ޖަލު ފަޅާލައިގެން ޔާމީނު ޖަލުން ނިކުންނަނީ

ޝަރުއީ ހުކުމް ހަރާންކޮށް ޖަލުފަޅާލަން އުޅުމަކީ އަސާސީ ހައްގެއް ނޫން

ޖަލު ފަޅާލައިގެން ޔާމީނު ޖަލުން ނިކުންނަނީ

ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށްލާފައި ހުރި ހ. ދޫވެހި އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމު ޖަލުގެ ތޭރިތައް ފަޅާލާފައި ނިކުތުމަށް މަސައްކަތް އެބަކުރެއެވެ. ޔާމީނު ޖަލުފަޅާލާފައި ނިކުންނާނެކަން ޕީއެންސީގެ ނައިބު ރައީސް އިބުރާހީމް ޝުޖާއު ނޫސްވެރިންނަށް ކަށަވަރުކޮށް ދީފިއެވެ.

ޝަރުއީ ކޯޓަކުން އިއްވާ ހުކުމަކީ އޭގެ ހަލާލު ހަރާން ކަނޑައަޅަން ބަޔަކަށް ޖެހޭ އެއްޗެއް ނޫނެވެ. ދަށު ކޯޓުން އިއްވާ ހުކުމަކާއި މެދު ހިތްހަމަ ނުޖެހޭ ހަސްމުން ދާން އޮތް ތަނަކީ ހައިކޯޓެވެ. ހައިކޯޓުގެ ހުކުމާއި ނުރުހޭނަމަ ދާން ޖެހެނީ ސްޕްރީމް ކޯޓަށެވެ. މަގުމައްޗަކަށް ނޫނެވެ. ކިތަންމެ ގިނަ ބަޔަކު ތާއީދު ކުރިޔަސް ވަގަކު ވާނީ ވަގަށެވެ. ކުށް ސާބިތުކޮށް ނިޔާ ކަނޑައަޅަނީ މެޖޯރިޓީގެ ތާއީދު އޮތްގޮތް ބަލައިގެނެއް ނޫނެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުން ކުރީއްސުރެ ޔާމީނަށް ކުރި ހުކުމް ހަރާންވެގެން ބަޔަކު މީހުން ގައިވީދާތީ އެބަފެނެއެވެ. އިހުތިޖާޖު ކުރުމުގެ ހައްގާއި އެއްވެއުޅުމުގެ ހައްގު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މުޖުތަމައުގެ ހަމަޖެހުން ނަގާލަން އެވެރިން އެ އުޅޭ އުޅުން ސާފުވަމުން އެހުރެ އަންނަނީއެވެ.

ޖަލު ފަޅާލައިގެން ޔާމީނު ޖަލުން ނެރެން ބަޔަކު ކަމަރު އެބަ ބަނދެއެވެ. ރާއްޖޭގެ ކަންކޮޅުތަކުން މީހުން ގެނެސްގެން މި މަހުގެ 19 އަދި 20 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ހުރިހާ ސަފުތައް ރުކުރުވާލުން  އޮންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް ބުނި ބުނުމަކީ ސަމާސާ ވާހަކައެއް ނޫނެވެ. ނިޔަތާއި މަގުސަދު ސާފުކޮށް ބުނަމުން ސަފުތައް ރުކުރުވާލާ ވާހަކަ ދެއްކީމާ ވާން މި އުޅެނީ ކީއްކަން ވަރަށް ސާފެވެ.

ކޮންފަރެންސެއްގެ ނަމުގައި އާޓިފިޝަލް ބީޗަށް ދެދުވަސް ވަން ދެން މީހުން އެއްކޮށްގެން އެ މީހުންގެ ލޭ ކައްކުވާ ޖަލު ފަޅާލަން ތައްޔާރުވާ ކަމަށް ބަޔަކު ގަބޫލު ނުކޮށްފާނެއެވެ. ޕީޕީއެމާއި ޕީއެންސީން ޝަރީއަތުން ކުރާ ހުކުމާއި ދެކޮޅަށް ކޯޓުތަކުގެ ހުރުމަތް ކަނޑައިފިއެވެ. އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުކަނޑުވާލަން މަސައްކަތް އެބަކުރެއެވެ. ކޯޓުތަކާއި ފަނޑިޔާރުންނަށް ބިރު އެބަ ދައްކައެވެ. ގާނޫނު އަސާސީ މަނާކުރާ ބޮޑެތި ޖަރީމާތަކެއް މީހުން އެއްކޮށްގެން އެބަ ހިންގައެވެ.

އަޑު ގަދަމިހާ ރުއް ގިނަ ވާނީ ޖަންގަލީގެ އުސޫލުގައެވެ. ތިމާމެން ގަބޫލުކުރާހާ ގޮތަކީ އިންސާފު ކަމަށް ދެކި ގާނޫނު އަސާސީއާއި ހިލާފަށް ހަޅުތާލު ކުރުމާއި އެއްވުމާއި އަޑު އުފުލުމަކީ ހައްގެއް ނޫނެވެ. އެއްވެ ހަޅުތާލުކޮށް އަޑު އުފުލޭނީ ހުއްދަ ކަންކަމުގައެވެ. ޝަރުއީ ހުކުމް ހަރާންކޮށް ޖަލުފަޅާލަން އުޅުމަކީ އަސާސީ ހައްގެއް ނޫނެވެ.