ރައީސް ސޯލިހު ވެރިކަމުގައި ސްޕްރީމްކޯޓްގެ ފަނޑިޔާރުން ބަދަލުވީކީއްވެ!

ދައުލަތުގެ ވެރިން ގާނޫނުގެ ވެރިކަމަށް ރުޖޫއަވޭ: ރައީސް ސޯލިހު

ރައީސް ސޯލިހު ވެރިކަމުގައި ސްޕްރީމްކޯޓްގެ ފަނޑިޔާރުން ބަދަލުވީކީއްވެ!

ސްޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ސިޔާސީ ނުފޫޒު ފޯރުވުމާއި ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލުމާއި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު ހުތުރު ޢަމަލުތައް ހުއްޓާލައި, ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ދައުލަތުގެ ވެރިންނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހު އެވިދާޅުވީ ހައްގު ތެދެވެ. މިއަދު ފެނިގެން މި ދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ފޯރުވާތަނެވެ. ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލާ ތަނެވެ. ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު ހުތުރު ޢަމަލުތަކެވެ. 

ރައީސް ސޯލިހު ވިދާޅުވަނީ " ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް" ކަމަށެވެ. " އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ޙައްޤުތަކާއި, ތިން ބާރު ވަކިވެފައިވާ ނިޒާމު ޚަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން. އެކަމުގެ ހިތި ނަތީޖާ ތަޙައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން"ނަށް ކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. 

ސްޕްރީމްކޯޓް ފަނޑިޔާރުން ބަދަލުވުން

ރައީސް މުއިއްޒު ބޭނުންފުޅުވެގެން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ތިރިކުރައްވަން ގާނޫނަށް ގެނައި ބަދަލު ދިފާއުކޮށް ވާހަކަ ދައްކާ ބައެއް ފަރާތްތަކުން ރައީސް ސޯލިހު ވެރިކަމުގައިވެސް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރި ކުރުން ހުއްޖަތަކަށް ދައްކައެވެ. ރައީސް ސޯލިހު ވެރިކަމުގައި ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން ޖެހުނު ހަގީގަތް އޮޅުވައެއް ނުލެވޭނެއެވެ.  

ރައީސް ޔާމީނު ވެރިކަމުގައި ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިންތިފާގުން ފުލުހުންގެ މައްޗަށް ތަންފީޒީ އަމުރެއް ނެރުނެވެ. ފުލުހުންގެ މައްޗަށް ސްޕްރީމް ކޯޓުން ކުރިއަމުރަކީ ސިޔާސީ ބޭނުމުގައި އިންސާފުން ބޭރުން ޖަލުހުކުމުގައި ތިބި ސިޔާސީ ޅީޑަރުންތަކެއް ދޫކޮށްލާ އަލުން ތަހުގީގުކޮށް ޝަރީއަތް ކރުމުގެ އަމުރެވެ. ރައީސް ޔާމީނަށް އެކަން ހަޖަމް ނުކުރެއްވިގެން ސްޕްރީމް ކޯޓަށް ސިފައިން ވައްދާ އޭރުގެ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ޖަލުގައި ބަންދުކުރިއެވެ. 

ނަތީޖައަކަށްވީ ހައްޔަރުނުވެ ބާކީތިބި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ރައީސް ޔާމީނުގެ އަމުރަށް އެކޯޓުން ފުލުހުންނަށް ނެރުނު އަމުރު ބަދަލުކޮށް އެ ފަނޑިޔާރުން ހައްޔަރުނުވެ ސަލާމަތްވީއެވެ. އެއްކަމެއްގައި އެއްބަޔަކު އަމިއްލަ އިހުތިޔާރުގައި ނެރުނު އަމުރެއް ހަމަ އެމީހުން އަމިއްލައަށް ބަދަލުކޮށް ސްޕްރީމް ކޯޓުގެ އެންމެ ފަހުބަސް ބުނުމުގައި އިންސާފެއް ނެތްކަމަށް ކަނޑައަޅާ ސްޕްރީމް ކޯޓުގެ ހުރުމަށް އެ ފަނޑިޔާރުން އަމިއްލައަށް ކަޑާލީއެވެ. އަމިއްލަ ނަޒާހަތްތެރިކަމާމެދު އަމިއްލައަށް ސުވާލު އުފެއްދީއެވެ. އެ ފަނޑިޔާރުން ތިބެގެން ސްޕްރީމް ކޯޓުން ނިންމާ އެއްވެސް ނިންމުމަކީ ނިހާއީ ހުކުމަކަށް ވާނެކަމަށް ރައްޔިތުންނަށް ގަބޫލު ނުކުރެވޭ ވަރަށް އެ ފަނޑިޔާރުން އަމިއްލައަށް ގޯސްހެދީއެވެ.

ސްޕްރީމް ކޯޓުގެ ހުރުމަތްކަނޑާލާ އަމިއްލަ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފައްދަން ޖާގަދީ ސްޕްރީމް ކޯޓުގެ ނިހާއީ ހުކުމް ތަކާމެދު ޝައްކު އުފެދޭ ފެންވަރަށް އަމިއްލައަށް ފަލީހަތްވެފައިވާ ފަނޑިޔާރުން ތަކެއް ބަދަލު ކުރުންނޫން އެހެން ގޮތެއް އޮންނާނެކަމަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. އެމްޑީޕީން އޭރު ބޭނުންވި ނަމަ މިހާރު ޕީއެންސީ ހަވާ ހަޑިއަށް ވުރެ މާ ސްމާޓްކޮށް އެކަން ކޮށްލީހެވެ. އެކަމަކު އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި ބެސްޓް ޕްރެކްޓިސް އަށް ފަރިތަ ހަމަޔާއި އިންސާފް ނޫން ކަމެއް ބޭނުންވެގެންއުޅޭ ޕާޓީއެއް ނޫނެވެ.