ފެނަކަ އިން ބިރެއް ނުދައްކާނެ
ވަކިވަކި މުވައްޒަފުން ބުނާ ބުނުމަކީ ކުންފުނީގެ ބަހެއް ނޫން
ރައީސް ސޯލިހު ސަރުކާރާއި ހަވާލުވެ ވަޑައިގަތް ދުވަހުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެއްވެސް ބިރެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކޮށްދީފައެވެ. ލިބިފައިވާ ހައްގުތަކުގެ ބޭނުން އެންމެ ތަނަވަސް ގޮތެއްގައި ބޭނުން ކުރުމުގެ ފުރުޞަތު ހުޅުވާދީފައެވެ.
މުއައްޒަފުންގެ ހައްގުތަކަށް ހުރަސް އަޅައި މުވައްޒަފުންނަށް ބިރު ދެއްކުމަކީ ކުންފުނީގެ މިއަދުގެ މެނޭޖްމަންޓް ދަންނަކަމެއް ނޫނެވެ. ކުންފުނީގެ ވަކިވަކި މުވައްޒަފުންނަށް ހިޔާލު ފާޅުކުރުމާއި އެ މީހެއްގެ ޝުއޫރު ހާމަކުރުމަކީ ފެނަކައިން ބިރުދައްކާ ހުއްޓުވާ ކަންކަމެއް ނޫނެވެ. އެހެނެއް ކަމަކު އެ ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޝުއޫރާއި ހިޔާލާއި ބުނާ ބުނުމަކީ ކުންފުނީގެ މެނޭޖްމަންޓްގެ ބަހެއް ނޫނެވެ. އެއީއަކީ މުޅި ކުންފުނީގެ އާއްމު ވިސްނުމެއްވެސް ނޫނެވެ. އަދި ކުންފުނިން ދެކޭ ގޮތެއްވެސް ނޫނެވެ.
އެހެންކަމުން އެއްވެސް އަސްލެއް، އަސާސެއް ނެތި ފެނަކައިގެ މެނޭޖްމަންޓާއި އެ ކުންފުނީގެ އަގު ވައްޓާލައި، ނަން ކިލަނބުކުރުމަށް ބައެއް ނޫސްތަކުން ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލަން ޖެހެއެވެ. ވަކި ބަޔަކަށް ސިޔާސީ ބާރުވެރިކަން ހޯދާދިނުމަށް ފެނަކަ ކޯޕަރޭޝަން ފަދަ ހިދުމަތްތެރި ކުންފުނިތަކުގެ އަގު ވައްޓާލާ ރައްޔިތުންގެ އިތުބާރު ނަގާލުމަށް ކުރެވޭ ބޭކާރު ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް ފެނަކަ ކޯޕަރޭޝަނުން ނަށެހަތްތެރިވެއެވެ. ފެނަކައިގެ ނަން ބޭނުން ކޮށްގެން ފައިދާ ހޯއްދަވަން ބޭނުންވާ ނަމަ އަހްލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯދުމަށް ފެނަކައިން އިރުޝާދު ދެއެވެ.