ސައޫދީއަރަބިއްޔާ: ވިންޓަރ ވޮންޑަރ ލޭންޑަކަށް
ބުރާސްފައްޗާ ހަމަޔަށް ސައުދީއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފިނިފާބާނެ
ބޯކޮށް ވާރޭ ވެހިގެންނާއި ސްނޯ ފޭބުމުގެ ސަބަބުން އީދު ޗުއްޓީގައި ސައުދީ އަރަބިޔާގެ ބައެއް ސަރަހައްދު ވަނީ ވިންޓަރ ވޮންޑަރލޭންޑަކަށް ބަދަލުވެފައެވެ.
ސައުދީ އަރަބިއްޔާގެ ދެކުނުގައި ޔަމަނު ބޯޑަރުގައި އޮންނަ ނަޖުރާން ސަރަހައްދަށް ފިތުރު އީދު ޗުއްޓީގައި ބޯކޮށް ވާރޭވެހި ފިނިފޭބުމުގެ ސަބަބުން އެ ސަރަހައްދު އެއްކޮށް ހުދުކުލައިން ފޮރުވި ވިންޓަރ ވޮންޑަރލޭންޑެއް ފަދައެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ސައުދީގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފިނިފާބާނެ ކަމަށް ލަފާކުރެއެވެ. އެކަމަށް ސަމާލުވުމަށް ޖެނެރަލް ޑިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސް އިން މިހާރު ވަނީ ވަރނިންގ ދީފައެވެ. ސަމާލުވުމަށް އިންޒާރު ދިން ނަމަވެސް ރައްޔިތު މީހުން އަންނަނީ ސްނޯ ފޭބުމުގެ އުފާ ފާޅުކޮށް އާއިލާ އާއި ރައްޓެހިންނާ އެކު ފޮޓޯ ނަގަމުންނެވެ.
ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން ލަފާކުރާ ގޮތުގައި މައްކާއާއި ރިޔާޒްއާއި އާސިރުއާއި އަލްބަހާއާއި ޖަޒާންއާއި ނަޖުރާންއާއި އަލްގާސިމްއާއި ހައިލްއާއި ތަބުކްއާއި މަދީނާ ގެ އިތުރުން އުތުރު ބޯޑަރުތައް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިނި ފައިބާނެކަން ވެސް ފާހަގަ ކޮށް ސަމާލުކަމަށް ގެނެސްފައެވެ.