މުއިއްޒު ހިންގާ އިގްތިސޯދީ ޖަރީމާތަކުގެ ޒިންމާ އުފުލަން ޖައްސާނީ ސައީދަށް

އިތުބާރު އޮތްކަމަށް ދައްކައިގެން ޕީއެންސީން ގުރުބާން ކަންބަޅިއަކަށް ހަދާނީ ސައީދު

މުއިއްޒު ހިންގާ އިގްތިސޯދީ ޖަރީމާތަކުގެ ޒިންމާ އުފުލަން ޖައްސާނީ ސައީދަށް

ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހުގެ އިތުބާރު މިނިސްޓަރ ސައީދަށް އޮތުމަކީ ރައްޔިތުންގެ އިތުބާރު ސައީދަށް އޮތުމެއް ނޫނެވެ. ރައްޔިތުންގެ ތެރޭގައި އަނގަފުޅާކޮށް އެކިފަހަރު މަތީން މިނިސްޓަރ ސައީދު ދައްކާފައިވާ ވާހަކަތަކުން އޭނާގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. އެނެން ނޫނަސް އިތުބާރު އޮތްކަމަށް ދައްކައިގެން ޕީއެންސީން ގުރުބާން ކަންބަޅިއަކަށް އާހިރުގައި ހަދާނީ ސައީދެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ދިނުމުން ޑޮލަރުގެ އަގު ތިރިކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. އެކަންކުރަން އެނގޭކަމަށް ވެސް ބުނެ ކެނޑި ބައިސާ ދިޔައީ ތޮޅިއަށް ވެގެނެވެ. އެކަމަކު އެވާހަކައަކީ އޭނާ ދެއްކިވާހަކައެއް ކަމަކަށް ނުވެއެވެ. އޭނާ ދެއްކި ވާހަކައިގެ މާނަ އެހެން މީހުން އޮޅުވާލީކަމަށް ބުނެ ރައްޔިތުންގެ ކުރިމަތީގައި އަމިއްލައަށް ވަނީ އިތުބާރު ނަގާލާފައެވެ. 

އަނެއްކޮޅުން ކުއްލިކުއްލިއަށް ޑޮލަރާއި ގުޅިގެން އެޅިހާ ފިޔަވަޅަކުންވެސް ވާހަކަ ފޫނު ބެއްދި ޑޮލަރު ލިބުންވީ ދައްޗެވެ. ބީއެމްއެލުން ބަގާވާތް ކުރިކަމަށް ހަދައިގެން ޖެހި ސަކަރާތުންވެސް އިގްތިސޯދީ ވަޒީރާއި ސަރުކާރުގެ ގެއްލުނީ އިތުބާރެވެ. ޑޮލަރެއްގެ އަގު -/23 ރުފިޔާއިން މައްޗަށް ގޮސް އަމްދުން ކަޅުބާޒާރުންވެސް ޑޮލަރު ގަންނަން ނުލިބި ސައީދުގެ އިތުބާރު ރައްޔިތުންނަށް ވަނީ ގެއްލިފައެވެ.

ކުރީ ސަރުކާރުގެ ފަހު 3 އަހަރު ދޫކުރި ޑޮލަރަށްވުރެ %80 އިތުރަށް ޑޮލަރ ބޭންކް ރޭޓްގައި ރައްޔިތުންނަށް ދޫކުރިކަމަށް ބުނެވެސް ހެދީ ދޮގެވެ. ތެދެކެވެ. މުއިއްޒު ސަރުކާރުގެ ފުރަތަމަ 3 އަހަރު ތެރޭގައި ކުރީ ސަރުކާރަށްވުރެ ތަންކޮޅެއް ގިނައިން ބޭންކް ރޭޓްގައި އާއްމުންނަށް ޑޮލަރު ލިބުނެވެ. އޮބި އަޅުވައިގެން ސަރުކާރަށް ހޯދި ޑޮލަރު އެތައް ގުނައެއް އިތުރުވިއަސް ރައްޔިތުންގެ ބޭނުންތަކާ ގާތަށްވެސް ބޭންކް ރޭޓްގައި ޑޮލަރެއް ނުލިބެއެވެ. އެކަން އެނގެނީ ކުރީ ސަރުކާރުގެ ދުވަސްވަރު ކަޅު ބާޒާރުގައި 18 ރުފިޔާއަށްވުރެ މައްޗަކަށް ނުދެއެވެ. އެކަމަކު މުއިއްޒު ސަރުކާރަށް ބޯކޮށް ޑޮލަރު ވަންނަ އިރު ޑޮލަރެއްގެ 23 ރުފިޔާއަށްވުރެ އަގުދަށް ނުވާތާ ގަންނަންވެސް ނުލިބެއެވެ. 

އިހަވަންދިއްޕޮޅުގައި ދުނިޔޭގެ ސްކޭމަރުންގެ ބައެއްކަމުގައިވާ ވިޓޯލް ކުންފުނި މެދުވެރިކޮށް ފެށި ބަންކަރިން ހިދުމަތުންވެސް ސައީދުގެ ގޮފަޅުކަމާއި ތަންދޮތު ނޭނގޭވަރާއި އިތުބާރު ގެއްލުނުވަރު ފެންނަން އެބައޮތެވެ. އެސްޓީއޯ ވިޓޯލަށް ދަރަނިވެރި ކޮށްލުވައިގެން ފެށި ބަންކަރިންގ ހިދުމަތުން އަހަރަކު 400 މިލިޔަން ޑޮލަރު ސާފުފައިދާގެ ގޮތުގައި ސަރުކާރަށް ލިބޭނެކަމަށް ބުނެ ކެނޑި ފޮނި ބައިސާ އިންވެސް ގެއްލުނީ ސައީދުގެ އިތުބާރެވެ. 

ރާއްޖޭގެ އިގުތިސޯދަށް ލިބެމުން މިހާރު ދާ ހުރިހާ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ސައީދަށެވެ. ސައީދުގެ ގަބު ގަޅި ގަމާރުކަމުން މަގާމުގައި ބައްދައިގެން ހުންނަ ހުރުމުން އާހިރުގައި އެހުރިހާ ޒިންމާއެއް މުއިއްޒު ކަނޑާލާނީ ސައީދު ބޮލަށެވެ. އެމްއެމްޕީއާއުސީ ހިޔާނާތުގެ ޒިންމާ އަދީބު އުފުލަންޖެހޭހެން މުއިއްޒު އެހިންގާހާ އިގުތިސޯދީ ޖަރީމާއެއްގެ ޒިންމާ އުފުލަންޖެހޭނީ ސައީދަށެވެ. ބާރަށް މަގާމުގައި ބަގުޑި ބައްދާށެވެ.