47 މިލިޔަން ދެއްކުމަށް ކުރި ހުކުމް އޮންނަނީ ކަރުދާހުގަ: މުއިއްޒު

47 މިލިޔަން ދެއްކުމަށް ކުރި ހުކުމް އޮންނަނީ ކަރުދާހުގަ: މުއިއްޒު

14 ދުވަސްތެރޭގައި 47 މިލިޔަން ރުފިޔާ ދެއްކުމަށް އެގްޒޮޓިކް މައްޗަށް ކުރި ހުކުމް އޮންނަނީ ކަރުދާހުގައި ކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒު އަހުމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. އެގްޒޮޓިކް މައްޗަށް ގައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަކީ އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސް އިން 2023 ވަނައަހަރު ގެއްލުނު 575 ކޭސް ސިނގިރެޓްގެ މައްސަލައިގައި ކުރި ހުކުމެކެވެ. 

އެގްޒޮޓިކް މައްޗަށް ކުރި ހުކުމުގެ ހަބަރެއް ޓެގް ކުރައްވާ އެކްސްގައި އަލްއުސްތާޒް އަހުމަދު މުއިއްޒު އިއްޔެ ކުރެއްވި ޕޯސްޓެއްގައި 14 ދުވަސްތެރޭގައި 47 މިލިޔަން ރުފިޔާ ދެއްކުމަށް އެގްޒޮޓިކް މައްޗަށް ކުރި ހުކުމް އޮންނަނީ ކަރުދާހުގައި ކަމަށް ވިދާޅުވަމުން ދައުލަތަށް ލޯ ލާރިއެއްވެސް ލިބޭނެހެން ހިއެއްނުވާ ކަމަށް ވިދާޅުވެފައިވެއެވެ. 

ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވި ގޮތުގައި "ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަންޖެހޭ ތަނަކުން މުދާތަކެއް ބޭރުުވުމުގައި އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު ނާޅާނަމަ، މި ބާވަތުގެ ކަންކަން ދެންވެސް ތަކުރާރުވާނެ"އެވެ. 

އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށް ކަސްޓްމަސް އިން ދައުވާގައި ބުނެފައިވަނީ ވައިގެ މަގުން އެތެރެކުރި 180 ކޭސް ކެމަލް ޔެލޯ އާއި 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓަރ އާއި 110 ކޭސް އެމެރިކަން ލެޖެންޑް އެވެ. އޭގެތެރެއިން ހުއްދަ ލިބިގެން ނެރުނު ކަމަށް ކަސްޓަމްސްއިން ބުނަނީ އެންމެ 15 ކޭސް ކެމަލް ޔެލޯ ކަމަށެވެ. ދެން ހުރި ހުރިހާ ސިނގިރެޓެއް ގެއްލިފައި ވާކަމަށް ކަސްޓަމުން ޝަރީއަތުގައި ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން އެގްޒޮޓިކް ކުންފުނީގެ ގައިރު ހާޒިރުގައި ހުކުމް ކޮށްފައި އެވަނީ ވެއާހައުސް އިން ގެއްލިފައިވާ ސިނގިރޭޓްގެ ޑިއުޓީގެ ގޮތުގައި އެގްޒޮޓިކް ކުންފުނިން 47،182،011.86ރ. ހޯދުމަށް މިދިޔަ ޖުލައި މަހު އެގްޒޮޓިކް އާއި ދެކޮޅަށް ކޮށްފައިވާ ދައުވާގެ މައްސަލައިގައެވެ.