އެމްޑީޕީ ނޭވާ ހޮޅިއަށް އެޅެނީތަ!
ކުރިންހުރި ވެއްޓުނީމާ ތެދުވެ ހިންދަމާލުމުގެ ހަކަތަ މިހާރު ކޮބާ!
އޭ މިއޮތް އެމްޑީޕީއާއެވެ. ތިބާ ތިޔަ އޮތީ ކިހިނެތްވެފައި ހެއްޔެވެ. ތިބާއަށް އިތުބާރުކޮށްގެން ތިބިހާ ބަޔަކަށް ތިބާގެ ފުށުން ފެންނަނީ މާޔޫސް ކަމެވެ. ހާސްކަމެވެ. ނުތަނަވަސް ކަމެވެ. ނާއުންމީދެވެ.
ތިބާގެ ކިބައިގައި ހުރި ވެއްޓުނީމާ ތެދުވެ ހިންދަމާލުމުގެ ހަކަތަ މިހާރު ކޮބާހެއްޔެވެ. ޒިންމާދާރު ވާދަވެރި ހަކަތަ ނެތުނީ ހެއްޔެވެ. އާރެއް ބާރެއްނެތް ކޮންމަސްބުރި އަކަށް ބަދަލުވީ ހެއްޔެވެ. ޑީއާރުޕީ ދިޔަމަގުން ދާން ދޫކޮށްލީ ހެއްޔެވެ. ނޫނީ އެމްޑީޕީ ނޭވާ ހޮޅިއަށް އެޅެނީ ހެއްޔެވެ.
ވެރިކަމުގައި އޮތުމާއި ނެތުމަކީ ކުރިއަކުން އެމްޑީޕީއަކަށް މުހިންމު ކަމެއް ނޫނެވެ. ރައްޔިތުންގެ ހައްގުތައް ހޯދާކަށަވަރުކޮށް ދިނުމަށް އެމްޑީޕީން ކުރިކަމެއްކުރީ ވެރިކަމުގައި އޮވެގެނެއް އެކަންޏެއް ނޫނެވެ. 18 އަހަރަށް ވޯޓުލުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގު ހޯދީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. ޕާޓީ ނިޒާމަށް ރާއްޖޭގެ ވެރިކަން ފުރޮޅާލީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. ފޮތް ލިސްޓާއި ޖިސީއީ ފައިސާއަށް ސަލާން ޖެހުން ހުއްޓުވީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. ޕާޓީގެ މެންބަރޝިޕް ބޮޑުވެގެން ގޮސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. އެ ހަކަތަ މިއަދު ކޮބައި ހެއްޔެވެ.
ބައިބަޔަށް ކޯނި ކޯންޏަށް ޕާޓީން މެންބަރުން ކެނޑެމުން އެބަދެއެވެ. މަޖިލީހުގައި ލިބި އޮތް ސްޕަރ މެޖޯރިޓީ ތޭރައިން ތޭރައިން ކެނޑި މެޖޯރިޓީ އޮތީ ކިރިޔަ ކިރިޔާއެވެ. ތިޔަ ބަލަނީ އެއީވެސް ކާމިޔާބެއް ކަމަށް ހެއްޔެވެ. އިއްޔެއާއި ޖެހެންދެން ކިރިޔަކިރިޔާ ތިންހާސް ހަމަވާ ނުވާގައި އޮތް ޕާޓީއެއްގެ މެންބަރުޝިޕް އެމްޑީޕީއާއި އަރާ ހަމަކުރަނީއެވެ. އަދިވެސް ތިޔަ އޮތީ ހަނެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެންބަރުން މީގެ ކުރިން ޕާޓީ ބަދަލުނުކޮށް ތިބެނީކީ ޕާޓީ ބަދަލު ކުރުން މަނާ ކުރާ ގާނޫނެއް އޮވެގެނެއް ނޫނެވެ. ޕާޓީގެ ޓިކެޓްގައި ހޮވޭ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އެމްޑީޕީން އެ މެންބަރަކު ސައިޒް ކޮށްލާތީއެވެ. އަޑުއުފުލާ މުޒާހަރަކޮށް އެ މީހަކަށް މީހުންގެ ތެރޭގައި އިސްއުފުލާ ނުލެވޭވަރު ކޮށްލާތީއެވެ. ޕާޓީގެ ހައްގު ކަށަވަރު ކުރަން ޕާޓީން ކެރިގެން ނިކުންނާތީއެވެ.
ދޮގާ ވަގާ މަކަރުން ވެރިކަމަށް އަރާހުރީ ކައިރީގައި މަޖިލިސް މެންބަރަކު ނެތް ސިޔާސީ ގޮތުން ހޮޅި ގިނިކަންޏާ ހުރި މީހެކެވެ. އެމްޑީޕީ ރިޔާސީ އިންތިހާބުގައި ބަލިވިއެއްކަމަކު އެއްލައްކަ ނުވަހާހަށް ވުރެ ގިނަ މީހުން އެމްޑީޕީއަށް އިތުބާރުކޮށް ވޯޓު ދިނެވެ. އަދަދުން ބަލާއިރު އެއީ ކުޑަ އަދަދެއް ނޫނެވެ. ވެރިކަން ހޯދި މީހުން ފިޔަވާ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް އެމްޑީޕީއަށް ލިބުނު ވަރާ ގާތަށްވެސް ވޯޓެއް ނުލިބެއެވެ. އެހެނެއް ކަމަކު ހިތްވަރުގެ ބަހެއްގެ މިންވަރުވެސް އަދިއަދަށް ވެސް އެމްޑީޕީން ބުނެ ނުލެވެއެވެ. ލިބިއޮތް ތާއީދު ހިފެހެއްޓުމަށް ކުރެވުނު ކަމެއްނެތެވެ.
ކިތަންމެ ކުޑަޔަސް އިންތިހާބަކުން ފޭލިވުމަކީ ބޮޑު ބައްޔެކެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ތަކާއި ޑަބްލިޔުޑީސީ ބައިލެކްޝަންތަކުންވެސް އެންމެ ގޮނޑިއެއްވެސް އެމްޑީޕީއަށް ނުހޯދުނެވެ. ދެން ކުރިމަތީގައި އޮތީ ބޮޑު ދެއިންތިހާބެވެ. މާލެ ސިޓީ ބައި އިލެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ.
މާލެސިޓީ މޭޔަރު ކަމަށް އެމްޑީޕީ ނިކުމެ ހުންނެވީ ހަކަތަހުރި ނަތީޖާ ނެރެދީފައިވާ އިތުބާރުހުރި ކެންޑިޑޭޓެކެވެ. އެހެނެކޭ ކިޔާ ފުކެއްވެސް ދޫކޮށް ލެވިއްޖެނަމަ ރައީސް ސޯލިހު ކުރެއްވި ތަޖުރިބާ އެމްޑީޕީ ކުރަންޖެހިދާނެއެވެ. އެމްޑީޕީގެ މުޅި ރީނދޫ ލަޝްކަރު ނިކުމެ އެއްވާނަކަށް މަސައްކަތް ނުކޮށްފިނަމަ ކަންޒު ކަހަނބާ މުސަޅުގެ ރޭހަށް ވެދާނެތީ ބިރު ގަނެއެވެ.