ގައުމެއްނެތޭ ދަރިންނޭ!

ލިޔެވިފައި ފޮތެއްގައި ގާނޫނޭ ކިޔާ އެއްޗެއް އޮތެއްކަމަކު ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވުމާއެކު ރާއްޖޭން ގާނޫނުގެ ހަމަ އަރުއްވައިގެންފިއެވެ. ރައްޔިތުންގެ ބާރެއް ރައްޔިތުންގެ ހައްގެއް ރާއްޖެއަކުނެތެވެ. ގާނޫނަކީވެސް ހަމަޔަކީވެސް އެވަގުތަކަށް މުއިއްޒަށް ފެންނަ ގޮތެވެ. މުޅި ރާއްޖެއަކީ މުއިއްޒުގެ އަމިއްލަ މިލްކެކެވެ. ދިވެހީންގެ ރާއްޖޭގައި އޮންނާނީ މުއިއްޒުގެ ގޮތެވެ.
ރާއްޖޭގައި ގާނޫނީ ހަމަޔާއި އުސޫލުގެ ވާހަކަ މިހާރު ދެއްކުމެއް ނެތެވެ. ނަމެއްގައި ރައްޔުތންގެ މަޖިލީހެއް އޮތަސް އެ މަޖިލީހަކީ މުއިއްޒުގެ ޕަޕެޓުންގެ މަޖިލީހެވެ. އެ ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދަންޖެހޭނީ މުއިއްޒު ބުނާގޮތަށެވެ. ރައްޔިތުންގެ ހެވާ ލާބައަކަށް ނޫނެވެ. މުއިއްޒަށް ހުރިހާ އާރަކާ ބާރަކާ އޮންނަ ގޮތަށެވެ.
ރައްޔިތުންނަކީ އަޅުންގެ އަޅުންނެވެ. ރައްޔިތުންނަށް ހައްގު މިންވަރަކީ މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ ތުބުންވެއްޓޭ ބަތްފުކެއްގެ މިންވަރެވެ. މުއިއްޒަށް އަޅުދާސްނުވާ މީހަކަށް ދިވެހިންގެ ރާއްޖޭގައި ބަނޑު ފުރާނަ މުއްތި ކުރުމަކަށްވެސް ހައްގެއް ފުރުސަތެއް ނެތެވެ. ގައުމެއްގެ ރައްޔިތުން އަޅުވެތިވާނީ މިހާކަށްވަރަށެވެ.
ދައުލަތުގެ ބަންޑާރަ ނައިބެއްނެތެވެ. ހުންނަނީ މުއިއްޒަށް ހަމައަޅާދޭ މުއިއްޒުގެ ދިފާއީ ވަކީލެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލަކީ މުއިއްޒުގެ ގޮނޑިކޮއްކޮއެކެވެ. ފުލުންނަކީ މުއިއްޒުގެ ވޮޗް ޑޯގުންނެވެ. އޭސީސީ އަކީ މުއިއްޒު ހިންގާ ފަސާދައާއި ކޮރަޕްޝަން މަތިއަޅާ ހަލާލުކޮށްދޭން އޮންނަތަނެވެ. ތަހުގީގު ހިންގާ ޝަރީއަތް ހިންގޭނީ މުއިއްޒު ބޭނުންވާ މީހެއްގެ މައްޗަށެވެ. މުއިއްޒާ ބައިވެރިވެގެން ބައިއަޅައިގެން ގައުމު ހަފާ ކައި ކުދިކޮށް ނަޖިހަށް ހެދިޔަސް މުއިއްޒާއި މުއިއްޒުގެމީހަކަށް ކުށެއް ނުކުރެވެއެވެ.
އިންސާފަށް ބަސްބުނާނެ ފަނޑިޔާރެއް ފަނޑިޔާރުގެއެއް ނެތެވެ. ކޯޓެއްގެ ފަނޑިޔާރަކު ކުރާ ހުކުމަކަށްވުރެ މުއިއްޒުގެ ބާނދީންގެ ވިދާޅުބަސްފުޅުވެސް ދިވެހީންގެ ރާއްޖޭގައި މާ ބޮޑަށް ވިކެއެވެ. މުއިއްޒުގެ އައުވާނުން ބުނާގޮތުން ސްޕްރީމް ކޯޓްގެ ބެންޗްގައިވެސް ތިބީ ހަމައެއް ލަމައެއް ގާނޫނެއް ދަންނަ ބައެއް ނޫނެވެ. ސްޕްރީމްކޯޓުގައި ތިބި ފަނޑިޔާރުންނަކީ މުސްލިމުންކަމާމެދުވެސް މުއިއްޒުގެ އައުވާނުން ޝައްކު އުފައްދައެވެ. މުއިއްޒުގެ އައުވާނުންނަށް މީހުންގެ ކާފިރުކަމާއި އިސްލާމްކަން ކަނޑައެޅުމުގެ ބާރު އޮންނަ ކަހަލައެވެ.
ގޮށްމުށުވެރިއެއްގެ މުށުތެރެއަށް ގައުމެއް ވެއްޓުމުން އާދައިގެ ދެރަވަރު މީހަކަށް އަދިވާނީ ކޮންވަރެއް ހެއްޔެވެ. ކުރާޝަކުވާއަކުން ޖައްސާ މައްސަލައަކުން އިންސާފް ލިބުމަކީ މުސްތަހީލްކަމެކެވެ. ރައްޔިތަކަށް ކިތަންމެ ކުޑަކުޑަ ކަމެއްވެސް ވިއްޔާ ވާނީ މުއިއްޒު ކުރިމަތީގައި ބޯގުދުކުރި ވަރަކުންނެވެ. ދަޜީންނެވެ. ގައުމެއް ނެތެވެ.