ރެފްރީންނަކީ ވަކި ބަޔަކަށް ކާމިޔާބު ހޯދައިދޭން އުޅޭބައެއް ނޫން: ކޭން

އެންމެ ސިކުންތެއްގެ ތެރޭގައި ބޮޑު ނިންމުމެއް ނިންމަންޖެހޭ ވަޒީފާއެއް

ރެފްރީންނަކީ ވަކި ބަޔަކަށް ކާމިޔާބު ހޯދައިދޭން އުޅޭބައެއް ނޫން: ކޭން

ބަޔަކަށް ކާމިޔާބު ހޯދައިދޭން އުޅޭކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ވޯލްޑް ކަޕްގެ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އުމުރުން 57 އަހަރުގެ ޑޭރެން ކޭން ވާހަކަ ދައްކަވައިފިއެވެ.  

މިހާރު ނިމެމުންދާ 2026ގެ ވޯލްޑްކަޕާއި ގުޅުވައިގެންވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި، ސޯޝަލް މީޑިއާގެ މަންސަތަކުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ފީފާއިން ބޭނުންވަނީ އާޖެންޓީނާ އާއި ލިއޮނަލް މެސީ ވޯލްޑް ކަޕް ކާމިޔާބު ކުރާށެވެ. އަދި ރެފްރީންނާއި އޮފިޝަލުން ތިބީ މިކަމަށް އެއްބަސްވެގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެހެން ނަމަވެސް ތަޖުރިބާކާރު ރެފްރީ ޑޭރެން އެތުހުމަތުތައް ދޮގުވުރައްވައެވެ. އޭނާ ވިދާޅުވީ "އަޅުގަނޑުމެން ރެފްރީންނަށް އަބަދުވެސް ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮންމެވެސް ރޭވުމެއްގެ ދަށުން ވަކި ބަޔަކަށް ކާމިޔާބު ހޯދައިދޭން އުޅޭކަމަށް ކުރެވޭ ތުހުމަތުތަކެވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫނެވެ. މިކަން އަޅުގަނޑު ވަރަށް ސާފުކޮށް ބަޔާންކޮށްދޭން ބޭނުމެވެ.

އަޅުގަނޑަކީ 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު މީހެކެވެ. އެ ފަހަރު އަޅުގަނޑު ހިމެނުނީ މަޝްހޫރު ރެފްރީ ހަވަރޑް ވެބް އަދި މައިކަލް މުލާކީއާ އެކު އެއް ޓީމެއްގައެވެ.

އަޅުގަނޑުމެންނަކީ މިނިވަންކަމާއެކު އަމިއްލަ ނިންމުންތައް ނިންމި ބައެކެވެ. އަދި މިއަދުވެސް އެކަން އޮތީ ހަމަ އެގޮތަށްކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަމެވެ.

ވޯލްޑް ކަޕްގެ ރެފްރީންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ކޮންފެޑަރޭޝަންތަކުން ހޮވާލެވޭ ބައެކެވެ. ފީފާއިން އެމީހުންގެ ހިދުމަތް ހޯދަނީ ހަމައެކަނި މުބާރާތުގެ ހަ ހަފުތާއަށެވެ. އެމީހުން ތިބެނީ ފީފާގެ އޮފިޝަލުންނާ ވަކިން، ހާއްސަ ތަމްރީނު ކޭމްޕެއްގައެވެ.

ކޮންސްޕިރަސީ ތިއަރީތަކަށް ގަބޫލުކުރާ މީހުން މާޔޫސްކޮށްލަން ޖެހުނަސް ބުނަންޖެހެނީ، ފީފާގެ އެގްޒެކެޓިވް ކޮމިޓީއާއި ރެފްރީންނާ ދެމެދު ސިއްރު ބައްދަލުވުންތަކެއް ނުބާއްވާ ކަމަށެވެ. އަޅުގަނޑުމެންނަށް އެފަދަ އެއްވެސް އޮފިޝަލަކާ ބައްދަލެއް ނުވެއެވެ.

އަޅުގަނޑުމެންގެ ދުވަސްތައް ހޭދަވަނީ ވަރަށް ބުރަކޮށެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރުމާއި، މެޗުތަކުގެ ވީޑިއޯ ކްލިޕްތައް ބަލައި ދިރާސާކުރުމާއި، ކުރީ ދުވަހުގެ މެޗުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގައެވެ. ހުސްވަގުތެއް ނޯވެއެވެ. އެއް މެޗު ނިމުމާއެކު ދެން އޮންނަ މެޗަކަށް ތައްޔާރުވާން ޖެހެއެވެ.

މެސީ ފައިނަލަށް ގެންދިއުމަށް ރެފްރީން ރޭވުމެއްގެ ދަށުން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ. އާޖެންޓީނާ އާއި ސްޕެއިން ފައިނަލަށް ގެންދަން ފީފާއިން ބޭނުންވާ ކަމަށްވެސް އަޑުތައް ފެތުރުނެވެ.

ހަގީގަތަކީ ލަމީން ޔަމާލް ތުއްތުއިރު މެސީއާއެކު ނަގާފައިވާ ފޮޓޯއެއް އޮތްކަންވެސް އަޅުގަނޑަށް އެނގުނީ މާ ފަހުންނެވެ. އަދި މި މުބާރާތުގައި ތިބި ގިނަ ރެފްރީންނަށްވެސް އެކަން އެނގޭނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

އެއްބަހެވެ. ރެފްރީންނަށް ކުށް ކުރެވިދާނެއެވެ. އެއީ އިންސާނީ ތަބީއަތެވެ. ބައެއް ފަހަރު ނިންމުންތައް ތިމާގެ ގައުމާ ނުވަތަ ކްލަބާ ދެކޮޅަށް ދާހެން ހީވެދާނެއެވެ. ނަމަވެސް އެއީ ވަރަށް ހަލުވިކަމާއެކު ކުޅެވޭ ކުޅިވަރެއްގައި، އިންސާނުން ނިންމާ ނިންމުންތަކެއްގެ ނަތީޖާއެވެ. ކުރިން ރޭވިފައިވާ ވަކި ނަތީޖާއެއް ނެރުމަށް އެއްވެސް ފަރާތަކުން އިރުޝާދެއް ނުދެއެވެ. އަދި އަޅުގަނޑުމެން ރެފްރީކަން ކުރަނީ ކުޅުންތެރިޔާގެ ޖާޒީގައި އޮންނަ ނަމަކަށް ބަލައިގެނެއް ނޫނެވެ.

ކުރީ އަހަރެއްގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗެއްގައި މެސީ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓުމުންވެސް އަޅުގަނޑުމެން ޕެނަލްޓީއެއް ނުދެމެވެ. ޖެހިގެން އައި ދުވަހު މެޗުގެ ވީޑިއޯ ބެލިއިރު، އެއީ ޕެނަލްޓީއެއްކަން އެނގުނެވެ. އަޅުގަނޑުމެންނަށް އެ ފަހަރު ކުށެއް ކުރެވުނު ނަމަވެސް، އެ ނިންމުން ނިންމީ އިހުލާސްތެރިކަމާއެކުގައެވެ.

ދަނޑުމަތީގައި ނިންމުންތައް ނިންމާއިރު، އެއީ ކޮން ޓީމެއް ނުވަތަ ކޮން ކުޅުންތެރިއެއްތޯ ބަލާކަށް ވަގުތެއް ނުލިބެއެވެ. ފެންނަނީ ހަމައެކަނި ދެ ކުލައެއްގެ ޖާޒީ ލައިގެން ތިބޭ ކުޅުންތެރިންތަކެކެވެ.

މިފަދަ ދޮގު ތުހުމަތުތަކުގެ ސަބަބުން ރެފްރީންނަށް ބޮޑެތި ގެއްލުންތަކާއި ފުރައްސާރައާ ކުރިމަތިލާންޖެހެއެވެ. ފީފާގެ ރެފްރީންގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާއަށް ވެސް ވަނީ މިކަމާ ގުޅިގެން ރެފްރީންގެ ދިފާއުގައި ވާހަކަ ދައްކަވަން ޖެހިވަޑައިގެންފައެވެ. ވަކިން ހާއްސަކޮށް މިސްރުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ރެފްރީންގެ އާއިލާތަކަށް ބިރުދެއްކުމުގެ ހާދިސާތައް ހިނގައެވެ. މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އަޅުގަނޑަކީ އިނގިރޭސިވިލާތަށް ތާއީދުކުރާ މީހަކަށް ވެފައި، އާޖެންޓީނާ އަތުން އިނގިރޭސިން ބަލިވުމުން ދެރަވިއެވެ. ނަމަވެސް، އިނގިރޭސިވިލާތް ކެޓީ ރެފްރީގެ ސަބަބުން ކަމަށް ބުނުމަކީ ހަގީގަތެއް ނޫނެވެ.

ދުނިޔޭގެ އެހެން އެއްވެސް ވަޒީފާއެއްގައި، އެންމެ ސިކުންތެއްގެ ތެރޭގައި އެހާ ބޮޑު ނިންމުމެއް ނިންމަންޖެހޭ އަދި އެހާ ބޮޑު ފިއްތުންތަކެއް ކުރިމަތިވާ މީހަކު ހުންނާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ދަނޑުމަތީގައި ކުށްތަކެއް ކުރެވިފައި ހުރެދާނެއެވެ. ނަމަވެސް އެއީ ރޭވުމެއްގެ ދަށުން ކުރާ ކަންކަމެއް ނޫނެވެ.

ފައިނަލް މެޗުގެ ރެފްރީކަން ކުރާނީ ސްލޮވީނިއާގެ ރެފްރީ އެވެ. އެއީ އޭނާގެ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ޝަރަފެވެ. އޭނާ ބޭނުންވާނީ ހަމައެކަނި ރަނގަޅު ނިންމުންތަކެއް ނިންމައި، މެޗުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ކުށެއް ނުލައި މެޗު ނިންމާލުމަށެވެ. މޮޅުވަނީ ކޮން ޓީމެއްތޯ ބެލުމަކީ އޭނާގެ މަގްސަދެއް ނޫނެވެ.

ކޮންސްޕިރަސީ ތިއަރީތަކަކީ އެއްވެސް އަސާސެއް ނެތް ފުލޯކު ވާހަކަތަކެކެވެ. ރެފްރީންގެ ހިތުގައި އޮންނާނެ ހަމައެކަނި ކަމަކީ އިންސާފުވެރިކަމާއެކު ރަނގަޅު ނިންމުންތައް ނިންމުމެވެ.