ރިސޯޓްވެރިންނާ ދިމާކޮށްގެން ވާނެ އެއްވެސް މޮޅެއްނެތް!
ރިސޯޓް އޯނަރުން ފައިބުޑުގައި ސަރުކާރު ޖެހޭނީ ކުޑަކަކޫ ޖަހަން
މުއިއްޒު ހުރީ ރައްޔިތުންގެ ފަޅީގައޭ ބުނެ ކުރާހާކަމަކަށް އަތްޖަހަން ތިބޭށެވެ. ރައްޔިތުންގެ ފަޅީގައި ހުރި މީހަކު ރައްޔިތުންނަށް ބަލާ މުސީބާތެއް ނުޖައްސާނެއެވެ. ބަޔަކު ނުބައިމީސްކުރަމުން ރައްޔިތުންނަށް ހިތިބޭހެއް ބޯކަށް ނުދޭނެއެވެ.
ޑޮލަރު މާރުކުރަން ރިސޯޓްތަކަށް މަޖުބޫރު ކުރާކުރުމަށް ރިސޯޓް އިންޑަސްޓްރީން ދެކޮޅު ހެދުމުން އާއްމު ރައްޔިތުންގެ ތެރޭގާ މުއްސަދީންނާ ދެކޮޅަށް ނަފްރަތު އުފައްދައިގެން މުޅި ރާއްޖެ ނުރައްކަލަށް ވައްޓާނުލާށެވެ. ރާއްޖޭގެ ސަރުކާރަށް ލިބޭ ޑޮލަރެއް މިހާރުވެސް ލިބެނީ ޓޫރިޒަމުންނެވެ. ބިމުކުއްޔާއި އެކިނަންނަމުގައި ނަގާފީތަކާއި ޓެކްހުންނެވެ. ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ކުރަމުންދަނީ ސަރުކާރުން ކީއަގެއް ދައްކައިގެން އެއްބަސް ވުމެއްގެ ދަށުން ބިން ކުއްޔަށް ހިފައިގެންނެވެ. ހަމައެހެންމެ ޕްރޮފިޓް ޓެކްސްއާއި ޖީއެސްޓީއާއި ގްރީންޓެކްސްވެސް ދައްކައިގެންނެވެ. އެހެންކަމުން ރިސޯޓްތަކުގެ އާމްދަނީގެ %30 އަށްވުރެ ބޮޑު އެއްޗެއް ރިސޯޓްތަކުން ސަރުކާރަށް ދައްކައެވެ. އެހެނެކޭ ކިޔާ ސަރުކާރުން ރިސޯޓްތަކަށް ކޮށްދޭ އެއްވެސް ކަމެއްނެތެވެ.
ރާއްޖޭގައި ރިސޯޓް ހިންގަނީ އަށެއްކަ ދިވެހި މަހުޖަނުން އެކަންޏެއްނޫނެވެ. ދުނިޔޭގެ އެތައް ހޮޓެލް ޗޭނެއް ރާއްޖޭގައި އެބައޮތެވެ. ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ނެތިއްޔާ ބޮޑެތި އިންވެސްޓްކޮށްގެން ނަކަސްތަޅާކަށް އެމީހުނެއް ރާއްޖެއަކު ނުތިބޭނެއެވެ. އެއްވެސް ވިސްނުމެއް ހިޔާލެއްނެތި ކަންކަން މަޖުބޫރު ކުރާއިރު ހީވަނީ ސަރުކާރަކީ މޮޔަ ކުޑަކުއްޖެއްހެންނެވެ.
ރިސޯޓް އޯނަރުން އެއްބައިވެގެން ވަކި ގޮތަކަށް ކަމެއްކުރަން ދިމާކޮށްފިނަމަ ސަރުކާރު ޖެހޭނީ ކުޑަކަކޫ ޖަހާށެވެ. ރިސޯޓުތަކުން ފިއްތާލައިފިނަމަ ދުނިޔެތެރޭގައި އުދުހެން މުއިއްޒަށް ޑޮލަރު ލިބޭނެހެއްޔެވެ. ފާސްކުރި 56 ބިލިޔަނުގެ ބަޖެޓުން ހޭދަކުރަން ޑޮލަރު ލިބޭނެ ހެއްޔެވެ. ރާއްޖޭގެ މަސްވެރިން މަހަށް ފުރަން ބޭނުންވާ ތެޔޮ އެތެރެ ކުރަން ޑޮލަރު ލިބޭނެ ހެއްޔެވެ. ކާޑާއި މުދާ ބޭރުން ގެންނަން ޑޮލަރު ހުންނާނެ ހެއްޔެވެ. ރާއްޖޭން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ފޮނުވަން ޑޮލަރު ހުންނާނެހެއްޔެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި އެއަރޕޯޓް އަޅައިގެން ޓޫރިޒަމް ފުލާކުރަން އައު އިންވެސްޓަރުން ރާއްޖެއަށް އިތުބާރުކޮށްގެން ރާއްޖޭގައި އިންވެސްޓެއް ކުރާނެހެއްޔެވެ.
ރިސޯޓުތަކުން ފިއްތާލައިފިނަމަ ރާއްޖެއަށް ތެޔޮ އެތެރެ ނުކުރެވިގެން ތިބެންޖެހޭނީ ކަނު އަނދިރީގައެވެ. އޮޑިދޯނިފަހަރު އޮންނާނީ ދަތުރު ނުކޮށެވެ. އަގުބޮޑު ކާރުތަކާއި ސައިކަލްތަކާ ހުންނާނީ ތެޔޮ ނެތިގެން ޕާކްކޮށްފައެވެ. ހެވީ ވެހިކަލްތަކަށް އަޅާނެ ތެޔޮ ނުލިބިގެން އިމާރާތްކުރުމާއި ފަޅުކޮނުމާއި މަގާއި ބަނދަރު ހެދުން އޮންނާނީ ހުއްޓިފައެވެ.
ރިސޯޓްތަކުން ފިއްތާލާއިފިނަމަ ކާޑާއި ދުވަހީ ޒަރޫރީ މުދާ އެތެރެ ނުކުރެވިގެން މުދާނުލިބި ކާބޯތަކެއްޗަށް ޖެހޭނެއެވެ. ގެސްޓް ހައުސްތައް ހުއްޓި ބޮޑެތި ލޯނު ނަގައިގެން އިމާރާތްކޮށް ކުއްޔަށްދީފައިވާ އިމާރާތްތައް ހުސްވެ މުޅި ގައުމު ނުރައްކަލަށް ވެއްޓޭނެއެވެ.
މޫނެއް ކަނދުރާއަކަށް ނުބަލާ ރިސޯޓްތަކުގެ ވެރިންނާ ދިމާކޮށް ކަނޑިކަންފަތް މައްޗަށް ދަމައިގެން އެކަކަށް ވާނެ އެއްމޮޅެއްވެސް ނުއޮންނާނެއެވެ. ރިސޯޓުވެރިންނަށް ދެރަކުރަން ފުލުހުންނާ ސިފައިން ފޮނުވައިގެން ތިޖޫރި ނަގައިގެން މުއިއްޒު އަޔަސް ގެއްލުންވާނީ މުޅި ރާއްޖެއަށެވެ. ނުނިޔަތުގައި ރިސޯޓަކަށް ކުޑަވެސް ނުކަސިޔާރު ކަމެއް ކުރިޔަސް މުޅި ރާއްޖެ 62 ވަނަ އަހަރުގެ ތެރެއަށް ގޮސް ޖެހޭނީ ބަނޑަށެވެ.