2080 ގެ ކުރިން ދުނިޔޭގެ އާބާދީ 10.3 ބިލިއަނަށް އަރާނެ

2024 ވަނަ އަހަރު ދުނިޔޭގެ އާބާދީއަކީ 8.2 ބިލިއަން މީހުން

2080 ގެ ކުރިން ދުނިޔޭގެ އާބާދީ 10.3 ބިލިއަނަށް އަރާނެ

މިހާރު މި ހިނގަމުންދާ  21 ވަނަ ގަރުނުގެ ތެރޭގައި ދުނިޔޭގެ އާބާދީ އެންމެ މައްޗަށް ގޮސް، 2080 ގެ އަހަރުތަކުގެ މެދުތެރޭގައި ގާތްގަނޑަކަށް 10.3 ބިލިއަން މީހުންނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އދ އިން ނެރުނު ރިޕޯޓަކުން ހާމަކޮށްފިއެވެ.  2024 ވަނަ އަހަރު ދުނިޔޭގެ އާބާދީއަކީ 8.2 ބިލިއަން މީހުންނެވެ.

އާބާދީ އިތުރުވުމަށްފަހު ދަށަށް ދާން ފަށާނެ ކަމަށް ލަފާކުރެވޭއިރު، މި ގަރުނު ނިމޭއިރު މަޑުމަޑުން 10.2 ބިލިއަނަށް ވެއްޓޭނެ ކަމަށް ލަފާކުރެވެއެވެ.

ޗައިނާ އާއި ޖަޕާން ހިމެނޭހެން 63 ގައުމެއްގައި 2024 ވަނަ އަހަރުގެ ކުރިން އާބާދީ ބޮޑުތަން އިތުރުވެގެން ގޮސްފައިވާއިރު، އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކަކީ ގަރުނުގެ މެދުތެރޭގައި ނުވަތަ 2100 ވަނަ އަހަރު ފަހުން އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވޭ 126 ގައުމެއްގެ ތެރޭގައި ހިމެނޭ ތަންތަނެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކޮންމެ ހަތަރު މީހަކުން އެކަކު ދިރިއުޅެނީ މިހާރުވެސް އާބާދީ އާދަޔާ ހިލާފަށް އިތުރުވެގެން ގޮސްފައިވާ ގައުމެއްގައެވެ.

މި ހޯދުންތަކުން، ބުރާސްފަތި ދުވަހު އދ އިން ނެރުނު "ދުނިޔޭގެ އާބާދީގެ ކުރިމަގު 2024" ރިޕޯޓުގެ ބައެއްގެ ގޮތުގައި ގާތްގަނޑަކަށް ހުރިހާ ގައުމެއްގައި ވެސް އުމުރުގެ މުއްދަތު ނުވަތަ ލައިފް އެކްސްޕެކްޓެންސީ ކޯވިޑްގެ ކުރިން އޮތް ލެވެލް އަށް އަނބުރާ އައިސްފައިވާ ގޮތަށްވެސް އަލިއަޅުވާލައިފައިވެއެވެ.

ދުނިޔޭގެ އާބާދީ އާދަޔާ ހިލާފަށް މަތިވަމުން ދާއިރު ރާއްޖޭގެ އާބާދީ އޮތީ ދަށަށް ޖަހާފައެވެ. އުފަންވާ އާބާދީ މަދުވުމުން މުސްކުޅިންގެ އާބާދީ އިތުރުވެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވުމުގެ ބިރު ރާއްޖެއަށް އެބައޮތެވެ.