ކިޔަވަން ޓައީ އެޅުމާއި ކިޔަވައިގެން ޓައީ އެޅުން

ކިޔަވަން ޓައީ އެޅުމާއި ކިޔަވައިގެން ޓައީ އެޅުން

80ގެ އަހަރުތަކުގައި ސްކޫލްކުދިންގެ ޔުނީފޯމް ޓާއީ އާއެކު ހުންނަނީ އަންހެން ކުދިންގެ އެކަންޏެވެ. އީޕީއެސް ނޫން އެހެން ހުރިހާ ސްކޫލެއްގެ އަންހެން ކުދިންގެ ޔުނީފޯމްގެ ހެދުމަކީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަވަރުގެ ރޫބައިލީ ތިރިއަކާ ގުޅިފައި ހުންނަ ގިރުވާންލީ މައްޗެކެވެ. ކުލަޔަކީ ސާފު ހުދެވެ. އެއަށް ގިރުވާންލީ ހުދު ހެދުން ބުރިއެކޭ ކިޔަމާ ހިނގާށެވެ. 

ކޮންމެ އަންހެން ކުއްޖެއްގެ ޔުނީފޯމް ފުރިހަމަވަނީ ސްކޫލުގެ ކުލައިގެ މޭކޮޅަށް އަންނަވަރުގެ ކުރު ޓައީއަކާއެކުގައެވެ. ސްކޫލު ބެޖް ހުންނަނީ ކޮންމެ ކުއްޖެއްގެ ޔުނީފޯމްގެ މޭމަތީ ޖީބުގައެވެ. ހުރިހާ ސްކޫލެއްގެވެސް ޔުނީފޯމްގެ ކުލައަކީ ހުދެވެ. ފިރިހެން ކުދިންގެ ފަޓްލޫނު ނުވަތަ ފަޓްލޫނު ބުރި ހުންނަނީ އާއްމުކޮށް ކަޅުކުލައިންނެވެ. ބައެއް ސްކޫލްތަކުގައި ފަޓްލޫނު ނުވަތަ ފަޓްލޫނު ބުރި ސްކޫލުގެ ކުލައިން ބޭނުންކުރެއެވެ. 

ފެންނަ ފެނުމަށް ޔުނީފޯމްގައި ހުރުމުން ކޮންމެ ކުއްޖަކީވެސް ކިޔަވާ ކުއްޖެއްކަން ކިތަންމެ ދުރުންވެސް އެނގޭނެއެވެ. ކޮން ސްކޫލެއްގެ ކުއްޖެއްކަން އެނގޭނީ އަންހެން ކުދިންގެ ޓައީގެ ކުލައިންނާއި ބެޖުންނެވެ. ފިރިހެން ކުދިންގެ ބެޖާއި ފަޓްލޫނުގެ ކުލައިންނެވެ. 

ސްކޫލްތަކުގެ ފިރިހެން ކުދިންގެ ތެރެއިން ފުރަތަމަ ޓައީ އަޅަން ފެށުނީ ބައެއް ސްކޫލްތަކުގެ ޕްރީފެކްޓުންގެ ކަރުގައެވެ. އޭގެފަހުން ފިރިހެން ކުދިންގެ ޔުނީފޯމްގެ ބައެއްކަމުގައި ޓައީ މަޑުމަޑުން ވަމުން ވަމުންގޮސް ޓައީ އާއި ނުލާ ޔުނީފޯމް ފުރިހަމަ ނުވާކަމަށް ގަބޫލުކުރެވޭ ހިސާބަށް ޓައީ އާއްމު ވީއެވެ. މިހާރުގެ ޢާއްމު ވިސްނުމަކީ ޓާއީ ނާޅައެއް ނުކިޔެވޭނެއެވެ. ކިޔަވައިގެން ނިކުމެ ޓައީ ނޭޅުނަސް ކިޔަވަންވާނީ ޓައީ އަޅައިގެންނެވެ. 

ގިނަ މީހުންގެ ވިސްނުމަކީވެސް ސްކޫލްތަކަށް ކުދިން ފޮނުވައިގެން ކިޔަވާދެނީ ޓައީ އަޅައިގެން އޮފީހެއްގައި ވަޒީފާ އަދާކުރުމަށެވެ. ޓައީ ނާޅާ އަދާކުރާ ވަޒީފާއަކީ އަގެއްހުރި ވަޒީފާއަކަށްވެސް ނުވެއެވެ. 

ޑރ. ހަސަން ހަމީދަށް ޓައީ ސިފަކުރެއްވެނީ މާނިޔާ މަހެއް ކަރުގައި އެލުވައިގެން އުޅުން ކަމަށެވެ. ބައެއް އެހެން މީހުން ސިފަކުރާ ގޮތުގައި ޓައީ އެޅުވުމަކީ ސާހިބު މީހާއަށް ކިޔަމަން ކުރަން ކުއްތާގެ ކަރުގައި ވާޖަހާހެން ކުރެވޭ ކަމެއްގެ ގޮތުގައެވެ. ޓައީ އެޅުމަކީ ހިތުން ރުހުމުން ޖެހެވޭ ދަމެއްކަމަށް ދެކޭ މީހުންވެސް މަދެއްނޫނެވެ. ކިޔަވަން ޓައީއެޅުމާއި ކިޔަވައިގެން ޓައީ އެޅުމުގައިވެސް އޮތީ ބަނދެވުމެވެ.