ކާރުތެރެ ހޫނުގަދަވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ

ކާރުތެރެ ހޫނުގަދަވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ

ޖަޕާނުގެ ކުމަމޯޓޯ ސިޓީގެ ގެއެއްގެ ގޯތިތެރޭގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނު 11 މަހުގެ ތުއްތު ކުއްޖަކު، ހޫނުގަދަވެގެން ލިބުނު ގެއްލުންތަކުގެ ސަބަބުން މަރުވެއްޖެއެވެ.

 ފުލުހުން ބުނާގޮތުގައި ސަކޫޓޯ ޔަމަޝިތާ ނަމަކަށް ކިޔާ މި ކުއްޖާ ފެނުނީ ބުދަ ދުވަހުގެ މެންދުރުފަހު ކާރުގެ ފަހަތު ސީޓުގައި ހަރުކޮށްފައި ހުރި ކުޑަކުދިންގެ ރައްކާތެރި ގޮނޑީގައި އޮއްވައެވެ. ކުއްޖާގެ މަންމަ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި، ކާރުގައި ގެއަށް އައުމަށްފަހު ގޭތެރޭގެ މަސައްކަތްތަކާއި އޮފީސް މަސައްކަތްތަކަށް އިސްކަންދެވުމުގެ ސަބަބުން، ގާތްގަނޑަކަށް 30 މިނެޓާއި ގަޑިއިރެއްހާއިރު ވަންދެން ކުއްޖާ ކާރުން ނުބާލައި ބޭއްވުނީއެވެ.

މެންދުރުފަހު 2:15 އެހާކަންހާއިރު މަންމަ އެނބުރި ކާރު ކައިރިއަށް ދިޔައިރު، ސަކޫޓޯ އޮތީ އެއްވެސް ހަރަކާތެއް ނެތް ހާލަތެއްގައެވެ. ވަގުތުން ކަމާބެހޭ ފަރާތްތަކަށް ގުޅައިގެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހިތް ހުއްޓިފައިވާ ކަމަށާއި، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.

ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުން އެނގުނު ގޮތުގައި، ކުއްޖާ މަރުވާން މެދުވެރިވީ ކާރުގެ ތެރޭގައި އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވި "ހީޓްސްޓްރޯކް" އެއްގެ ސަބަބުންނެވެ.

ކުމަމޯޓޯގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، އެ ދުވަހުގެ މެންދުރުފަހު އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 32.5 ޑިގްރީ ސެލްސިއަސްގައެވެ. އަދި އެ ދުވަހަކީ ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އެ ސަރަހައްދަށް ނެރެފައިވާ ދުވަހެކެވެ.