ފައިނު އާދަނު ދަތްދޮޅިން ތަށި މިލްކު ކުރުން

ތަކުރާރުކޮށް ރައްޔިތުން މަޖިލިހުގެ މެމްބަރުން ގަޔަށް އަތްލާ މޭރުމުން އިންޒާރުދިން

ފައިނު އާދަނު ދަތްދޮޅިން ތަށި މިލްކު ކުރުން

ތިނެއް ހަމަވީމާ ތަށި މިލްކުވާ ގޮތަށް ލާމަރުކަޒީ މިނިސްޓަރު އެންމެން ދަންނަ ފައިނު ދަތްދޮޅި އާދަނު އަނެއްކާ އަނެއްތަށި އެ ހޯދީވެސް ދަތްދޮޅިންނެވެ.

2013 ގައި ރައީސް ޔާމީނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ލިބުމުގެ ކުރިން ފައިނު އާދަނަކީ ބަޔަކު ދަންނަ މޫނެއް އަދި އިވޭނަމެއްވެސް ނޫނެވެ.

ޖެނެރަލް ޖަލީލްގެ ޑިފެންސް މިނިސްޓަރުކަން އައިޖީއެމްއެޗް ތެރޭން އުދުއްސާލުމާ އެކު ފައިނު އާދަނަށް ޑިފެންސް މިނިސްޓަރުކަން ލިބި ސިފައިން ލައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޔަށް އަތްލާ ދަމާ ކޫއްތާ ނެރެ އުކާލުމަށް ފަހު އެ މެމްބަރުންގެ ދަތްދޮޅި ދުއްވާލުމަށް ހިތްވަރު ދިން ހިސާބުން ފައިނު އާދަނަކީ ދަތްދޮޅި އާދަނު ކަމުގައި ކިޔަން ފެށިއެވެ. 

އެފަހަރު އެއީ އާދަމް ޝަރީފުގެ ދެވަނަ ދަތްދޮޅިއެވެ. ސަބަބަކީ އުމުރުން ދޮށި ވުމަކީ ގިނަ މީހުންނަށް ފްރީކޮށް ޑަބަލް ދަތްދޮޅި ލިބޭ ސަބަބެކެވެ. މުލައްދަނޑީގައި ބާރުހުރި ގަޔަށް ގޮއްމަސް އެރުވި ޒުވާނުން ދައްކާކަހަލަ ވާހަކަ ދެއްކިޔަސް އާދަމް ޝަރީފަކީ އުމުރުގެ ގޮތުން ބަލާ ނަމަ ކެތި ބޯދަށަށް ޖަހާ، 70 އަށް ފައިނަގަންދާ މީހެކެވެ. ރައްޔިތުންގެ މަޖިލިހަށް ނުވަތަ ވަޒީރުންގެ މަޖިލިހަށް ބެލިޔަސް އެ ތަންތަނުން ފެންނަ އެންމެ ދުވަސްވީ މޫނު ތަކުން އެއް މޫނެވެ.

ކުރިން ސިފައިންގެ ވަޒީރެވެ. ސިފައިންނަކީ ނިކަން ސިފަވަންތަ އާރާބާރާ ޖޯރުހުރި ޒުވާން ފައުޖު ތަކެކެވެ. ސިފައިންގެ ވަޒީރުކަން ލިބުމަކީ އާދަން ޝަރީފު ޒުވާނަކަށްވާ ސަބަބެއް ނޫނެވެ. މިހާރު އެއީ ކައުންސިލް ވަޒީރެވެ. ރާއްޖޭގެ ކައުންސިލް ތަކުގެ ޒުވާނުން ފެނިފައި އަނެއްކާ މި ފަހަރުވެސް އާދަން ޝަރީފުގެ ދެހަން ދޭތެރެއަށް ޒުވާން ކަމުގެ ޖަޒުބާތު ވަދެގަތް ފަދައެވެ. ދުވަސްވީ ދަތްދޮޅިއާ ކުރިން ހޯދި ދަތްދޮޅީގެ ތެރެއަށް އަނެއްކާ 3 ވަނަ ދަތްދޮޅި އާދަން ޝަރީފު އިތުރުކޮށް ދަތްދޮޅިން ތަށި މިލްކު ކޮށްފިއެވެ.

މި ފަހަރުވެސް ދެއްކީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކައެވެ.

ކުރީފަހަރު ކުރިކަންތަކާ ބުނި ބަސްތަކަށް ޒިންމާ ނުކުރެވުނީމާ ހަޔާތް ކެނޑުނީވެސް ތޯއްޗެކެވެ. މީހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގާ ވާހަކަ އެހެން މީހަކު ބުނެފިއްޔާ އެއީ އިންޒާރު ދިނުން ނުވަތަ މުޖުތަމައަށް ނުރައްކަލެއް ކަމަށް ބަލާ އެމީހާ ހައްޔަރު ކުރެއެވެ.

އެކަމަކު ފައިނު ވަޑި އާދަނު ތަކުރާރުކޮށް ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ގަޔަށް އަތްލާ މޭރުމުން އިންޒާރުދިނަސް ވާކަމެއް ހަރާމެވެ.