ޔާމީނުގެ ވަގުބުޅާ ސީރީސް - އާރަށް އެޕިސޯޑް

ވަގުބުޅާ ސީރީސް - ވޮޑުމުލާ އެޕިސޯޑް ނިމުނީ ބަތްޕާރުސަލަކުން

ޔާމީނުގެ ވަގުބުޅާ ސީރީސް - އާރަށް އެޕިސޯޑް

ކުރީގެ ރައީސް ޔާމީނު ފުރޭމްކޮށްގެން ހައްޔަރު ކުރަން އުޅޭ ކަމަށް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުން ބުނުމަކުން ހައިރާނެއް ނުވެއެވެ. ޒަާތީ ބޭނުމެއްގައި ވެސް ފުރޭމްކޮށްގެން ހައްޔަރު ކުރަން ޖެހޭނީ ކުށެއް ނުކުރާ މައުސޫމެއް ނަމަތާއެވެ. ކުރީގެ ރައީސް ޔާމީނަކީ ފުރޭމް ކޮށްގެން ހައްޔަރު ކުރަން ޖެހޭ ވަރަށް ވުރެ ބޮޑު މުޖރިމެކެވެ. ޔާމީނު ހައްޔަރު ކުރަން އޯޑިއޯ އާއި ވީޑިއޯ ހަދައިގެން ހެކި އުފެއްދުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ހެކި އުފައްދައިގެން ހެކިދޭ ވަރަށް ވުރެ ޔާމީނާ ދެކޮޅަށް ހުރި ހެކި މާގިނައެވެ.  ކުރީގެ ރައީސް ޔާމީނަކީ ބޮޑު މުޖުރިމެއް ކަމަށް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް އެތައް ހެއްކެއްވަނީ ދެއްވާފައެވެ. ޖަމީލުގެ ހެކިބަސް ތަކަކީ ފެންނަން އޮތް ހަގީގަތެވެ.

ޑރ. ޖަމީލް އޮތީ ޔާމީނަކީ ވަގު ބުޅަލެއް ކަމަށް ވެސް ވިދާޅުވެފައެވެ. ކުރީގެ ރައީސް ޔާމީނަކީ މުޖުރިމެއް ކަން ގަބޫލު ކުރުވަން ޖަމީލު ދެއްކެވި ވާހަކަ ތަކުގެ ތެރޭގައި ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް ޝުކުރުވެރިވުން ނެތް ބޭފުޅެއް ކަމަށާއި ތާއީދެއް ވެސް ނެތް ރައީސެއް ކަމަށް ސިފަ ކުރައްވާފައި ވެއެވެ. އަނެއް ކޮޅުން މުޅި މުޖުތަމައުގެ އަހުލާގު ގަޑުބަޑު ކުރެއްވި ބޭފުޅަކީ ޔާމީނު ކަމަށް ޖަމީލު ވިދާޅުވިއެވެ. ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރާ " ބޮޑު ވަގެއް" ކަމަށް ވެސް ވިދާޅުވީ ޖަމީލެވެ.

އަފިހުން ދީގެން ޒުވާނުން ހަމަޖައްސަން ޖެހޭ ވާހަކައާއި، ހަށިވިއްކާ އަންހެނުން ގެންގުޅެން ޖެހޭ ވާހަކައާއި، މާތް ﷲ އަށް ނިސްބަތްކޮށް ޔާމީނު ކުފުރުގެ ވާހަކަފުޅުތައް ދައްކަވާ ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.  މަގާމާއި ދުސްތޫރީ ޒިންމާއަށް ބެލުމެއް ނެތި މާލެއިން ޔާމީނު ތަންތަން ބައްލަވައި ގަންނަމުން ދިޔަ ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.

ޖަމީލު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޔާމީނަކީ ދައުލަތް ހަނާކޮށްލުމަށް ފޫގަޅައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް މަކަރުވެރިއެއްގެ ގޮތުގައި ޑރ. ޖަމީލް ވަނީ ރައީސް ޔާމީން ސިފަ ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީނުގެ އަނބިކަނބަލުން ސަރުކާރުގެ ވުޒާރާ ތަކާއި، ސަރުކާރުގެ ކުންފުނި ތަކާއި، ސަރުކާރުގެ ވިޔަފާރި ތަކަށް އަތް ބާނުއްވައި، މުޅި ނިޒާމު ތަގައްޔަރު ކުރެއްވި ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.

ކުރީގެ ރައީސް ޔާމީނަކީ ފިނޑި ބޭފުޅެއް ގޮތުގައި ސިފަ ކުރައްވަމުން ޖަމީލު ވިދާޅުވެފައި ވަނީ ޔާމީނަކީ ފެން ނެތް ބޮޑެތި ކާށި ބިންނަ ބޭފުޅެއް ކަމަށެވެ. އެންމެ ފަހުން ރައީސް ޔާމީނަކީ ވަލު ދޮރާށިން ވަދެވަޑައިގެން، ވަގު ބުޅާ މަސްގަނޑު ޖަހައިގަންނަ އުސޫލުން ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށް ޖަމީލު އޮތީ ވިދާޅުވެފައެވެ.

ޔާމީނަކީ އަޑުގަދަ މީހާގެ ރުށް ގިނަވާނެ އޭ ބުނާ ބަހަށް އަމަލު ކުރައްވާ އަންޒަމާނު ކަރައިގެ ބޭފުޅެއް ކަމަށާއި "އަންދާ ގާނޫނު" ގައިވާ ގޮތް ނޫން ގޮތަކަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވީ ވެސް ޑރ. ޖަމީލެވެ.

ޑރ. ޖަމީލު ކަހަލަ ފާސިގު ވަކީލުން ދިފާއީ ވަކީލުން ގޮތުގައި ލައިގެން ދިފާއު ވާން އުޅޭ މީހަކީ ވެސް މޮޔައެކެވެ. ވަކީލުންގެ ކަރާމަތާއި އިތުބާރު މީހުންގެ ކުރިމަތީގައި ގެއްލި ވަކީލުންނަކީ މުޖުރިމުންގެ ގޮތުގައި ސިފަ ވަނީ ޖަމީލުމެން ކަހަލަ މުނާފިގުންގެ ސަބަބުންނެވެ. ދެން އެންމެ ރަނގަޅެވެ. ޖަމީލު ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރާ " ޔާމީނުގެ ވަގުބުޅާ ސީރީސް - ވޮޑުމުލާ އެޕިސޯޑް" ނިމުނީ ބަތް ޕާރުސަލުންނެވެ. "ޔާމީނުގެ ވަގުބުޅާ ސީރީސް - އާރަށް އެޕިސޯޑް" ނިމޭ ގޮތް ބަލަން ތިބެމާ ހިނގާށެވެ