ދައުލަތުން ހޭދަކުރަނީ ދެކޮޅުވެރިކަން ފަތުރާކަށްނޫން
ނޫސްވެރިކަމުގެ ބާރު އިހުސާސް ނުވުމަކީ ތިމާމެންގެ އުނިކަން
ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ސީރިއަސް ތުހުމަތު ކުރާ ފަރާތް ތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ހިތްވަރުދޭ ދިނުމަށް މަރުހަބާ ކިޔަމެވެ. ނޫސްވެރިން ވެސް ރާއްޖޭގައި ހެދިފައިވާ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް އިސްކަން ދޭން ޖެހޭކަމަށް ގަބޫލު ކުރެވޭމެއެވެ.
ޒިންމާދާރު ނޫސްވެރިކަމަކީ ބަޔަކު ބޭނުންވާހާ ކަމެއް ބޭނުންވާހާ ގޮތަކަށް ގެނެސް ދިނުމެއް ނޫނެވެ. އެއިރަކު އޮންނަ ގާނޫނީ ސަރުކާރަކާ ވިއްދާލައިގެން އިދިކޮޅު ވާދަވެރިން ކިޔާހާ އެއްޗަކާ ބުނާހާ އެއްޗެއް އެ މޭރުމުން ގެނެސް ދިނުމެއްވެސް ނޫނެވެ.
ރައްޔިތުން އިންތިހާބުކޮށްފައި އޮތް ގާނޫނީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި އަދާކުރާ ޒިންމާތަކާއި ދޭ ހިދުމަތް ތަކުގެ ވާހަކަ ގެނެސް ދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. ކޮންމެ ކަމެއް އިދިކީލި ވިސްނުމުގައި ފަސާދައާއި ފިތުނައަށް ވާނޭހެން ގެނެސް ދިނުމަކީ ޒިންމަދާރު ނޫސްވެރިކަމެއް ނޫނެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެކޭ ބުނުމަކީ އޭގެ މާނައެއް ނޫނެވެ.
ރައްޔިތުންގެ ތެރެ ގަޑުބަޑުކޮށް ހަމަނުޖެހުމަށް ހިތްވަރުދޭ ބަޔަކާ އެއްބާރުލުން ދީގެން އެފަދަ މީސްމީހުން ކުރާހާ ޓްވިޓާއި ބުނާ ކޮންމެ ވާހަކައަކީ ނޫސްތަކުގެ ސުރުހީން ޖާގަ ދޭން ޖެހޭ ކަންކަމެއް ނޫނެވެ. ތެދެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒަމާންވީ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. މާލީ މިނިވަންކަން ނެތުމާއި ގާބިލް ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް އެބަހުއްޓެވެ. މި ހުރިހާ ދަތިތަކާއެކު ރާއްޖޭގައި ކުރެވޭ ނޫސްވެރިކަމަކީ ޝައުގުވެރިކަން ހުރި ބަޔަކު އުފަލަކަށްޓަކަ ކުރެވޭ ކަމެކެވެ. އަމްދަނީ އެއް ހޯދަން ކުރެވޭ މަސައްކަތެއް ނޫނެވެ.
ނޫސްވެރިކަން ކޮށްގެން ލިބޭ އާމްދަނީ އަކުން ދިރިއުޅުމުގެ ޒުރޫރަތްތައް ހަމަޖެއްސެނީ މަދު މީހަކަށެވެ. ވާނީ އެހެންތާއެވެ. އެއްވެސް ނޫސް އެޖެންސީއަކަށް އެތަނެއްގެ އަސާސީ ހަރަދު ބަރަދު ހަމަޖައްސާ ނޫސްވެރިންނާއި އެހެނިހެން މުއައްޒަފުންނަށް އެކަށީގެންވާ މުސާރަޔަކާއި އިނާޔަތެއް ދެވޭހާއެއް ނުވެއެވެ. އިސްތިހާރާއި ސްޕޮންސަރއިން ހަރަދުތައް ހަމަޖައްސާލެވޭ ވަރުގެ އާމްދަނީއެއް ލިބޭ ނޫސް އެޖެންސީއެއް ނެތެވެ.
ނޫސްވެރިކަން ދެމިއޮންނަން އެންމެން ވެސް ބޭނުމެވެ. އެބަޔަކު އިސްތިހާރުވުމަށާއި އެ ބައެއްގެ މޫނުމަތި ރީތިކޮށް އެ ބަޔަކު ފަތުރަންޖެހޭ މައުލޫމަތަކާއި ޕްރޮޕަގެންޑާއެއް ފަތުރަން ނޫސްވެރިކަން އޮތުން ބޭނުންވެއެވެ. އެ ބައެއްގެ ފަތިފުށް ހާމަކޮށް ކަމުގެ ހަގީގަތް އޭގެ ގޮތުގައި ހާމަ ކުރާކަށް ބޭނުމެއް ނުވެއެވެ. އެ ހާލަތުގައި ނޫސްވެރި ކަމަށް ވުރެ ނުބައި ކަމެއް އޮންނަ ކަމަކަށް ނުވެއެވެ.
ހެޔޮވެރިކަމެއްގައި ވަކި ދާއިރައެއް އިހުމާލު ނުކޮށް ގައުމުގެ ހުރިހާ ދާއިރާއެއްގެ ކުރިއެރުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދައުލަތުން އެހީތެރިކަން ފޯރުވައިދެއެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި އެހެނިހެން މުއައްސަސާ ތަކުން އެ ބައެއްގެ ކެރި ފޯރުންތެރިކަން ހުރިވަރަކުންނެވެ. އެފަދަ އިޖުތިމާއީ ޒިންމާ އަދާ ނުކުރާ ދުވަސްވަރެއް ވެސް ވެރިކަމެއް ވެސް ރާއްޖެ ނުދެކެއެވެ. ކުޅިވަރު މުބަރާތްތަކަށާއި ތަމްރީނު ޕްރޮގްރާމްތަކަށާއި އެހެނިހެން އެތައް ހަރަކާތަކަށް އެތަންތަނުން އަބަދުވެސް ހޭދަކުރެއެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަމްރެވެ. އެގޮތުން ނޫސްވެރިކަން ކުރިއެރުވުމުގެ ގޮތުންނާއި އެތަންތާގެ ޕްރަމޯޝަނަށް ހޭދަކުރުމަކީ އަބަދު ވެސް ކޮށްއުޅޭ ކަމެކެވެ. ވަކި ކުންފުންޏެއްގެ ނަން ފާހަގަކޮށް އަމްރު ނޫސްވެރިންނަށް ކުޑައިމީސް ކުރިއިރު އަމްރުގައި ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތާއެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދައުލަތުން ހޭދަ ކުރަނީ ގައުމުގައި ފިތުނަ އުފައްދާ ދެކޮޅުވެރިކަން ފަތުރާކަށް ނޫނެވެ. އަނިޔާވެރިކަމާއި ބިރުވެރިކަން ފަތުރާކަށް ވެސް ނޫނެވެ. ހަމަޖެހުމާ ސުލްހަވެރިކަމާއި ގާއިމުކޮށް ދަމަހައްޓާށެވެ. ސަރުކާރާއި ރައްޔިތުންނާ ޖައްސާކަށް ވެސް ނޫނެވެ. އިދިކޮޅުން ކިތަންމެ ބޭނުންވިޔަސް ގިނަ ނޫސްވެރިން އެކަމެއް ނުކުރާނެއެވެ. ގިނަ މީހުނަށް ތެދާ ދޮގު އެނގެއެވެ.
ނޫސްވެރިކަމަކީ ތަޅުލެވި ހިފެހެއްޓިފައި އޮތް އެއްޗެއްނޫނެވެ. ކަމުގެ ގާނޫނީ މިންގަޑަށް ފެތޭ ކޮންމެ މީހަކަށް ވެސް ނޫހެއް ރަޖިސްޓްރިކޮށްގެން ހިންގުމަކަށް މަނައެއް ނޫނެވެ. އާނއެކެވެ. ކޮންމެ ނޫހެއްވެސް ފަށަނީ އަލަށެވެ. ދުވަހުން ހަފްތާއިން މަހުން އަހަރުން ދޮށިވެގެން ދަނީ އޭގެ ފަހުންނެވެ. ނޫހެއް ދެމި އޮތުމާ ނެތި ދިއުން އެއީ އެހެން ކަމެކެވެ. އަލަށްފަށާ ކޮންމެ ނޫހަކީ ރޮއްޓަކަމަށް ނުވަތަ ފޮޅިއެއް ކަމަށް ސިފަކޮށް ކުޑައިމީސް ކުރުމުގެ ހައްގެއް އެކަކަށްވެސް ނުއޮންނާނެއެވެ. ނޫހެއްގެ ބޮޑު ކުޑަ މިން ކަނޑަ އަޅަން ބާރަށު ޝުޖާއަކީ ކާކު ހެއްޔެވެ.
މާބޮޑެތި ސިޔާސީ މީހުނަށް ހެދިގެން ނޫސްވެރިންނަށް ފާޑުފާޑުގެ ތުހުމަތުކޮށް ޒާތީ ވާއިރު ހޭބުއްދި ނުވާތީ ދެރައެވެ. ނޫސްވެރިކަމުގެ ބާރު އިހުސާސް ނުވުމަކީ ތިމާމެންގެ އުނިކަމެވެ. ތިޔަ ކަހަލަ އެތައް ޝުޖައަކާ އަމްރެއް ހަމަ ބިމަށް ތިރިކޮށް ކުޑަކަކޫ ޖައްސުވާފައި ތިބިކަން ނޭނގޭ ހެއްޔެވެ.