ފްރާންސް ކެޕްޓަން ލޮރިސް ކުޅުން ހުއްޓާލުން

ފްރާންސް ކެޕްޓަން ލޮރިސް ކުޅުން ހުއްޓާލުން

ފަރަންސޭސިވިލާތުގެ ގައުމީ ޓީމަށް 121 މެޗްގައި ކެޕްޓަންކަން ކުރުމުގެ ރެކޯޑާއެކު ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.  އޭނާ ވަނީ 145 މެޗް ގައުމީ ޓީމަށް ކުޅެދީފައެވެ.

އެކަކު އެންމެ ގިނަ މެޗް ފްރާންސްގެ ގައުމީޓީމަށް ކުޅުމުގެ ރެކޯޑް ގާއިމުކޮށްފައި ވަނީވެސް ހޫގޯ ލޮރިސްއެވެ. 2018 ވަނަ އަހަރު ވާރލްޑް ކަޕްގެ ތަށި ދެވަނަ ފަހަރަށް ފަރަންސޭސީން އުފުލާލީވެސް ލޮރިސްގެ ކެޕްޓަންކަމުގައެވެ.

ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭނާއަށް ކޮންދެވޭނެ ހުރިހާ ކަމެއް ގައުމީ ޓީމަށް ކޮށްދެވިފާ ވާކަމަށް ގަބޫލް ކުރެވުމުންނެވެ. ވާރލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ފަރަންސޭސީން ބަލިވި މި ވަގުތަކީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރ ނިމުމަކަށް ގެންނަން ޖެހޭ ވަގުތުކަމަށް އޭނާ ގަބޫލުކުރެއެވެ.

ޔޫރޯއަށް ޓީމް ތައްޔާރުވާން ފެށުމުގެ ކުރިން އެކަން ކުރުމުން ކޯޗަށް ވެސް ޓީމް އެކުލަވާލުމުގައި ފަސޭހަ ވެގެންދާނެކަމަށް ލޮރިސް ދެކެއެވެ. ގިނަ ވަގުތު އާއިލާއަށް ދޭން ބޭނުންވާ ލޮރިސް ބުނާ ގޮތުގައި އޭސީ މިލާންގެ މައިކް މައިގްނާންއަކީ އޭނާ ނެތްތަން ފުރޭ ފެންވަރުގެ މޮޅު ކުޅުން ތެރިއެކެވެ.