މައިކެއް ދިއްކޮށްލާއިރަށް ގަދަބަސް ބުނުމަކީ ނުރައްކަލެއް
ފުޅިބައްތި އައްޔާއި ކަށިކެޔޮފަތު ފަންކާއަކުން ފުއްދޭކަށް ނެތް
މައިކެއް ދިއްކޮށްލާ އިރަށް މަތިހަށި ނެންގަކަސް ކަމަކު ނުދާނެއެވެ. އަމިއްލަ ހަލާމެދު ވިސްނާލަން ޖެހޭނެއެވެ. ރާއްޖެއަކީ އަމިއްލަ ފައިމަތީގައި ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅޭ ތަނެކެވެ. ބައިނަލްއަގުވާމީ އޮނި ގަނޑުން ބޭރަކު އުޅެވެން އޮތް އެއް ބަޔަކުވެސް މިހާރަކު ދުނިޔެއަކު ނޫޅެއެވެ. އަމްދުން މިހާރަކީ ދިވެހިނަށް ވެސް މަސްގަޑުދޮށަށް އެރި ގުންބަޅައެއް ބާނައިގެން ރުކަށް އަރާ ގަބުޅިއެއް އަޅައިގެން ކައިގެން ބޮއެގެން އުޅެވެން އޮތް ޒަމާނެއް ނޫނެވެ.
ކޮންމެ ދުވަހަކު ހާސްހާހުން ފަތުރުވެރިން ރާއްޖެ ނާރައިފިއްޔާ އުނގު އޮތް ފޮށާ ހަރުލާކަށް ނެތެވެ. އަނގަޔާ އަތާ ދިމާވަކަށް ނެތެވެ. އުއްޑުން އޮތް ނާށި ބަންޑުން ޖަހާލެވެން ވެސް ނެތެވެ. ނުވިތާކަށް އެންމެން އެމެނަށް ތިބީ ދަރާވިކިފައެވެ.
ފުޅިބައްތި އައްޔާއި ކަށިކެޔޮފަތު ފަންކާއަކުން ފުއްދޭކަށް ނެތެވެ. ހަނޑަސްބުރިއާއި ދަނޑިދިގު ދާންޏަކުން ހަމަޖެއްސޭކަށް ނެތެވެ. ހިއްކި ބަނބުކޭލާއި ދިޔާ ހަކުރެއް ވެސް މިހާރަކު ލިބޭކަށް ނެތެވެ. ފަން ޖިފުޓިއާއި ދިމާ އެނދަކުން ނުޗަލައެވެ. ރިޔަލު ދޯންޏާ ނާލު ބައްތެއްޔަކުން ކަނޑު ހިނގާކަށް ނެތެވެ.
ބޭނުން ތަކާ ގާތަށް ވެސް އަމިއްލަ ފުދުންތެރިކަން ނެތި މޭ ފުއްޕާނީ ކިހިނެއް ހެއްޔެވެ. މީހުންގެ ގައިގާ ލެނގިގެން ނެތް މޮޅު ހޯދައިގެން ތިބެ ވިއްދާފައި ހުރި ކައްތިރި ނައްޓާލީމާ ވެއްޓޭނީކަން ނެނގޭ ހެއްޔެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެ ކަމަށް އިހު މީހުން ބުނާ އަޑުވެސް ނާހަނީތާއެވެ. ބޮޑު ގަހެއްގެ ހިޔާ އޮތީމާ އަމިއްލަ ހިޔަނި ނެތަސް ހިޔާދިން ބޮޑުގަސް ނެތޭ އިރަށް އަމިއްލަ ހިޔަނި ފާޅުވާނެއެވެ.
އަވަށްޓެރިޔާ ރުޅިއަރުވާލައިގެން ވާނެ މޮޅެއް ރަނގަޅެއް ނޯންނާނެއެވެ. ކުޑަވެސް ލުޔެއް މަންފާއެއް ނުވާ ގޮތަކަށް އެކަކު އެއްކަމެއް ވެސް ނުކޮށްދޭނެ ނޫން ހެއްޔެވެ. ހުރިހާ މޮޅެއް މަށަށް ލިބޭ ގޮތަށް ތިބާގެ ހުރިހާ ކަމެއް ގުރުބާން ކުރަން ތިބާ ތައްޔާރަށް ހުންނާނެ ކަމަށް އަހަރެން ހީކުރާނީ މަގޭ މޮޔަކަމުންނެވެ.
މިޒަމާނުގެ ދުނިޔެ ހިނގާ މަގުން ނުހިނގާ އަމިއްލައަށް މާ މޮޅުވެ ގަނެގެން އުޅެން ވެއްޖެނަމަ ހުޅުހުޅުން ދޫވެ ވެއްޓުން ނޫން ގޮތެއް ނުވާނެއެވެ. ތިމާމެންނަށްވުރެ އާރާބަރާ ހުރި ބަޔަކާ އެކު އޮންނަ ގުޅުމެއް އަމިއްލައަށް އިސްނަގައިގެން ހީނަރު ކޮށްލައިގެން އެމީހުންގެ މަދަދާ އެހިތެރިކަމާއި ލުއިފަސޭހަ ހޯދޭނެ ކަމަށް ހިނުކުރާށެވެ. އަމްދުން ހަސްނެތް އިރު ގަދަ ބަސް ނުބުނާށެވެ.
އިންޑިއާ-ޗައިނާގެ ގަދަ ހިފުމުގައި ރާއްޖެ ނުފިތޭނެ އެއްގޮތެއް ވެސް ނުއޮންނާނެއެވެ. މިހާރަކު ދެކޮޅުންކާ ވެނެކަށް ހެދިގެން އެއް ބަޔަކަށް ވެސް ނޫޅެވޭނެއެވެ. އެގޮތަށް ރާއްޖެއެއް ކަމަކު ނޫޅެވޭނެއެވެ. ދުނިޔޭގެ ބާރު އެދަނީ ދެބައިވަމުންނެވެ. ރާއްޖޭންވެސް ޖެހޭނީ ކޮންމެވެސް އެއްކޮޅެއް ނަގާށެވެ. އިންޑިއާ ވިއްޔާ އިންޑިއާއެވެ. ޗައިނާ ވިއްޔާ ޗައިނާއެވެ.
މާ މަވެތި ވެގެން އުޅޭކަށް އުޅޭނެ ކަމެއް ނެތެވެ. އެވަރުގެ ބަޔަކު ކަމުގައި އަހަރެމެން ނުވެއެވެ. ނިއުކުލިއަރ ކީއްކުރަން ހެއްޔެވެ. ދަތްކޮއްޓާ އިލޮށިކޮޅެއް ވެސް އަތަކު ނެތެވެ. ފަހުގެ ތާރީހުގައި މަތި ހަށި ނަގާފައި އުޅުނު ސައްދާމާއި ގައްޒާފީމެން ހަލާކުކޮށްލީ ނެތް މޮޅު ދައްކާ ގަދަބަސް ބުނަން ހަދައިގެނެވެ. ފުދުންތެރި ކަމާއި ފޯރުންތެރި ކަމާއި އެކަށީގެންވާ ބާރުވެރިކަމުގާ އޮއްވައެވެ.
އަމިއްލަ ހައިބަތު ދައްކަން މޭ ފުއްޕޭވަރުގެ ބަޔަކަށް އަހުރެމެން ނުވެއެވެ. ގުޅިގެން އެކީގައި އުޅުމަށްވުރެ ރަނގަޅު އެއްވެސް ގޮތެއް އަހުރެމެންނަކަށް ނެތެވެ. އިންޑިއާ އައުޓްކޮށް ޗައިނާ އިންކުރިޔަސް ވާނެ މޮޅެއް ލިބޭ ރައްކާތެރިކަމެއް ކަށަވަރު ކުރެވޭނެ ސިޔާދަތެއް އިތުރަކަށް ނެތެވެ. އަމްދުން މައިކެއް ދިއްކޮށްލާއިރަށް އަތްގުޅި ނުކާވަރުގެ ގަދަބަސް ބުނުމަކީ ނުރައްކާތެރި ކަމެކެވެ.