ސިފައިންގެ ބޭލީ ޔުނީޕޯމެވެ. ޔާމީނު ދޫކޮށްލީ ބިސްމަޅި ޖަހާފައެވެ. ގެއްލުނު ކަނޑު ހޯދަނީ ތުރުކީ ޑްރޯނުގައެވެ. ކުރިން ދިން ގޯތިތަކާއި ފްލެޓްތައް ހަވާލު ނުކުރަތީ އަތެއް ނުލައެވެ. ހިޔާ ފްލެޓްތަކުގެ ވެރިންގެ އަތަށް ދެލައްކަ ދިނީ މޮހަނަށް ދޯނި ދިންހެނެވެ. ކިރިމަހަށް އަގުދެނީ ފަހާ ދުވެގެންނެވެ. ސިޔާސީ މަގާމް 700 ގައި ނުބާއްވަން ޖައްސާލީ ދެހާހުން މައްޗަށެވެ.

ޑެޕިއުޓީ މިނިސްޓަރުންތަކެއް ލައްވާ ޓޫރިޒަމް ފުނޑާލާ އެކަމުގެ އިނާމެއްގެ ގޮތުން މަސައްކަތް ނުކުރުވާ ގޭގައި ބައިތިއްބައިގެން މުސާރަ ދެނީއެވެ. މަސްވެރިކަމަށް ހަމަ އަގުހޯދަދޭން 25 އިން 15އަށް އަގުވައްޓާލީއެވެ. ދަނޑުވެރިކަން އިނދަ ޖައްސާލަން ތޮއްޑޫ ދަނޑުބިން ނައްތާލީއެވެ. ބޭރުފައިސާ ގިނަވެ ތޮއްޖެހިގެން ގައުމީ ބޭންކުން އިނާމު ހުށަހަޅައިގެން ޑޮލަރު ބޭރުކުރަނީއެވެ. ބަޖެޓުން ލޯލާރިއެއް ހަރަދުނުކޮށް ރަސްމާލެ ހިއްކަނީ އަވީލައިގެންނެވެ. 

ތިނަދޫ އެއަރޕޯޓާއި ފްލޯޓިން ޓާމިނަލް ހިލަންވެސް ނުވެއެވެ. ރަސްމާލޭ އަންޑަވޯޓަރ ޓަނަލް ކޮޅާކޮޅުނުފެނެއެވެ. ފުނަދޫ ޝޮޕިން މޯލާއި މާލެ ހުޅުލެ މިނީރޭލް ފަތުއަޑު ކިޔާފައި މުއިއްޒު ސްޕީޑްގައި ދުއްވާއިރު ލޮލަށް ފެންނަވަރެއް ނޫނެވެ. ސީ ޕްލޭން ޓަރމިނަލް ބަދަލުކޮށް އެލަނި ބަސްބުނި ހިނދުންނެވެ. ހުޅުމާލޭ ހަލިމަގުސޯލަރ ހަރުތައް ނަގާ ބްރިޖުވިއު ނަލަކޮށްލީއެވެ. ބަނޑޮސް ކައިރީގައި ސޯލަރ އެނަރޖީ ރަށެއް ހެދި ބޮޑުވެއްޖެއެވެ. 

ހުވާކޮށްފާ ދިދަޔާ ވާހަކަ ގޮވާ ދެއްކި ވާހަކައިގައި ބުނިހެން އުތުރު ތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅަށް އުފުލިގެން އަރާ ބިނާވެށީގެ ބަގީޗާ ބޯ ޖަންގައްޔެއްގެ ގޮތުގައި މޭގަވާން ފަށައިފިއެވެ. އާންއެކެވެ. ބައިހަރާމާއި ސިޔާދަތުގެ ރަތްރޮނގު "ގެރިގޮރަށް"ވެ އުނބަށް ޖެހުމަށްވުރެ ވަކީން ބޮޑު ކާމިޔާބެއް ނުވަމަހުގައި ލިބުނު ނެތެވެ.