ރައީސްގެ ޖަވާބު ސައިބޯނި ބޮތްކަކަށް

ސުވާލާއި ޖަވާބު ޕްރޮގްރާމް ގިނަ ބަޔަކު ސިފަކުރީ ކުޅުއްވާ ޑްރާމާއެއްގެ ގޮތަށް

ރައީސްގެ ޖަވާބު ސައިބޯނި ބޮތްކަކަށް

އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ ފެބްރުއަރީ ފުރަތަމަ ދުވަހު "ރައީސްގެ ޖަވާބު" މި ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ފެށިއެވެ.

އެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް، މި ސިލްސިލާގައި، އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން  އެ މަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެ ކަމަށެވެ.

ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް އާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

މި ބުނާ ޕްރޮގްރާމެއް ފެށިގެން ފެބްރުއަރީ 23 ވަނަ ދުވަހަށް ކޮންމެ ދުވަހަކު ކުރިއަށްދިޔައެވެ. ދެން ކުރިއަށްގެންދިޔައީ 25 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެއަށްފަހު މާޗު 1 ގައި ޕްރޮގްރާމް ގެނެސްދިނުމަށްފަހު ދެން ގެނެސްދިނީ އެ މަހުގެ 8 ގައެވެ. އަދި އެ މަހު 10 އިން 19 އަށް ކުރިއަށް ގެންދިއުމަށްފަހު ދެން ގެނެސްދިނީ 21 އިން 25 އަށެވެ. އަނެއްކާ ވެސް މެދުކެނޑުމަކަށްފަހު ދެން ފެށީ މާރޗް 30 ގައެވެ. އެންމެ ފަހުން ގެނެސްދިނީ އޭޕްރީލް 7 ގައެވެ.

އޭގެފަހުން ބަހަބަރެވެ. އަދިއަދަށް ދާންދެން ވެސް މި ބުނާ ޕްރޮގްރާމެއްގެ ހިލަމެއް ނެތެވެ. މުއިއްޒު ސްޕީޑޭ ބުނަމުންދާއިރު, ދެ މަސްވެގެންދިޔައިރު ވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ވެސް ނެތެވެ. މި ޕްރޮގްރާމެއް މިވީ ސައިބޯނި ބޮތްކަކަށްތާއެވެ.

މި ޕްރޮގްރާމެއް ފެށުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މުއިއްޒަށް ސަނާކިޔަމުން ގެންދިޔައެވެ. އެމަނިކުފާނަކީ ރައްޔިތުންގެ އަޑުއައްސަވާ ބޭފުޅެއް ކަމަށާއި ރައްޔިތުންނާ ގާތުން މަަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ސިފަކުރަމުންނެވެ.

ކުރިޔާލާ ސުވާލު ދީގެން ޕާޓީ ކުދިން ލައްވާ ސުވާލުކުރުވާ ޖަވާބު ދިނުމަށް ހިންގި ޕްރޮގްރާމް ގިނަ ބަޔަކު ސިފަކުރީ ރައީސް ކުޅުއްވާ ޑްރާމާއެއްގެ ގޮތަށެވެ.

''ވީޑިއޯތަކަށް ބަލައިލުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ސުވާލުކުރަން ފުރުސަތުދީފައި އޮތް ތަން ފެނިގެންދިޔައީ. ކުރީބައިގައި މިވެނި ސުވާލެއް ކުރާށޭ ބުނެ ތައްޔާރުކޮށްފައި އޮންނަ ކަމަށް ލަފާކުރެވެނީ. ހަމަ ޑްރާމާއެއް އެއީ'' އާންމުންގެ މީހަކު ބުނެފައިވެއެވެ.

''އެއީ ރައްޔިތުންގެ ބޮލަށް ޗިޕުޖަހަން ހޮޅި މުއިއްޒު ބޭނުންކުރާ އުކުޅެއް'' އެހެން މީހަކު ބުނެފައިވެއެވެ.

މި ޕްރޮގްރާމަށް ބަލާއިރު ފުރަތަމަ ދުވަހުގެ ސުވާލަށް މުއިއްޒު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް އެކަން ހަމަޖައްސަވާނެ ކަމަށެވެ. ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށް ކަމަށެވެ. އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށް ކަމަށެވެ. ފެބްރުއަރީ 1 ގައި މުއިއްޒު މިހެން ވިދާޅުވި ނަމަވެސް މަސްވެރިންގެ ލާރިކޮޅު އަދިވެސް ނުދެވެއެވެ.