ޗައިނާގެ ރައީސް ޒީ ސައުދީއަށް
ސައުދީ އާއި ޗައިނާ ގުޅުމުގެ ސަބަބުން ހުޅަގުގެ ނުތަނަވަސްކަން ދަނީ އިތުރުވަމުން
ސައުދީ އަރަބިއްޔާގެ ޕްރައި މިނިސްޓަރ ކްރޯން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހާއްސަ ދައުވަތަކަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގަންނަވައިފިއެވެ. ރައީސް ޒީގެ މި ދަތުރުފުޅުގައި ސައުދީ އާއި އެކު އެކުވެރިކަމާއި ވިޔަފާރިއާއި އަދި އިންވެސްޓްމެންޓްގެ ދާއިރާއިން އެގްރީމެންޓްތަކެއް ކުރެވިގެން ދާނެއެވެ. މި އެއްބަސްވުންތަކުގެ އަގު 29.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސައުދޫ ޕްރެސް އެޖެންސީން މައުލޫމާތު ދެއެވެ.
ސައުދީ އާއި ޗައިނާގެ ދެމެދު މިހާރު އުފެދެމުން މިދާ އާދަޔާ ހިލާފު ގުޅުމުގެ ސަބަބުން ހުޅަގުގެ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް އެމެރިކާގެ އޮފިޝަލުން ކަންބޮޑުވާނެ ކަމަށް މެދުއިރުމަތީ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޗައިނާއިން އިސްނަގައިގެން އުފައްދާފައިވާ ސަރަހައްދީ ޖަމުއްޔާ "ބްރިކްސް" ގައި ވެސް ސައުދީން ބައިވެރިވުމަށް ވަނީ އެދިފައެވެ. އަދި އެމެރިކާ ޑޮލަރު ދުނިޔޭ ކަރަންސީ ބާޒާރު ޑޮމިނޭޓް ކޮއްފައިވާތީ ޑޮލަރު ނޫން ކަރަންސީއެއް ހޯދުމަށް އުފެއްދި ބޭންކް އެސްސީއޯ ގައިވެސް ބައިވެރިވުމަށް ވަނީ އެދިފައެވެ.
ޗައިނާއަކީ ދުނިޔޭގެ ބާރަކަށް ވާތީ ޗައިނާގެ ބާރުގައި ސައުދީ ކްރޯން ޕްރިންސް މުހައްމަދު ބިން ސަލްމާން ދުނިޔޭގެ ލީޑަޝިޕް ސްޓޭޖުގެ އެންމެ އުހަށް އެރުމަށް މަސައްކަތް ކުރާކަމަށް ވެސް ދަނީ ބުނަމުންނެވެ. ސަބަބަކީ ޗައިނާގެ 25 ޕަސެންޓް ތެލަކީ ސައުދީން އެތެރެކުރާ ތެލެވެ. އަދި ސައުދީ ވިޝަން 2030 ނިއޯން ސިޓީ ޕްރޮޖެކްޓަށް ވެސް ޗައިނާގެ ޝައުގު ވެރިކަން ވަރަށް ބޮޑެވެ.
ތުރުކީގައި ހުންނަ ސައުދީ އެންބަސީ ތެރޭގައި ނޫސްވެރިޔާ ހަސޯގީ މަރާލި މައްސަލައިގައި އެމެރިކާގެ ސީއައިއޭ އަދި އެފްބީއައި އިން ތަހުގީގުކޮއްފައި ނެރުނު ރިޕޯޓުގައި ސައުދީ ކްރޯން ޕްރިންސް މުހައްމަދު ބިން ސަލްމާނު ކުރުވިކަމެއް ކަމަށް ބަޔާންކޮއްފައި އޮތް އޮތުމުން ސައުދީއާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި މިހާރު ހިގަމުންދާ ރަޝިޔާ ޔޫކްރޭން ހަގުރާމައިގައި ރަޝިޔާއަށް ސައުދީ ތާއީދު ކުރާކަމަށާއި ވޭދުވެ ދިޔަ ނޮވެންބަރުމަހު އެމެރިކާގައި ބޭއްވުނު މެދު ޓާރމް އެލެކްޝަންއާއި ދިމާކޮށް ތެޔޮ އުފެއްދުން މަދުކުރުމުން ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑަށް އަސަރު ކޮއްފައެވެ.
ސައުދީ އަރަބިއްޔާ އަކީ އެމެރިކާ ބުނިހާ ގޮތަކަށް ހަދައިގެން މިހާތަނަށް އުޅެމުންދާ ގައުމަކަށް ވާއިރު ޗައިނާއާއި މިވަރުގެ ގުޅުމެއް އުފެއްދުމަކީ ސައުދީ ސަރުކާރުން އަޅާ ނުބައި ފިޔަވަޅެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެމެރިކާ ރުޅިއައި ނަމަވެސް ސައުދީ ވަނީ ޗައިނާ އާއި އެކު އިތުރަށް ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ފަށާފައެވެ. ޗައިނާ ރައީސްގެ މި ދަތުރުފުޅާ އެކު ޓީމް ބައިޑަން (އެމެރިކާގެ ރައީސް ބައިޑަންގެ ޓީމް) ދަނީ މީޑިއާ ތަކުން މި ކަންބޮޑު ކުރާ ކުރުން ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.