ދީން ގުރުބާން ކޮށްގެންވެސް މުއިއްޒު ބޭނުންވަނީ ފައިސާ!
އެލްޖީބީޓީގެ ހައްގުގެ މުގާބިލުގައި 6.2 މިލިޔަން ޔޫރޯ ރާއްޖެއަށް
ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވަނީ ހުރިތާކުން ފައިސާ ގެންނާނެ ކަމަށެވެ. ގަބޫލު ކުރަމެވެ. ފައިސާ ލިބެންޏާ ކޮންމެ ކަމެއް ކޮންޕްރަމައިޒް ކޮށްގެން ވެސް ފައިސާ ހޯދަން މުއިއްޒު ސަރުކާރުން އުޅޭނެއެވެ. ސަމޯއާ އެގްރިމަންޓްގައި ރާއްޖޭން ސޮއި ކޮށްލުމުން ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ޔޫރަޕިއަން ޔުނިއަނުން 6.2 މިލިޔަން ޔޫރޯ ދޭން އެއޮތީ ހަމަޖައްސާފައެވެ. އޭގެ މުގާބިލުގައި ރާއްޖޭން ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދީ އޭގެން އެންމެ ސެންޓެއްވެސް ދޫކުރާހާ އެމީހުން މޮޔައެއް ނުވާނެއެވެ.
ސަމޯއާ އެގްރިމަންޓްގެ އެންމެ އިސް އަމާޒަކީ އިންސާނީ ހައްގުކަމަށް ޔޫރަޕިއަން ޔުނިއަނުން ގަބޫލުކުރާ ހައްގުތައް ކަށަވަރު ކުރުމެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުމާއި މަސްހުނި ޖިންސީގުޅުމަކީ ކޮންމެ އިންސާނަކަށް ލިބިފައި އޮންނަ ހައްގެއްކަން ކަށަވަރު ކުރުމެވެ. ހުތުރުވެގެންވާ ލާއިންސާނީ އެފަދަ ކަންކަމަކީ އެކަން ކުރަން ބޭނުންވާ ބަޔަކަށް މިނިވަންކަމާއެކު ކުރެވެންޖެހޭ ކަމަކަށް ހެދުމަކީ އެމީހުންގެ ބޭނުމެވެ. އެލްޖީބީޓީކިޔުގެ މީހުން މުޖުތަމައުން ބާކީ ކުރުމާއި ގާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށެއްގެ ގޮތުގައި އެކަންކަން އޮންނަ އޮތުން ބަދަލު ކުރުމަކީ އީޔޫއިން އެހީވެދޭ ސަބަބެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެއެވެ.
އެލްޖީބީޓީ ގެ ހުތުރު އަމަލުތަކަކީ ރޭވުން ތެރިކަމާއެކު މަޑުމަޑުން މުޖުތަމައު ގަބޫލުކުރާ ކަންކަމަށް ހެދުމަށް ފަންނީ ގޮތުން އެހީތެރި ވެދީގެން މީހުންގެ ވިސްނުން ބަދަލުކޮށް ގާނޫނީ ނިޒާމުގެ ތެރެއަށް އެބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިގަނެވުނަސް އެމީހުން ހިތް ހަމަ ޖެހޭނެއެވެ. އެބަދަލުތައް ގެންނާނީ ކުއްލި ބޮޑު ބަދަލެއްގެ ގޮތުގައެއް ނޫނެވެ. އިސްލާމް ދީނުގެ އަސޫލުތަކުގައި ދެމިތިބޭނެކަމަށް ނިކަން ބާރަށް ބުނަމުން ނިޒާމުގެ ތެރެއަށް މަޑުމަޑުން އެކި ބައިތައް ވައްދާ އާހިރުގައި ދޮންކަޅުވެސް އަންގަނުލާ އެލްޖީބީޓީގެ އަމަލުތަކަކީ ހުއްދަ ކަންކަމަށް ހަދާ ނިންމާލާނީއެވެ.
ސަމޯއާ އެގްރިމަންޓްގައި ސޮއިކުރުން މާބޮޑުކަމަކަށް ނުވިހެން ސީދާ އަންހެން ކުޅިއޭ ފިރިހެންކުޅިއޭ ޖިންސް ބަދަލުކުރުމޭ ނުބުނެ ގާނޫނުގެ ތެރެއިން އަދަބު ނުލިބޭ ކަންކަމަށް އެކަންކަން ބަދަލުކޮށްލާތަން ވިސްނާ ބަޔަކަށް ފެންނާނެއެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުން ފާޅުގައި ނިކުމެ ހައްގު ހޯދަން ވަކާލުކުރާތަން ފެންނާކަށް ލަހެއް ނުވާނެއެވެ.
ގާނޫނުގައި އޮތަސް ހައްދުޖެހުމާއި ގިސާސް ހިފުން ތަންފީޒު ނުވާހެން އެލްޖީބީޓިގެ ކުށްކުށަކީ ތަހުގީގު ނުކުރެވޭ ނުބެލޭ ކުށްކުށަށް ވުމުން ތަންފީޒުކުރާކަށް ހުކުމެއް ނޯންނާނެތާއެވެ. ރިބާ އާއްމުވެ އާދައިގެ ކަމަކަށް ވެފައިވާހެން އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުމާއި ވަލު ޖަނަވާރާއި ގަސްގަހާ ގެއްސާ ކައިވެނި ކުރާހިސާބަށް މީހުންގެ ބުއްދި ފަސްކޮށްލެވޭ ވަރަށް ތައުލީމީ ނިޒާމުގެ ތެރެއިންނާއި ވޯކްޝޮޕްތަކާއި ސެމިނާތަކުން މީހުންގެ ބޯދޮއްވުމުގެ ކެންޕޭނުތައް ހިންގާ އެއްގޯސް ކޮށްލާނެއެވެ.
ކޮމަންވެލްތު ގޭމްގައި ބައިވެރިވުމާއި ބައެއްކަހަލަ ބައިނަލްއަގުވާމީ އެހީތެރިކަން ލިބުމުގައި އެލްޖީބީޓީ ހުއްދަ ވެފައި ނެތް ގައުމުތަކަށް ފުރުސަތު ބަންދު ކުރުމަކީވެސް އިނގިރޭސީ ވިލާތާއި ޔޫރަޕްގެ އެޖެންޑާއެކެވެ. ވިއްސާރަދުނީ ކުލަތަކުގެ އަހުލުން ވެރިން ބާކީކުރާ ކުރުން ނިމުމަކަށް ގެންނަން ކުރާ މަސައްކަތް އަމާޒު ހިފާފައިވަނީ އެހީގެ ފައިސާއަށް ބޭނުން ޖެހިފައިވާ ރާއްޖެ ފަދަ ގައުމުތަކަށެވެ.
އަގީދާ ގުރުބާން ކޮށްގެންވެސް މުއިއްޒު ސަރުކާރުން ބޭނުންވަނީ ފައިސާ ހޯދާށެވެ. ޓޫރިޒަމް މިނިސްޓަރ ފައިސަލް އެދައްކަވަނީ އެ ވާހަކައެވެ.