ސްކައުޓް ޖަމްބޯރީން 36000 ސްކައުޓުން ހުސްކުރަނީ

ސްކައުޓް ޖަމްބޯރީން 36000 ސްކައުޓުން ހުސްކުރަނީ

ޓްރޮޕިކަލް ސްޓޯމް ޚަނަން އުފެދެމުންދާތީ ދެކުނު ކޮރެއާގެ ބުއާންގެ އައްސޭރިފަށުގެ ސްކައުޓް ޖަމްބޯރީގެ 36000  ސްކައުޓުން ނެރެ އެ ސަރަހައްދު ހުސް ކުރަނީއެވެ.

ދެކުނު ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ހެނދުނު 9 ޖެހިއިރު ޚަނަން އޮތީ ޖަޕާނުގެ އޮކިނާވާ ޖަޒީރާގެ އިރުއުތުރުން ގާތްގަނޑަކަށް 205 މޭލު ދުރުގައެވެ. އެހެން ކަމުން ބުދަ ދުވަހު ދެކުނު ކޮރެއާއަށް މި ތޫފާނުގެ އަސަރު ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

ބުއާން ހިމެނޭ ގޮތަށް އެ ގައުމުގެ ދެކުނުގެ ބޮޑެތި ސަރަހައްދުތަކަށް ބުދަ ދުވަހުގެ އިރާކޮޅުން ފެށިގެން ތޫފާނުގެ އަސަރު ކޮށްފާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރައީސް ޔޫން ސުކް ޔެއޯލްގެ އޮފީހުން ވަނީ ސްކައުޓުން އެ ގައުމުގެ ވެރިރަށް ސޯލް އަދި ކައިރީގައިވާ މެޓްރޯޕޮލިޓަން ސަރަހައްދުތަކުގެ ހޮޓަލްތަކަށާއި އެހެނިހެން ވަސީލަތް ތަކަށް ބަދަލުކުރަން އަންގަވާފައެވެ. މީގެ ތެރެއިން  158 ގައުމެއްގެ ސްކައުޓުން ތިބޭން ވަނީ ވެރިރަށް ސޯލް އާއި ކައިރީގައިވާ މެޓްރޯޕޮލިޓަން ސަރަހައްދުގެ ތަންތަން ހަމަޖައްސާފައެވެ.

މީގެއިތުރުން ސަރުކާރުގެ ތަމްރީނު މަރުކަޒުތަކާއި، ތައުލީމީ ވަސީލަތްތަކާއި، ހޮޓަލްތަކުގައި ޖާގަ ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވޯލްޑް އޮގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓުން ދެކުނު ކޮރެއާއަށް ގޮވާލެއްވީ ސްކައުޓުން ތޫފާނުގެ މަގުން އަވަހަށް ގެންދިއުމަށާއި ބައިވެރިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.