އަލިފާނާ ކުޅެން އިހުސާނަށް ހުރެވިދާނެތަ!

ގޭންގްތަކުން ދައުލަތުގެ ކޮންޓްރޯލު ނަގައިފި

އަލިފާނާ ކުޅެން އިހުސާނަށް ހުރެވިދާނެތަ!

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުތަކުން ސަމާލުކަން ނުދިނުމަކީ އަބަދުވެސް އޮންނަ ޝަކުވާއެކެވެ. ރާއްޖޭގެ އިޖުތިއުމާއީ ފޭރާންވީދި ހަސް ނެތިފައިވާ ކަމުގެ ޝަކުވާ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އިޖުތިމާއީ އަދާލަތު ނެތި ދިޔުމުގެ ޒިންމާ ބައެއް މީހުން އަޅުވަނީ ޑިމޮކްރަސީ ބޮލުގައެވެ. މަލްޓިޕާޓީ ޑިމޮކްރަސީއާއި ގުޅިގެން މުޅި ގައުމުގެ ހީރަސް ކެނޑިފައިވާ ކަމަށް ދެކޭ މީހުން މަދެއްނޫނެވެ. 

ކަން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ރާއްޖޭގައި ކަންކަން އަދި ދަނީ ގޯހުން ގޯހަށެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަނީ ގައުމީ ކާރިސާއެއްގެ ސިފައިގައެވެ. ޑްރަގްގެ ވަބާގައި ނުޖެހޭ އާއިލާއެއް ނެތެވެ. ޑްރަގް ވިޔަފާރީގައި ނިސްބަތުން ކޮލަމްބިޔާއަށް ދުލެއް ނުކުރެއެވެ. ފޭރުމާއި ވައްކަމާއި ޓެކުމުގައި މޫނަކަށް ކަނދުރާއަކަށް ނުބަލައެވެ. ރިޝްވަތާއި ހިޔާނާތުގައި މަތިން ތިރިއަށް ލަވަ ކިޔާލާފައެވެ. ހަށިވިއްކުމާއި ރަހީނު ކުރުމުގައި ކުޑައެއް ބޮޑެއް އަމައެއް ބަފައެއްނެތެވެ. 

ގޭންގްތަކުން ދައުލަތުގެ ކޮންޓްރޯލު ނަގައިފިއެވެ. ސަރުކާރެއް މަޖިލީހެއް ފަނޑިޔާރުގެއެއް ކިޔާނެކަމެއް ނެތެވެ. ބާރުތައް އޮތީ ގޭންގް ތަކުގެ މުށުތެރޭގައެވެ. ހައްގު ހޯދުމަށާއި އިންސާފް ހޯދުމަށް ކޯޓުތަކަށް ދިއުމަކީ ބޭކާރު ކަމަކަށް ވެއްޖެއެވެ. ކޯޓުތަކަށް ދިޔުމަކީ ވަގުތާއި ފައިސާ ބޭކާރު ކޮށްލުމަކަށް ވެއްޖެއެވެ. އިންސާފު ހޯދުމާއި ދަރަނި އަނބުރާ ހޯދާ ދިނުމަކީ ގޭންގްތަކުން ކޮށްދޭ ކަމަކަށް ވެއްޖެއެވެ. 

ކުށްވެރިންގެ ބާރު ގަދަވެ ޖަލުތަކަކީ ކުށުގެ ކޮމާންޑް ސެންޓަރު ތަކަށް ވެއްޖެއެވެ. ސައިބަރ ކްރައިމާއި ބްލެކްމެއިލުން ފައިސާ ހޯދުމުގައި ޖަލުތަކުގައި ތިބި ކުށްވެރިންނާއި ޖަލުބަލަހައްޓާ މީހުން ގުޅި ލާމެހިއްޖެއެވެ. އިންސާނީ ވަގުފާރިއާއި މެޑިކަލް މާފިޔާ އާއްމު ވެއްޖެއެވެ. މުޅި ދިވެހި ދައުލަތުން ދައުލަތެއްގެ ސިފަ ގެއްލި މަނީލޯންޑަރިންނާއި ޑްރަގް ކާޓެލްތަކާއި ދުނިޔޭގެ މާފިޔާ ހަބަކަށް ރާއްޖެ ވެއްޖެއެވެ. 

މިހާރުގެ ދާހިލީ ވަޒީރު އަލީ އިހުސާން ރިޔާސީ ހުވަފެނުގައި ދޮން ދަނގަޑުގައި ހިފޭތޯ އެބައުޅެއެވެ. ރައްޔިތުންނަށް ފެންނަހެން ކަންބޮޑުވުންތައް ހައްލުކުރަން މަސައްކަތް ކުރާގޮތް އެބަ ދައްކައެވެ. ކިތަންމެ ވަރަށް ރައީސް މުއިއްޒުގެ ވިސްނުންފުޅޭ ކިޔަސް ރައްޔިތުންނަށް އަލީ އިހުސާން އަމާޒު ހިފާފައިހުރީ ކޮން ދިމާއަކަށް ކަން އޮޅެގެނެއް ނޫޅެއެވެ. ކޮންމެ ނިޔަތެއްގައި ކުރިޔަސް އިހުސާންގެ މަސައްކަތަށް ސެލިއުޓް ކުރާ މީހުން އެބަތިއްބެވެ. ކަންބޮޑުވުމަކީ އަނގުރު އަލިފާނާ ކުޅެން އިހުސާނަށް ހުރެވިދާނެ ކަމާމެދުގައެވެ.