މާލޭ މީހުނަށް މުއިއްޒު ޖެއްސީ މުސީބާތް!
ހޮޅި އެޅުމާއި ހޮޅި ވާހަކަ ދެއްކުމާއި ހޮޅިވުން ނޫންކަމެއް މުއިއްޒަކަށް ނޯވޭ!
މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ މާލެ ސިޓީގެ ހަމަޖެހުން ގެއްލުވާލާނެ ކަމުގެ އިންޒާރު ވެސް މުއިއްޒު އެދަނީ ދެމުންނެވެ. މާލޭގެ ހަމަ ޖެހުމާ މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ދިނުމާ ގުޅުވުމަކީ އެކަމުގެ ހެއްކެކެވެ. ވާނީ އެހެންތާއެވެ. ދުނިޔެ ހެއްދެވީއްސުރެ މާލޭގައި ކުރިއްޔާ ކުރިކަމެއް ކުރީ މުއިއްޒު ކަމުގެ ދައުވާ މުއިއްޒު އެދަނީ ކުރަމުންނެވެ.
މުއިއްޒު ހިތުން އެހެން އެންމެންނަކީ ކަނު މީހުންނެވެ. ބީރު މީހުންނެވެ. މަންމަނުންނެވެ. ބުއްދި ފަސްވެފައި ތިބި ގަމާރުންނެވެ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ކޮށްދީގެން އުޅެނީ ކޮންކަމެއް ހެއްޔެވެ. މާލޭ ރައްޔިތުންނަށް މުއިއްޒު ހިދުމަތް ކުރިގޮތާއި ރައްޔިތުންނަށް ވީމޮޅުގެ ވާހަކަ ދައްކަލަމާ ހިނގާށެވެ.
ރައީސް ޔާމީނު ވެރިކަމުގައި ރައީސް ޔާމީނުގެ މަސައްކަތު ސަރުދާރަކަށް މުއިއްޒު ހުރީމާ ރައީސް ޔާމީނު ކުރެއްވިހާ ކަންކަމުގެ މެޑެލިޖަހަން މުއިއްޒު އުޅޭނެކަމެއް ނެތެވެ. މުއިއްޒު ނަގަނަގާފައި ދައްކާނީ ސިނަމާލެ ބްރިޖާއި ރިންގް ރޯޑެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި ރަސްރަނި ބަގީޗާ (ސަލްޓަންޕާކް)އާއި މާލޭ މައިޒާންތަކެވެ. ހުޅުމާލޭ ދެވަނަ ފޭހާއި ހިޔާ ފްލެޓްތަކެވެ.
ބުނަން ހެއްޔެވެ. އެއިން އެއްވެސް ކަމަކީ މުއިއްޒާ ބެހުމެއް އޮތް ކަންކަމެއް ނޫނެވެ. އެއީ ރައީސް ޔާމީނުގެ ހިދުމަތެވެ. އެމަނިކުފާނުގެ މިންނަތް މަސައްކަތާއި ހިތްވަރެވެ. އެކަންކަމުގައި މުއިއްޒަށް ކްރެޑިޓެއް ދިނުމަށްވުރެ އަދީބަށް އެކަންކަމުގެ ކްރެޑިޓް ދިނުންވެސް މާ ހައްގެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ކަމުގައި އޭރު މުއިއްޒު ހުރީތީ ބައެއް ކަންކަން އޭނާގެ ސީދާ ބެލުމުގެ ދަށުން ރައީސް ޔާމީނު ކުރުވިއެވެ. އިންޑަސްޓްރިއަލް ޒޯނާއި ރަސްފަންނެވެ. މާލޭ ބޭރު މަގުގައި އަޅަން އުޅުނު ލަގްޒަރީ ޓަވަރުތަކެވެ. ތިންރުއް ޕާކާއި މުއިއްޒު ނެރަކީ ވެސް އެގޮތަށް މުއިއްޒު ލައްވާ ކުރުވި ކަންކަމެވެ.
އިންޑަސްޓްރިއަލް ޒޯނުގެ އެއްވެސް މަސައްކަތެއް މުއިއްޒަކަށް ނުކުރެވުނެވެ. ރަސްފަންނު ހެދީ އައިވީ ގުޅާފައި އޮތް ބަލި ދަރިއަކަށެވެ. އަބަދާ އަބަދު ކެނޑިނޭޅި ދައުލަތުން ހަރަދުކޮށް ބަލަހައްޓަންޖެހޭ ބަލިމާނަކަށް ރަސްފަންނު އޮތީ ހަދަފައެވެ. މާލޭ ހުޅަނގުކޮޅުގެ ޑްރައިންތައް ބައްދާލާ ވާރޭ ކަންޏެއް ޖަހާލާ އިރަށް ސްވިމިންގ ޕޫލަކަށް މާލެ ބަދަލުކޮށްލި މޮޅު އިންޖިނޭރަކީ މުއިއްޒެވެ.
މާލޭ ބޭރު މަގުގައި އަޅަން އުޅުނު ލަގްޒަރީ ޓަވަރުތަކުން ކަޓުނަގަން އުޅެން ހަދައިގެން އެކަމެއް މުއިއްޒަކަށް ނުކުރެވުނެވެ. ތިންރުއް ޕާކަކީ ރަސްފަންނަށް ދޫނުކުރާ އަނެއް ބޮލު ރިހުމެވެ. މުއިއްޒު ނެރުވެގެން ދިޔައީ އެތައް ބައެއްގެ މުދަލާ ފުރާނައަށް އޮތް ބޮޑު ނުރައްކަލަކަށެވެ. މުސީބަތަކަށެވެ. މުއިއްޒު ލައްވާ ކުރުވި އެއްވެސް ކަމެއް މުއިޒުނުވާ ގޮތަކަށް މުއިއްޒަކަށް ކުރެވިފައެއް ނެތެވެ. ހިޔާ ފްލެޓްތައް ނިންމުމާއި މީހުން ވެއްދުންވެސް މުއިއްޒާ ހެދި ރައީސް ޔާމީނަށް ވެގެން ދިޔައީ ވެރިކަމުގައި ޖެހުނު ގޮއްރާޅު ގަނޑަކަށެވެ.
ހޮޅި އެޅުމާއި ހޮޅި ވާހަކަ ދެއްކުމާއި ހޮޅިވުން ނޫންކަމެއް މުއިއްޒަކަށް ނޯވެއެވެ. މާލޭ މޭޔަރު ކަމުގައި ކަދުރު ރުއް އެތެރެކޮށް އިންދުމުގައިވެސް މިލިޔަނުން ކުރީ ވައްކަމެވެ. މަގުމަތީ ޕާކިން ސްލޮޓާއި ގަރާޖުސިޓީ ވިއްކައިގެން ފުއްޕުވީ އަމިއްލަ ޖީބެވެ. ތޮއްޖެއްސީ މަގުތަކެވެ.
މަގުބަންދު ބޯޑާއި ހިދުމަތުގެ އަގުންވެސް ކުރީ ވައްކަމެވެ. މިސްކިތް ތަކުގެ ކަރަންޓް ބިލް ނުދެއްކިޔަސް ބާއްވީ ސްޓާފް ނައިޓެވެ. ކަނިވާ ސަރަހައްދުން ބިންތައް ކުއްޔަށް ދީގެން މިލިޔަނުން ޖީބަށް ޖަހާލީ ކަޓެވެ. އާސަހަރާ ހެދުމުގެ ނަމުގައި ބަޔަކަށް ކޮންޓްރެކްޓް ދީގެން އެ މަސައްކަތް ނުކުރުވާ އެތައް މިލިޔަން ރުފިޔާއެއް ކެމްޕޭނު ކުރުމަށް ޖީބަށް ޖަހާލާ ކޮންޓްރެކްޓް ބާތިލުކޮށް ހިންގީ ބޮޑެތި ކޮރަޕްޝަނެވެ. ހިޔާނާތެވެ.
ޕޮރޮގްރަސިވް ކޯލިޝަންގެ ސެނެޓް ގަނެލާ އަދުރޭއަށް މަހު މުސާރައާއި ވިޔަފާރި ސިޓީ ކައުންސިލުން ހޯދާދިނެވެ. ކޮންސަލްޓުންގެ ނަމުގައި އެތައް ބަޔަކަށް މިލިޔަން މިލިޔަން ސިޓީ ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން މުއިއްޒު ފައްކާކުރީ ވެރިކަމަށެވެ.